އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެން ރައީސުލް ޖުމްހޫރިޔާ މުހައްމަދު ނަޝީދު އެ މަޖިލީހަށް ހުށަހަޅުއްވާފައިވާ އަލީ މުހައްމަދު މަނިކާއި އަހްމަދު ފަޔާޒް ހަސަން، އެ ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި އެވެ.
އެ ދެ ބޭފުޅުންގެ ގާބިލުކަމާއި ތަޖުރިބާއާ ގުޅޭ ގޮތުން މަޖިލީހުގެ ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކުރި ދިރާސާ އަށް ފަހު ހުށަހެޅި ރިޕޯޓާ މެދު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރުމަށް ފަހު ނެގި ވޯޓުގައި އަލީ މުހައްމަދު މަނިކު، ދަފްތަރު ،1851 އިލެކްޝަންސް އަށް އައްޔަންކުރުމަށް ތާއީދުކުރައްވައި ވޯޓު ދެއްވީ 51 މެންބަރުންނެވެ. ހާޒިރުވެ ތިއްބެވި 54 މެމްބަރުންގެ ތެރެއިން ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.
އަހްމަދު ފަޔާޒް ހަސަން، މ. ހަޒާރީ ވިލާ، އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް ތާއީދުކުރައްވައި ވޯޓު ދެއްވީ ހާޒިރުވެ ތިއްބެވި 54 މެންބަރުންގެ ތެރެއިން 50 މެންބަރުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މި ދެ ބޭފުޅުން އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމާ ގުޅޭ ގޮތުން ދިރާސާކުރި ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ސުވާލުކޮށް އިންޓަވިއުކޮށް މައިގަނޑު ފަސް ދާއިރާއަކުން މާކްސް ދީގެން އެ ބޭފުޅުންގެ ފެންވަރާއި ގާބިލުކަން ވަޒަންކުރުމަށް ފަހު ކޮމިޓީން ނިންމާފައިވަނީ، 80 ޕަސެންޓަށް ވުރެ މަތިން ލިބޭ ބޭފުޅަކީ، އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް އެންމެ ރަނގަޅު ބޭފުޅެއް ކަމުގައި ނިންމުމަށެވެ. އަދި 80- 70 ޕަސެންޓް ލިބިއްޖެ ނަމަ، ކޮމިޓީގައި ވޯޓެއް ނަގައިގެން އެ ބޭފުޅަކާ މެދު ގޮތެއް ނިންމުމަށެވެ. އަދި 70 ޕަސެންޓަށް ވުރެ ދަށް މާކްސްއެއް ލިބޭ ބޭފުޅަކީ، އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަން ނުފެންނަ ބޭފުޅެއް ކަމުގައި ނިންމުމަށެވެ.
އެ ގޮތުން އަލީ މުހައްމަދު މަނިކަށް ކޮމިޓީގެ ދިރާސާގައި ލިބިފައިވަނީ 76 ޕަސެންޓް މާކްސް އެވެ. އަދި އަހްމަދު ފަޔާޒް ހަސަން އަށް ލިބިފައިވަނީ 71 ޕަސެންޓް މާކްސް އެވެ. މި ދެ ބޭފުޅުންނަށް ވެސް 70- 80 މާކްސް ލިބުމާ ގުޅިގެން ކޮމިޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގެ އަޣުލަބިއްޔަތުން ނިންމީ، މި ދެ ބޭފުޅުންނަކީ ވެސް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރަން އެންމެ ރަނގަޅުކަމަށް މަޖިލީހަށް ލަފާ އެރުވުމަށެވެ.
އަލީ މުހައްމަދު މަނިކާއި އަހްމަދު ފަޔާޒް ހަސަން އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ