ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމުގެ މަސައަކަތް ކުރުމަށް އޮޅުވާލައިގެން ގިނަ އަދަދެއްގެ ބިދޭސީން ރާއްޖެ އެތެރެކޮށް، މުވައްޒަފުންނަށް މުސާރަނުދީ މަސައްކަތް ކުރުވި މައްސަލާގައި ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ހިއުމަން ޓްރެފިކިންގެ ދައުވާ ކޮށްފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މެމްބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، 12 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާ ޙަވާލާދީ، 17 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މިމައްސަލައިގެ ތަހްގީގަށް ކޯޓު އަމުރެއްގެ ދަށުން އާރ.އައި.އެކްސް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ބަލައިފާސްކުރުމަށް ފުލުހުން ކުރި މަސައްކަތަށް ހުރަސްއަޅާފައިވާތީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 530 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާކަމަށް ޝަފީއު ވިދާޅުވިއެވެ.
ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީކުރުމަށް މެމްބަރ ރިޒާގެ ކުންފުނި އާރް.އައި.އެކްސް ޕްރައިވެޓް ލިމިޓެޑުން ހަވާލުވެ، ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ބިދޭސީން އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކުރިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ތުހުމަތު ކުރެއެވެ.
ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ޤާނޫނާ ޚިލާފަށް މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން ބޮޑުފިނޮޅުގައި ބިދޭސީ މަސައްކަތްތެރީންނަށް މުސާރައާއި އުޖޫރަ ނުދީ ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވި ކަމަށްވެސް ތުހުމަތު ކުރެއެވެ.
އަދި އޭގެތެރެއިން، މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި، ވަޒީފާއިން ވަކިކޮށް، ބޮޑުފިނޮޅުގައި މަސައްކަތުގައި ދެމިތިބުމަށް ބިދޭސީންނަށް މަޖުބޫރުކުރި ކަމަށްވެސް ރިޒާގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް އަހުމަދު ޝަފީއު ވިދާޅުވިއެވެ.
މީގެ އިތުރުން، އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި މަސައްކަތްތެރީންގެ ޙައްޤުތަކާއި ގުޅުންހުރި އެހެން ފީއާއި ފައިސާ ނުދައްކައި މަސައްކަތްތެރީންގެ ޙައްޤުތައް ނިގުޅައިގަނެފައިވާ ކަމަށްވެސް ދައުލަތުން ތުހުމަތު ކުރެއެވެ.
މެމްބަރު ރިޒާގެ އިތުރުން، މިމައްސަލާގައި ށ. މިލަންދޫ ރެޑްރޯސް، ނަސްރުﷲ އުސްމާން އަދި ނ. މާފަރު ބްލާސަމްގެ، ހަސަން އުމަރުގެ މައްޗަށް މީހުން ޓްރެފިކް ކުރުމުގެ ކުށުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާ ކަމަށް އަހުމަދު ޝަފީއު މައުލޫމާތު ދެއްވައެވެ.
މިމައްސަލަ ފެންމަތިވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މައްސަލާގައި މެމްބަރު ރިޒާގެ މައްޗަށް ދައުވާ ކޮށްދިނުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
މިމައްސަލާގައި ދައުވާ ކުރުން ލަސްވީ އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރުމަށް ކަމަށް މީގެކުރިން، ޝަފީއު ވިދާޅުވެފައި ވެއެވެ.
މެމްބަރު ރިޒާގެ މައްޗަށް ދައުލަތުން ހިއުމަން ޓްރެފިކިންގެ ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ