ފާއިޒް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ލަފާދީފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާދީފިއެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ލަފާދެއްވި ފާއިޒް އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގަމާއި އަދި އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހްތިސާސުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހްތިސާސްގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.
ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވިއިރު އަމަލު ކުރެއްވި ގޮތާއްި ގުޅޭ ގޮތުން ރިޕޯޓެއް ތައްޔާރު ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ފާއިޒް އައްޔަން ކުރަުމާއި ގުޅޭގޮތުން ޖޭއެސްސީގެ ލަފައަކަށް ރައީސް ޞާލިހު އެދިވަޑައިގެންފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހުއެވެ.
ފާއިޒަކީ ދާއިމީ ސުޕްރީމް ކޯޓު އުފެއްދިއިރު އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު މަދު ކުރާ ގޮތަށް މަޖިލީހުން ގާނޫނަށް ގެނައި ބަދަލަކާއެކު ފާއިޒްގެ މަގާމް ގެއްލުނެވެ.
ރައީސް ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެން އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް އަޣުލަބިއްޔަތު ހޯދި ފަހުން ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން މަގާމުން ދުރުކޮށް އަލަށް ފަސް ފަނޑިޔާރުން އައްޔަން ކޮށްފައެވެ. ޤާނޫނު އޮންނަ ގޮތުން ދެ ފަނޑިޔާރަކު އަދި ސުޕްރީމް ކޯޓަށް އައްޔަން ކުރަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ