ރާޝިދުގެ ކެމްޕެއިނަށް ގާސިމް އިބްރާހިމްއާއި، ޖޭޕީގެ ވަފުދު ކޮމަންޑޫއަށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް ވަޑައިގެންފިއެވެ.
ގާސިމް އިބްރާހިމް މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންގެ ވަފުދެއް ވަނީ އެ ދާއިރާއަށް ގޮސްފައެވެ.
ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް މިވަޑައިގެންނެވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނަށެވެ.
މިދަތުރުފުޅުގައި ކޮމަންޑޫ ދާއިރާގައި ހިމެނޭ 3 ރަށަކަށް ގާސިމް އިބްރާހިމްއާއި އެމަނިކުފާނުގެ ޓީމު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޖުމްހޫރީ ޕާޓީން ތާއީދުކުރުމަށް ނިންމާފައިވަނީ، އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ރާޝިދުއަށެވެ.
ގާސިމް އިބްރާހިމްއާއި، އެމަނިކުފާނުގެ ޓީމުގެ މިދަތުރުގައި، މުހަންމަދު ރާޝިދުއަށް ތާއީދު ހޯއްދެވުމަށް ކޮމަންޑޫ ދާއިރާގައި ހިމެނޭ ރަށްރަށުގައި ތަފާތު ހަރަކާތްތައް ހިންގެވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ކެންޑިޑޭޓް މުހަންމަދު ރާޝިދުއަށް ތާއީދު ހޯއްދެވުމަށް ގާސިމް އިބްރާހިމް ކޮމަންޑޫ ދާއިރާއަށް މިއަދު ވަޑައިގެންނެވިއިރު، ރާޝިދުއަށް ތާއީދު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހަންމަދު ސާލިހްއާއި، ނައިބް ރައީސް ފައިސަލް ނަސީމްއާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދުގެ އިތުރުން، ސަރުކާރުގެ ވަޒީރުންނާއި، އެމްޑީޕީގެ ވެރިންވެސް ވަނީ ކޮމަންޑޫ ދާއިރާއަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ބާއްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ އަންނަ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަން މިބާއްވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު ހުސްވި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ