ޑީއާރުޕީ އާއި އެމްޑީޕީ އެއް މޭޒުދޮށަށް އަތުވެއްޖެ

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ ޑީއާރުޕީ އާއި އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ދެމެދުގައި ބަހުގެ ހަމަލާ ދެމުންދާތާ އެތައް ދުވަހަކަށް ފަހު، އެ ދެ ޕާޓީ ފުރަތަމަ ފަހަރަށް އެއް މޭޒުދޮށެއްގައި ބައްދަލުވެއްޖެ އެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހަލުއިކުރުމަށްޓަކައި އެ ދެ ޕާޓީގެ ދެމެދުގައި ބާއްވާ ވާހަކަތައް ފެށުމުގެ ކުރިން، އެ ވާހަކަތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުން ފެށީ މިއަދު ހެނދުނު 30: 10 ގައި ދަރުބާރުގޭ ހަކުރާ މާލަމުގަ އެވެ. މި ވާހަކަތައް ދޮޅުގަޑިއިރެއްހާ އިރަށް ކުރިއަށް ދިޔަ އެވެ.
އެ ބައްދަލުވުމަށް ފަހު ދެ ޕާޓީން ނެރެފައިވާ ގުޅިފައިވާ ކުރު ބަޔާނުގައި ވަނީ އެ ދެ ޕާޓީގެ ދެ މެދުގައި ބައްދަލުވުން ބާއްވާ ގޮތަށް މިއަދުގެ ބައްދަލުވުމުން ނިންމި ކަމަށެވެ.
"އަދި ގާނޫނު އަސާސީ އިސްލާހުކުރުމަށް ވާހަކަ ދެއްކުމުގެ އިތުރުން އިސްލާހީ ބަދަލުތަކާ ގުޅޭ އެހެނިހެން ވާހަކަތައް ދެއްކުމުގެ މުހިންމުކަމާ މެދު މަޝްވަރާކުރެވުނެވެ." ގުޅިފައިވާ ބަޔާނުގައިވެ އެވެ.
ޑީއާރުޕީ އާއި އެމްޑީޕީން ވެސް ބުނީ މިއަދުގެ ބައްދަލުވުމަކީ ވާހަކަތައް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. "ދޮރު ބަންދުކޮށްގެން" ބޭއްވި މިއަދުގެ ބައްދަލުވުން ނިމިގެން ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ވެސް އެ ބައްދަލުވުމުގައި ދެ ޕާޓީން ބައިވެރިވި ބައެއް މެމްބަރުން ވެސް ވިދާޅުވެފައިވެ އެވެ.
ޑީއާރުޕީ އާއި އެމްޑީޕީއާ ދެމެދު ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ދެ ޕާޓީން ހޮވާފައިވާ ޓީމުގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން ކޮންމެ ޕާޓީއަކުން ވެސް އެއް ބޭފުޅަކު މިއަދު ވަޑައެއް ނުގަންނަވަ އެވެ. ޑީއާރުޕީގެ ޓީމުން ހާޒިރުވެ ވަޑައިނުގަންނަވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނ. މެމްބަރު އަބްދުﷲ ޔާމީނެވެ. އެމްޑީޕީން ހިޔަނި ކެބިނެޓްގެ މެމްބަރު މުހައްމަދު އަސްލަމެވެ.
ޑީއާރުޕީގެ ވަފުދުގެ އިސްކޮށް ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މ. މެމްބަރު އަނީސާ އަހުމަދު ވިދާޅުވީ ޔާމީން ބައްދަލުވުމަށް ވަޑައިނުގެންނެވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް ވެސް )އޭނާ( ވަޑައިނުގަންނަވާ ކަން އެނގުނީ މިތަނަށް އައުމުން،" މިއަދުގެ ބައްދަލުވުން ނިމުމަށް ފަހު އަނީސާ ހަވީރަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ވަފުދުގެ އިސްކޮށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތ. މެމްބަރު ހަސަން އަފީފު ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް އަސްލަމަށް ވަޑައިނުގެންނެވުނީ ކަމަށެވެ.
މިއަދުގެ ބައްދަލުވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައިވާ ވާހަކަތަކުގެ އިތުރުން، ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކާ މެދު ދެ ޕާޓީން ވެސް އެހެން އެއްޗެއް ނުބުނެ އެވެ.
ޑީއާރުޕީގެ ދައުވަތަށް ބާއްވާ ވާހަކަތައް ފެށުމަށް އެމްޑީޕީން ފުރަތަމަ ކަނޑައެޅީ މި މަހުގެ ފަހެކެވެ. ޑީއާރުޕީއާ މަޝްވަރާނުކޮށް ތާރީހާއި ޕްރޮގްރާމް ކަނޑައެޅުމަށް ފަހު އެ ދުވަހުގެ ބައްދަލުވުމަށް ޑީއާރުޕީ އައުމަށް އެމްޑީޕީން ޑީއާރުޕީ އަށް އެންގި އެވެ. ނަމަވެސް ޑީއާރުޕީން އެ ބައްދަލުވުމަށް ނުދިޔައީ އެ ޕާޓީއާ މަޝްވަރާނުކޮށް ތާރީހާއި ޕްރޮގްރާމް ކަނޑައެޅުމުން ކަމަށް އެ ޕާޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ