މިއަދު ކޯޓަށް ހާޒިރުވެވަޑައި ނުގެންނެވި ނަމަވެސް ޕޮލިސް ކޮމިޝަނަރު ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވާނަން: ގާޒީ

ކުރިން ފޮނުވާފައިވާ ޗިޓާ އެއްގޮތަށް ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މަދަނީ ކޯޓަށް މިއަދު ހާޒިރު ވަޑައިނުގެންނެވި ނަމަވެސް އެ މަނިކުފާނު ކޯޓަށް ހާޒިރު ކުރުވައި ޖަވާބުދާރީ ކުރުވާނެ ކަމަށް މަދަނީ ކޯޓުގެ ގާޒީ މުހައްމަދު ނައީމް ވިދާޅުވެއްޖެ އެވެ.
ޕޮލިސް ކޮމިޝަނަރު މިއަދު ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ފޮނުވި އަމުރު ބާތިލުކުރައްވާފައިވާ ކަމަށް އަޑުތަކެއް ފެތުރިފައިވާތީ ސުވާލު ދެންނެވުމުން ގާޒީ ނައީމު ވިދާޅުވީ ޕޮލިސް ކޮމިޝަނަރަށް ފޮނުވި ކޯޓަށް ހާޒިރުވުމުގެ އަމުރު ދެމިއެބައޮތް ކަމަށާއި ނަމަވެސް ކޮމިޝަނަރު ރަސްމީ ދަތުރުފުޅެއްގައި ބޭރަށް ވަޑައިގަންނަވާތީ އެހެން ފުރުސަތަކަށް އެދި ވަޑައިގެންފައިވާ ކަމަށެވެ.
"އިސް ގާޒީ އަޅުގަނޑަށް އެބައޮތް ސިޓީއެއް ދެއްވާފައި. އޭގައި ބުނަނީ ކޮމިޝަނާ ރަސްމީ ދަތުރުފުޅެއް ކުރައްވާތީ އެހެން ފުރުސަތަކަށް އެދިވަޑައިގަންނަވާ ކަމަށް، އަދި ކޯޓުން ބޭނުންވާ ދުވަހަކަށް އެއްބާރުލުން ދެއްވާނެ ކަމަށް. އެހެން ފަރާތްތަކަށް ވެސް މި ހާލަތުގައި އަމަލު ކުރާ އުސޫލު އެއީ. އެފުރުސަތު ވަނީ ދެއްވާފައި،" ގާޒީ ވިދާޅުވި އެވެ.
މަދަނީ އެންމެ ބޮޑެތި ވިޔަފާރީގެ މައްސަލަތައް ހިންގުމުގައި މަޝްހޫރުވެވަޑައިގެންފައިވާ ގާޒީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ މައްސަލައިގައި ކަންތައް ދިޔަ ގޮތުންނާއި އެނޫނަސް ކޯޓަށް ހާޒިރުކޮށްދޭންޖެހޭ ފަރާތްތައް ކޯޓަށް ހާޒިރު ކުރުމުގައި ފުލުހުންގެ ފަރާތުން ދޭންޖެހޭ އެއްބާރުލުން ލިބެމުން ނުދާތީ ޕޮލިސް ކޮމިޝަނާ ކޯޓަށް ހާޒިރު ކުރައްވައި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވާނެ ކަމަށާއި އެކަން ހުއްޓާލާފައި ނުވާ ކަމަށެވެ.
"ކޮންމެވެސް އެއް ސިފައެއްގައި ކޮމިޝަނާ ހާޒިރު ކުރުވައި ޖަވާބުދާރީ ކުރުވާނަން، އެކަމަކަށް ނިމުމެއް ނާދޭ،" ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ ބަޖެޓް ނެތް ކަމަށް ވިދާޅުވެ ކޯޓަށް މީހުން ހާޒިރުކޮށްދެވެން ނެތް ކަމަށް ކޮމިޝަނާގެ ފަަރާތްޕުޅުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމަށާއި ކޮމިޝަނާ ހާޒިރު ކުރައްވާއިރު އެކަމާ ބެހޭ ގޮތުން ވެސް އޮޅުންފިލުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކޯޓަށް މީހުން ހާޒިރު ކުރުވުމުގައި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދައުރެއް ނެތް ކަމަށާއި ފުލުހުންގެ އިދާރާއިން އެ ވަޑައިގަންނަވަނީ ނުބައި މަގަކުން ކަމަށެވެ.
"މީހުން ހާޒިރު ނުވެ ދާ ދިއުމުގައި އާންމުންގެ ޝަކުވާތައް އަމާޒުވަނީ އަޅުގަނޑުމެނަށް. އެހެންވީމާ އެ ބޭފުޅުންނާއި ސުވާލުކޮށް އެކަމަށް ނިމުމެއް ގެނައުމަށް ބޭނުންވޭ. މިކަން އާންމުންނަށް އޮޅުންފިލުވައިދޭން ޖެހޭ،" ގާޒީ ވިދާޅުވި އެވެ.
ކޮމިޝަނަރަށް ފޮނުވި އަމުރު ދެމިއެބައޮތް ކަމަށް ކޯޓުން ބުނި ނަމަވެސް ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ ކޮމިޝަނަރު ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް ފޮނުއްވި އަމުރު ކޯޓުން ކެންސަލް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ފުލުހުންގެ އިސް ވެރިންނާ އެކު ބައްދަލުވުމެއް އިންތިޒާމު ކުރުމަށް ކޯޓުން އެދިފައިވާތީ އެ ބައްދަލުވުމުގައި އެ އިދާރާ އިން ބައިވެރިވެވަޑައިގަންނަވާނެ ފަރާތްތައް ކޯޓަށް އަންގާފައިވާނެ ކަމަށެވެ.
ގާޒީ ނައީމް ވިދާޅުވީ ފުލުހުން އިޝާރާތްކުރާ ފަދަ ބައްދަލުވުމެއް ހިނގާ ނަމަ އެއީ އިދާރީ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ