ދަރިފުޅު ޓެސްޓުން ފާސް ނުވުމުން ސްކޫލް ގޮއްވާލުމަށް ބިރުދެއްކި ކަމަށް މަންމަ އިންކާރު ކޮށްފި

ސްކޫލުގައި ހެދި ޓެސްޓުން ދަރިފުޅު ފާސް ނުވުމުން، ސްކޫލުގެ އިމާރާތް ގޮއްވާލާނެ ކަމަށް ބުނެ، ބިރުދެއްކި މަންމައަކު، އެފަދަ ގޮތަކަށް އެއްޗެއް ބުނެފައި ނުވާކަމަށް ކޯޓުގައި ބުނެފިއެވެ.
ޢުމުރުން 48 އަހަރުގެ ކެރަން ޝީރަންގެ މައްޗަށް ނިއު ޔޯކްގެ ސްޓެޓެން އައިލެންޑްގެ ކޯޓުން ކޮށްފައި ވަނީ، ބަޔަކަށް ބިރު ދެެއްކި ކަމުގެ ދަޢުވާއެވެ.
މީގެ ދެ ދުވަސް ކުރިން، ކެރަން ވަނީ، އޭނާގެ ދަރިފުޅު އިމްތިހާނަކުން ފާސް ނުވުމުގެ ސަބަބުން، އޭނާގެ ދަރިފުޅު ކިޔަވަމުން ދިޔަ ސޫޒަން ވެގްނަރ ހައި ސްކޫލުގެ އޮފީހަށް ގުޅައި، އެކަމުގެ ޝަކުވާ ކޮށްފައެވެ. އަަދި އެ ސްކޫލް ގޮއްވާލާނެ ކަމުގެ ބިރު ވެސް އޭނާ ވަނީ ސްކޫލުގެ އޮފީހަށް ދައްކާފައެވެ.
އެހެން ނަމަވެސް، މި ހާދިސާއާ ގުޅިގެން އޭނާ ހައްޔަރު ކުރުމަށްފަހު، ކޯޓަށް ގެންދިއުމުން، އޭނާ ބުނެފައި ވަނީ އޭނާ އެ ސްކޫލަށް ގުޅާފައި ވެސް ނުވާނެ ކަމަށެެވެ.
ކެރަން ބުނެފައި ވަނީ، އޭނާ ވަޒީފާގައި ހުރި ވަގުތު، ސްކޫލުން އޭނާއަށް އެތައް ފަހަރަކު ގުޅާފައިވާ ކަމަށާއި، އޭނާ ސްކޫލަށް ގުޅި ކަމަށް ބުނާ ވަގުތުގެ 12 ގަޑިއިރު ފަހުން ފުލުހުން އޭނާގެ ގެޔަށް އައިސް އޭނާ ހައްޔަރު ކުރުމުން ވަރަށް ހައިރާންވި ކަމަށެވެ.
އޭނާ ވަނީ، ސްކޫލުން އޭނާގެ ދަރިފުޅާ މެދު ތަފާތުކުރުންތަކެއް ގެންގުޅޭކަމަަށް ތުހުމަތު ކޮށްފައެވެ.
ކޯޓުން ކެރަން ވަނީ، 1000 ޑޮލަރު ދެއްކުމުން، ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ