ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ފުރަތަމަ ފަހަރަށް މެމްބަރެއްގެ ނަން މިރޭ އިއްވައި، އެ މެމްބަރު ކޮމެޓީ ދޫކުރައްވައި ވަޑައިގަތުމަށް، ކޮމެޓީގެ މުގައްރިރު އަންގަވައިފި އެވެ.
މިރޭ 30: 8 ގައި ބޭއްވި ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ނަން، ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު އިއްވެވީ، އެ ކޮމެޓީ ކުރިއަށް ގެންދިއުމަށް މަހުލޫފު ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ އެވެ.
މިހާރު ރާއްޖޭގެ ކަންތައްތައް ހިނގަމުންދާ ގޮތުން، ގައުމުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ތިން މެމްބަރަކު ހުށަހެޅުއްވި މި މައްސަލައިގެ ބަހުސް ފެށިތަނާ، ކޮމެޓީ ހޫނުވީ މަހުލޫފު ދެއްކެވި ވާހަކައިގެ ތެރޭގައި، ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ނަން ވިދާޅުވިއިރު "އިއްޒަތްތެރި" އެ އިބާރާތް ވިދާޅު ނުވުމުން މޫސަ ނިޒާމީ މައްސަލައެއް ނެންގެވުމުންނެވެ. އަދި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މެމްބަރެއްގެ ނަން ވިދާޅުވާއިރު "އިއްޒަތްތެރި" އެ އިބާރާތް ކިޔަންޖެހޭނެ ކަމަށް މޫސަ ވިދާޅުމުން، މަހުލޫފު އެއާ ޗެލެންޖް ކުރެއްވީ އެވެ. އެއާއެކު އެ އިބާރާތް ކިޔުމާ މެދު ހިޔާލު ތަފާތުވެ އެންމެ ފަހުން މުގައްރިރު ވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާ ހޯއްދަވައިފަ އެވެ.
ކައުންސެލް ޖެނެރަލްގެ ލަފައަށް ފަހު، މުގައްރިރު ރޫލިން ނެރުއްވީ މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށެވެ. އެ މާއްދާގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، މަޖިލީހުގެ މެމްބަރުންގެ އަމަލުތައް އަބަދުވެސް ބަހައްޓަން ވާނީ މަޖިލީހުގެ ގަދަރާއި ޝަރަފާއި ކަރާމާތާއި އަބުރު ދެމެހެއްޓޭނެ ގޮތެއްގެ މަތިން ކަމަށާއި ގަވާއިދުގެ ރޫހަށް ކޮމެޓީގެ މެމްބަރުން އިހުތިރާމްކުރަން ވާނެ ކަމަށެވެ. އަދި އެ މާއްދާއަށް އިޝާރާތްކުރައްވައި މުގައްރިރު ވިދާޅުވީ، އެ ކޮމެޓީގައި ވެސް އެއް މެމްބަރަކު އަނެއް މެމްބަރަކަށް މުހާތަބުކުރައްވަން ވާނީ މަޖިލީހުގެ ޖަލްސާތަކުގައި އަމަލުކުރާ އުސޫލުން، މެމްބަރުންގެ ނަމުގެ ކުރިއަށް "އިއްޒަތްތެރި" އެ އިބާރާތް ލައިގެން ކަމަށެވެ.
އަލީ ވަހީދު އެ ރޫލިން ނެރުމާއެކު މަހުލޫފު "ހޫނުވެ" ޗެލެންޖް ކުރައްވަން ފެއްޓެވި އެވެ. މަހުލޫފު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި، މެމްބަރުންގެ ނަން ކިޔާއިރު "އިއްޒަތްތެރި" ލައިގެން މުހާތަބުކުރަން ބުނަނީ، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.
އެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި މަހުލޫފު ގޮތް ދޫނުކުރައްވައި ޗެލެންޖް ކުރެއްވުމުން އެކަން އެ ގޮތަށް ކަންތައް ނުކުރެއްވުމަށް ތަކުރާރުކޮށް މުގައްރިރު ނަސޭހަތްތެރިވެ، މަހުލޫފަށް ވާހަކަ ދެއްކެވުމަށް ދެއްވި ފުރުސަތު އެންމެ ފަހުން އަތުލެއްވީ އެވެ. ނަމަވެސް މަހުލޫފު ޗެލެންޖް ކުރައްވައި ވިދާޅުވަމުން ގެންދެވީ، އެއްވެސް މެމްބަރެއްގެ ފުރުސަތެއް މުގައްރިރަށް އެ އުސޫލުން އަނބުރާ ނުގެންދެވޭނެ ކަމަށެވެ. އެހެންވެ މުގައްރިރު، ފަހުގެ އިންޒާރު ދެއްވައި އެންމެ ފަހުން މަހުލޫފުގެ ނަން އިއްވެވީ އެވެ. އަދި ކޮމެޓީ އަލުން ކުރިއަށް ގެންދަވާނީ މަހުލޫފު ކޮމެޓީ ދޫކުރައްވައި ވަޑައިގަތުމުން ކަމަށް ވިދާޅުވެ ތިން މިނިޓަށް ކޮމެޓީ މެދުކަނޑާލެއްވި އެވެ.
ނަމަވެސް މަހުލޫފު ކޮމެޓީ ދޫކުރައްވައި ވަޑައިނުގެންނެވުމުން، އަލީ ވަހީދު މައްސަލަ ބާތިލުކުރައްވައި ކޮމެޓީ ނިންމަވާލެއްވީ އެވެ.
މަހުލޫފުގެ ވާހަކައިގައި ރީކޯ މޫސައަށް މުހާތަބުކުރެއްވީ ހުޅުހެންވޭރު ދާއިރާގެ "އިއްޒަތްތެރި ފަނޑިޔާރު" ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވެ އެވެ.
ސިފައިން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް، ފުލުހުން ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް ތަކުރާރުކޮށް ހައްޔަރުކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖޭގެ ކަންތައްތައް ހިނގަމުންދާ ގޮތުން، ގައުމުގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެ ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވީ މަހުލޫފުގެ އިތުރުން ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް އާއި އަލިފުށީ ދާއިރާގެ އަހުމަދު ނާޝިޒެވެ.
ކޮމެޓީގައި "އިއްޒަތްތެރި" މެމްބަރު ކިޔުމާ މެދު ހިޔާލު ތަފާތުވެ، ފުރަތަމަ ފަހަރަށް ކޮމެޓީއެއްގައި މެމްބަރެއްގެ ނަން އިއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ