މި ބަލިމަޑުކަމަކީ މާތްﷲ ގެ ކޯފާއެއް ނޫން: މައުމޫން

މިހާރު ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމަކީ މާތްﷲ ގެ ކޯފާއެއް ނޫން ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން ރޯދަ މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ދިނާއި ދުނިޔެ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ މިފަދަ ކަންތައްތަކަކީ އެއްގޮތަކަށް ވެސް ވަކި ކަމެއް ދިމާވެގެންވާ ކަމެއް ނޫން ކަމަށާއި ދުނިޔެވީ ހަޔާތުގައި އުޅޭއިރު އެއްބައި ދުވަސްތައް ވާނީ އުފާވެރި އަދި އަނެއް ބައި ދުވަސްތައް ވާނީ ހިތާމަވެރި ދުވަސްތަކަކަށް ކަމަށެވެ.
"މިއީ މިކަން އޮންނަ ގޮތް. ވަކި ކަމެއް އަޅުގަނޑުމެން ކުރީމަ ވާ ކަމެއް ނޫން. މިއީ މާތްﷲ ގެ ކޯފާއެއް ނޫން. މިއީ ދިމާވާ ގޮތެއް" މައުމޫން ވިދާޅުވިއެވެ.
އެކަން އެނގެނީ ސޫރަތުލް ބަޤަރާގެ 155 ވަނަ އާޔަތުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އެގޮތުން އެ އާޔަތުގެ މާނައިގައި ވަނީ، "ހަމަކަށަވަރުން ތިމަން ރަސްކަނލާންގެ ތިޔަބައިމީހުން އިމްތިހާން ކުރައްވާ ހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނު ކަމުގެ ތެރެއިން ކަމެއް ކުރިމަތި ކުރެއްވުމުންނެވެ. އަދި މުދާތަކާއި ނަފްސުތަކާއި މޭވާތަކުން ބައެއް އުނިކުރެއްވުމުންނެވެ" މިއެވެ.
މި ބާވަތުގެ ކަންކަން މީގެކުރިން ވެސް މުސްލިމުންނާއި ދިމާވެފައި ހުރިކަން ފާހަގަކުރައްވަމުން މައުމޫން ވަނީ ކީރިތި ރަސޫލާގެ އަސްހާބުންގެ ޒަމާނުގައި ޠާޢޫނު ބަލި ފެތުރިގެންދިޔަކަން ފާހަގަކުރައްވާފައެވެ. އަދި އެ ބަލި ޖެހިވަޑައިގެން އަވަހާރަވި އެއް ބޭކަލަކީ މާތްﷲ ސުވަރުގެ ވައްދަވާނެކަމުގެ ވައުދުގެ ބަސްފުޅު އިއްވަވާފައިވާ 10 ބޭކަލުންގެ ތެރެއިން ބޭކަލެއްކަން މައުމޫން ފާހަގަކުރެއްވިއެވެ.
"މިފަދަ މާތް ބޭކަލަކު ޠާޢޫނު ބަލީގައި އަވާހަރަވެގެންދިޔުމުން އެނގެނީ، މިކަހަލަ ކަންތައްތަކަކީ މާތްﷲ ގެ ކޯފާއެއް ނޫންކަން. މިއީ ދުނިޔެވީ ހަޔާތުގެ ސުންނަތެއްކަން. މިއީ އަޅުގަނޑުމެންގެ އީމާންކަން އިމްތިހާނު ކުރެއްވުމަށްޓަކައި މާތްﷲ ކުރައްވާ ތަޖުރިބާތަކެއްކަން" މައުމޫން ވިދާޅުވިއެވެ.
މިފަދަ ބަލިމަޑުކަމަކުން ސަލާމަތްވެވޭނީ ކެތްތެރިކަން އިސްކޮށް، ހިތްވަރުކޮށް، އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށާއި މިގޮތަށް މަސައްކަތްކޮށްފިނަމަ މިކަމުން ސަލާމަތްވެވޭނެ ކަމެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 250 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ