ސަރުކާރުގެ ފަރާތުން ފެންނަމުންދަނީ އަހުދެއް ކޮށްފިއްޔާ އެކަމާ ހިލާފުވާ ތަން ކަމަށާއި ފެންނަމުންދަނީ ދައްކާ ވާހަކަތަކާއި އަމަލުތައް ދިމާވަމުން ނުދާތަން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އދ. މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ސަރުކާރަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ސަރުކާރާ އެކު ކުރިން ކޯލިޝަނެއްގެ ގޮތުގައި އިސްކޮށް މަސައްކަތް ކުރެއްވި ގާސިމް ވިދާޅުވީ ސަރުކާރުން ހުރިހާ ގޮތަކުން ވައުދުތަކާ ހިލާފުވަމުންދާ ކަމަށެވެ.
"އަމިއްލަ ފިންގަ ޕްރިންޓް ޖައްސަވައިގެން ކުރައްވާފައިވާ ކަންތައްތަކާއި ކުރެވިފައިވާ އެގްރީމަންޓްތަކާ އެއްގޮތަށް ހަމަ އެއްވެސް އަމަލެއް ނުކުރައްވައި އެ ބަޔަކާ އެކީގައި އިއްތިހާދުވެގެން ވެރިކަން ކުރުމަށް ނުކުތް މީހުންނާ އެންމެންގެ މޫނުމަތީގައި ތަފާލަކުން ޖަހައި ބޭރު ކުރަމުން ދިޔަ ތަން އަދި މިއަދު ވެސް ކޮންޓިނުއަސްކޮށް ދާ ތަން މި ފެންނަނީ. މިއީ ވަރަށް ހިތާމަ ހުރި ކަމެއް،" ސަރުކާރު ހިންގާ އެމްޑީޕީއާ އެކު ޖުމްހޫރީ ޕާޓީން ކޮށްފައިވާ ކޯލިޝަން އެގްރީމަންޓާ ސަރުކާރުން ހިލާފުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުން ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި ދިވެހި ގައުމީ ޕާޓީގެ އެންމެން ސަރުކާރުން ބޭރުކޮށްފައިވާ ކަމަށާއި އެ މީހުން ސަރުކާރަށް ގެނައީ އެއްބަސްވެ ވައުދުތަކެއްގެ ތެރެއިން ކަމަށެވެ. ގާސިމް އެހެން ވިދާޅުވި ނަމަވެސް އަދާލަތު ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުން އަދި ތިއްބެވީ ސަރުކާރުގަ އެވެ.
"އެހެންވީމަ ވައުދާއި އަހުދަށް ހިޔާނާތްތެރިވުމަކީ ކޮން ފަދަ ކަމެއްތޯ،" ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހޯމް މިނިސްޓަރުކަން ފުރަތަމަ ކުރައްވައި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލައަށް އިސްތިއުފާ ދެއްވި ގާސިމް ލާމަރުކަޒީ ބިލަށް ފާޑުވިދާޅުވަމުން ވިދާޅުވީ އެ ބިލް ތައްޔާރު ކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްމައްޗަށް ބާރުތައް ގެންނަ ގޮތަށް ކަމަށާއި އެއީ ބޮޑު "ޖަރީމާ" އެއް ނޫން ގޮތަކަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އެހެންވީމަ މި އިއްޒަތްތެރި މަޖިލީހަށް ދަންނަވާލަން އޮތީ މި ބިލް ކޮމެޓީއަކަށް ގެންދަވައިގެން ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އެންމެ ފައިދާހުރި، އެންމެ މަސްލަހަތު ހުރި ގޮތަކަށް ނިންމަވާފައި ރައްޔިތުންގެ އަތްމައްޗަށް ބާރު ލިބޭ ގޮތަކަށް އަޅުގަނޑުމެން މިކަން ކުރަން ވެއްޖެއޭ،" ރައީސް ނަޝީދަށް ވެރިކަން ހޯއްދަވައި ދެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ގިނަ ބަޔަކު ބުނާ ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާލަން އޮތީ މި ދައްކާ ވާހަކަތަކާއި މި އަޑުތަކަކީ މުޅިން ވަކި ބައެއްގެ ބޭނުމަކަށްޓަކައި ސަރުކާރުން، ސަރުކާރު ހިންގަން ތިބި ބައެއްގެ ނުވަތަ އެ ޕާޓީގެ ބޭނުމުގައި ކުރަމުންދާ ކަންތައްތަކެކޭ."
ގާސިމް ވިދާޅުވީ ޕްރޮވިންސްތަކަކަށް ބަހާލައިގެން ލާމަރުކަޒީ ގޮތުން ހިންގަން ސަރުކާރުން ބޭނުންވުމަކީ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ ބާރުތައް ކުޑަކުރުމުގެ ބޭނުމުގައި ދައްކާ ބަހަނާއެއް ކަމަށާއި އެއީ ރައްޔިތުން ގަބޫލުކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.
ސަރުކާރުގެ ފަރާތުން އަޅުގަނޑުމެންނަށް ފެންނަނީ އަހުދެއް ކޮށްފިއްޔާ އެކަމާ ހިލާފުވާ ތަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ