އަހުމަދު މުއިއްޒު ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ ހުވާ ކުރައްވައިފި

ޕްރޮސެކިއުޓަ ޖެނެރަލް ކަމުގެ މަގާމަށް މއ. ޑޯންޝައިން އަހްމަދު މުއިއްޒު އައްޔަން ކުރައްވައި، އެމަނިކުފާނު އެ މަގާމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
އަލްއުސްތާޒު އަހްމަދު މުއިއްޒު މިމަގާމަށް ރައީސް މުހަންމަދު ނަޝީދު އައްޔަން ކުރެއްވި ކަމުގެ ލިޔުން އެމަނިކުފާނާ ރައީސް ހަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަދުލު އިންސާފު ގާއިމުކުރެއްވުމުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ ވާޖިބު ފުރިހަމައަށް އަދާކުރައްވާނެ ކަމަށް ޔަގީން ކުރައްވާކަމަށް ވިދާޅުވި އެވެ.
އަހްމަދު މުއިއްޒަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދެވެ.
ރައީސް މުހަންމަދު ނަޝީދު މިއަދު ވަނީ، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ފަސް މެމްބަރުން ވެސް އައްޔަން ކުރައްވައިފަ އެވެ. އެއީ، މއ. ބޯގަންވިލާ ޝަހިންދާ އިސްމާއީލާއި ހ. ފަޅަގަޑިގޭ ޑރ. އަބްދުﷲ ވަހީދާއި ހ. މީނާޒް ޑރ. ހާލާ ހަމީދާއި ހ. މާދޫ އަހްމަދު އަސްލަމާއި ހ. ގްލޯރިއޯސާ އަލީ ނަދީމެވެ. މި ބޭފުޅުންގެ ތެރެއިން ކޮމިޝަންގެ ރައީސާ ކަމަށް ހަމަޖެއްސެވީ ޝަހިންދާ އިސްމާއީލެވެ. ނައިބު ރައީސަކަށް ހަމަޖެއްސެވީ ޑރ. އަބްދުﷲ ވަހީދެވެ.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިކޮމިޝަނަކީ ވަރަށް މަތިވެރި ދައުރެއް އަދާކުރާނެ ކޮމިޝަނެއް ކަމަށް ވިދާޅުވި އެވެ. އަދި ކޮމިޝަންގެ ބެއްލެވުމުގެ ދަށުން ފުލުހުންނާ ގުޅޭ ކަންތައްތައް ރިވެތި ގޮތުގައި ހިނގަމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ