ޖެންސާއަށް މެމްބަރު މުބީންގެ ރައްދު!

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖެރެޑް ޖެންސާ ރާއްޖެއާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަށް ޕީޕީއެމްގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ރައްދު ދެއްވައިފި އެވެ. ޖެންސާ އިސްވެ އުފައްދާފައިވާ "ފްރީޑަމް ނައު"ގެ ފަރާތުން ރާއްޖެއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި މުބީން ވަނީ މިއަދު އިނގެރޭސި ބަހުން ރިޕޯޓެއް ނެރުއްވާފަ އެވެ. މުބީން ވިދާޅުވީ، ކަނޑައެޅިގެން އެއް ފަރާތަކަށް ބުރަވެ، ރާއްޖެއާ ގުޅޭގޮތުން ޖެންސާ ދައްކަވާފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަމުގެ މަގުސަދަކީ ރާއްޖެ ބަދުނާމުކޮށް، ރާއްޖެއާ މެދު ނަފުރަތު އުފެއްދުން ކަމަށެވެ. ޖެންސާ ވަނީ މި ސަރުކާރަކީ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތައް ހިންގާ، ޑިމޮކްރެޓިކް އުސޫލުތަކުން ބޭރުވެފައިވާ، އަދި އިދިކޮޅު ސިޔާސީ ވެރިން ހިފައި ހައްޔަރުކޮށް، ނުހައްގު ދައުވާ ކުރާ ސަރުކާރެއް ކަމަށާއި، ރާއްޖޭގައި ނޫސްވެރިކަމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތްް ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ބައެއް އިސް ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްވެސް ޖެންސާ ވަނީ ގޮވާލައްވާފަ އެވެ. ފްރީޑަމް ނައު އިން އެ ރިޕޯޓު އެމެރިކާގެ ވައިޓް ހައުސް އަށް ފޮނުވިތާ މަހަކަށް ވުރެ ގިނަ ދުވަސްފަހުން މުބީން ނެރުއްވި ރިޕޯޓުގައި ބުނެފައި ވަނީ ޖެންސާ ދައްކަވާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތް އޮޅުވާލުމަށް ދައްކާފައިވާ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. "ޖެރެޑް ބަޔާންކޮށްފައިވާ މިންވަރަކަށް ރާއްޖޭގައި އެކަންތައްތަކެއް ނެތް،" މެމްބަރު ވިދާޅުވި އެވެ. ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވައި ފްރީޑަމް ނައުގެ ރިޕޯޓުގައިވާ ކަންކަމަށް ރައްދު ދެއްވައި މުބީން ވިދާޅުވީ، ސަރުކާރުން ހަމައެކަނި މަސައްކަތް ކުރަނީ ޗައިނާއާ އެކުގައި ނޫން ކަމަށާއި، ސައުދީ އަރަބިއްޔާ އަދި އިންޑިއާ އާއެކުވެސް ދިވެހި ސަރުކާރުން ގުޅުން ބަދަހިކުރަމުން އަންނަ ކަމަށެވެ. "ތަރައްގީ ހޯދުމަށް އަޅުގަނޑުމެން މިތިބީ ކޮންމެ ބަޔަކާވެސް ގުޅުން ބަަދަހި ކުރުމަށް. ހަމައެކަނި ޗައިނާއެއް ނޫން. އިންޑިއާ އާއެކީވެސް މިދަނީ ގުޅުން ބަދަހި ކުރަމުން. ސައުދީ އާއެކުވެސް މި ދަނީ ގުޅުން ބަދަހި ކުރަމުން،" މުބީން ވިދާޅުވި އެވެ. ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންވެސް "ގެއްލުވާލާފައި ވަނީ" ސަރުކާރާ ދެކޮޅަށް ވާހަކަދެއްކުމުން ކަމަށާއި އަދި ރާއްޖޭގައި ސަރުކާރާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ ނޫސްވެރިޔަކަށްވެސް ވާނީ އެހެންކަމަށް ދޭހަވާ ގޮތަށް ޖެންސާ ވާހަކަދައްކާފައިވާ ކަމަށާއި، ރާއްޖޭގައި ނޫސްވެރިންނަށް މިނިވަންކަން ލިބޭ މިންވަރަށް އެހެން ގައުމެއްގައި އެ މިނިވަންކަން ނުލިބޭ ކަމަށް މުބީން ވިދާޅުވި އެވެ. "ސަރުކާރާ އިދިކޮޅު މީޑިއާ ތަކުން ހަމަ ކޮންމެ އެއްޗެސްވެސް ލިޔަމުން ދަނީ ނޫންތޯ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާ ގުޅުވައިގެންވެސް ހަމަ އެކިއެކި ވާހަކަ ލިޔަނީ ނޫންތޯ. އެކަމަކު ސަރުކާރުން އެކަން މަނައެއް ނުކުރޭ. ނުދޭ ހުއްޓުވާކަށް. ދެން ގަބޫލުކުރައްވަން ޖެހޭނެ ކޮންމެ ތަނެއްގައިވެސް ކޮންމެސް ކަހަލަ ކަންތައްތަކެއް ހުންނާނެ،" އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުންވެސް ރާއްޖެއާ ގުޅުވައިގެން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާފައިވާތީ މުބީންގެ ރިޕޯޓު ފޮރިން މިނިސްޓްރީ އާ ހިއްސާކޮށް، ބައިނަލްއަގުވާމީ ދުނިޔެއަށް ހަގީގަތް ހާމަކޮށްދެއްވާނެ ކަމަށް މުބީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ