ދަރަނީގެ މައްސަލާގައި ޔޫރަޕްގެ އިއްތިހާދު ރޫޅިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޕޮލެންޑުން ދީފި

ސްޓްރަސްބާގް (ސެޕްޓެމްބަރ 15): ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލައިގެ ސަބަބުން ޔޫރަޕްގެ އިއްތިހާދު ރޫޅިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޕޮލެންޑްގެ މާލީ ވަޒީރު ޔަތީކް ރޮތަވްސްކީ ވިދާޅުވެއްޖެ އެވެ.
ފަރަންސޭސިވިލާތުގެ ސްޓްރަސް ބާގްގައި އިއްޔެ ބޭއްވި ޔޫރަޕިޔަން ޕާލަމެންޓްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔޫރަޕްގެ އިއްތިޙާދުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ގައުމު ކަމަށްވާ ޕޮލެންޑްގެ މާލީ ވަޒީރު ވިދާޅުވީ ދަރަނީގެ މައްސަލާގައި ޔޫރަޕްގެ 27 ގައުމެއްގެ އިގުތިސާދުވަނީ ރޫޅުމުގެ މަގުމަތީގައި ކަމަށާއި މިކަމުގެ ސަބަބުން ޔޫރޯ ޒޯންވެސް ރޫޅިގެން ހިނގައިދާނެ ބިރު އެބައޮތް ކަމުގައެވެ.
ޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކާއި މާލީ މައްސަލަތަކަށް ބައްލަވާލައްވަމުން ރޮތަވްސްކީ ވިދާޅުވީ ދަރަނީގެ މައްސަލަތައް ހައްލުނުވެއްޖެނަމަ ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ އިގުތިސާދު ބަލިކަށިވެ ވަޒީފާނެތްމީހުންގެ ނިސްބަތް މަތިވެ ފަގީރުންގެ އަދަދު އިތުރުވެގެންދާނެ ކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ޔޫރަޕްގެ އިއްތިޙާދުގެ ނިޒާމް ރުޅިގެން ދިޔުމަކީ ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުރީގައި އުފެދުނު އަރާރުންތައް އަލުން އުފެދި ކުރީގެ ހިތިމާޒީއަށް އެނބުރި ދާންޖެހިދާނެ ކަމުގެ ބިރު އޮތްކަމެއް ކަމަށްވެސް ޕޮލެންޑްގެ މާލީ ވަޒީރު ވިދާޅުވިއެވެ.
ޔޫރަޕްގެ ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައި ޔޫރަޕިޔަން ކޮމިޝަންގެ ރައީސް ޖޮޒޭ މަނުއެލްވެސްވަނީ މިމޭރުމުން ވާހަކަދައްކަވާފައެވެ. ދަރަނީގެ މައްސަލަ އެންމެ ބޮޑުވެފައިވާ ގްރީސް ސަލާމަތް ކުރުމަށް 160 ބިލިޔަން ޔޫރޯގެ ޕެކެޖެއް ބޭނުންވާ އިރު ޔޫރަޕްގެ އެހެން ގައުމުތައް ސަލާމަތް ކުރުމަށްވެސް މިފަދަ ބޮޑު އަދަދެއްގެ ފައިސާ ބޭނުންވާ ކަމަށް މަނުއެލް ވިދާޅުވިއެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ