ނަޝީދުގެ ދެއުޅިއެއް ނުވާ ވާހަކަތަކާއި ގާސިމްއަށް ވެރިކަން ލިބުމުގެ ހުވަފެން

ސިޔާސީ މައިދާން ކެކެމުން އަންނަ ކަމަށާއި ރައީސް ޔާމީންގެ ސިޔާސީ ހަޔާތްޕުޅާއި ބެހޭ ވާހަކަ މިއޮތީ މިހާރު ކުންނު އާއި ހަމައަށް ގޮސް ދެން ނިމޭ އަތަށް އަޅާފައި ކަމަށް އެމްޑީޕީ އާއި ރައީސް ނަޝީދު އަށް ތާއީދު ކުރާ ފަރާތްތަކުންނާއި ޖޭޕީގެ އިސްކޮށް އުޅޭ ބޭފުޅުން އެބަ ވިދާޅުވެ އެވެ. އެބޭފުޅުންގެ ބަހުން މިމަހުގެ 27 ވަނަ ދުވަހު ރައީސް ޔާމީންގެ ވެރިކަން ވެއްޓޭނެ އެވެ.
މިހެން ބުނުމުން އަޅުގަނޑުގެ ގާތަށް އަންނަނީ ހިންޏެވެ. އެއީ ކީއްވެގެންކަން ލިޔާނީ އަދި އެހެން ފުރުސަތެއްގައެވެ. މިފަހަރު މިއުޅެނީ އެހެން ވާހަކައެއް ދައްކާށެވެ. އެވާހަކަ ފަށާނީ ރައީސް ނަޝީދުގެ ވާހަކަ ކޮޅަކުންނެވެ.
"(އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ) ރައީސް ޔާމީން ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވަން. އޭރުން ރާއްޖޭގައި އަލުން ރިޔާސީ އިންތިޚާބެއް ބޭއްވޭނެ. އެމްޑީޕީއިން ވަނީ އެ އިންތިޚާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޤާސިމް އިބްރާހީމަށް ތާޢީދު ކުރަން ނިންމާފައި. ޤާސިމްގެ އެ ސަރުކާރުގައި އެމްޑީޕީގެ މިނިސްޓަރުން ހިމެނިވަޑައިގަންނަވާނެ. ދެން 2018 ގައި އޮންނަ އިންތިޚާބަކަށް އެމްޑީޕީއިން ރިޔާސީ ކެންޑިޑޭޓެއް ނެރޭނެ. އެ އިންތިޚާބުގައި ޤާސިމްއާއި އޭނާގެ ޕާޓީއިން އެމްޑީޕީއަށް ތާޢީދު ކުރާނެ." ރައީސް ނަޝީދު ވިދާޅުވިކަމަށް އިންޑިއާގެ އިކޮނަމިކް ޓައިމްސްގައި ބުނެފައި ވަނީ މިހެންނެވެ.
ފުރަތަމަ ވާހަކައަކީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ރައީސް ޔާމީން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅުގެ ހުރި ބާރެއް ބަލާލުމެވެ. ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނަށް އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރާއި އެކު ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ އަދަދު މިހާރު 50 އަށް އަރައެވެ. އެމްޑީޕީ އާއި ޖޭޕީ އެއްކޮށްލުމުން މަޖިލީހުގައި މިލިބެނީ 35 ގޮނޑި އެވެ. 09 މެންބަރުން ސަރުކާރު ކޯލިޝަން ދޫކޮށް އެމްޑީޕީ ނުވަތަ ޖޭޕީ އާއި ގުޅިގެން ނޫން ގޮތަކަށް އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ގޮތެއް ނެތެވެ.
ސިޔާސީ މަސްރަހު މިހާރު މިއޮތްގޮތައް ބަލާއިރު އަންނަ މަސް ނިމުމުގެ ކުރިން ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ 09 މެންބަރަކު އެމްޑީޕީ އަށް ނުވަތަ ޖޭޕީ އަށް ސޮއި ކުރައްވާނެ ކަމަށް ނަޝީދު އާއި ގާސިމް އަދި އެދެބޭފުޅުންނަށް ތާއިދު ކުރައްވާ ބޭފުޅުން ހީފުޅު ކުރައްވާނަމަ ބުނަން އޮތީ ތިބައްލަވަނީ އަވާމެންދުރަކަށެވެ. އެއީ ވުމަށް ވުރެ ނުވުން ކައިރި ކަމެކެވެ.
މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ނުލިބުނަސް ވެރިކަން ލިބިދާނެ ކަމުގެ އުންމީދު އެބޭފުޅުންނަކަށް ނުގެއްލެ އެވެ. އެމްޑީޕީ އާއި ޖޭޕީގެ ދެތިން ސަތޭކަ ހަމަނުވާ ސަޕޯޓަރުން މިކުރާ މުޒާހަރާ ތަކުގެ ސަބަބުން ރައީސް ޔާމީން އިސްތިއުފާ ދެއްވީ ޔޯލަ އެވެ. އެހެންކަމަށް ވީނަމަވެސް އަދި ގާސިމް އިބްރާހިމް އަށް ވެރިކަން ލިބޭކަށް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެމަގާމުން އިސްތިއުފާ ދެއްވުމުން ދެން ވެރިކަމަށް ވަޑައިގަންނަވާނީ ނައިބު ރައީސްއެވެ.
ހިނގަމުންދާ ރިޔާސީ ދައުރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަގާމު އެއްވެސް ސަބަބަކާއި ހުރެ ހުސްވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އުފުލާނީ ނައިބު ރައީސްކަން ޤާނޫނު އަސާސީގެ 107 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި އެބަ އޮތެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމު އެއްފަހަރާ ހުސްވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލު ވާނީ ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ޤާނޫނު އަސާސީގެ 124 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އެބަ އޮތެވެ. އެމާއްދާގައި ބުނެފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ހަވާލުވެވެން ނެތްނަމަ އެމަގާމާއި ހަވާލުވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ. މަޖިލީހުގެ ނައިބު ރައީސް އަށް ހަވާލުވެވެން ނެތް ނަމަ މަޖިލީހުގެ މެންބަރުން ފާސް ކުރާ ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވާ މެންބަރަކު ކަމަށެވެ.
އެހެންކަމުން ގާސިމް އަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ސީދާ އާދެވޭނެ އެއްވެސް މަގެއް ޤާނޫނީ ގޮތުން ވެސް އަދި ބުއްދި އަށް ގަބޫލުކުރެވޭ ތިއަރީ އަކުން ވެސް ފެންނާކަށް ނެތެވެ.
ދެން އޮތީ ނަޝީދު ވިދާޅުވި ތިންވަނަ ވާހަކަފުޅެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމު ހުސްވެ ވަގުތީ ގޮތުން ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާ ބޭފުޅަކު ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ފަސްދޮޅަސް ދުވަހުގެ ތެރޭގައި ބާއްވާ އިންތިޙާބުގައި އެމްޑީޕީ އިން ގާސިމް އަށް ތާއިދު ކުރާނެ ކަމަށް ވިދާޅުވި ވާހަކަފުޅެވެ.
މިއީ ވެސް ބުއްދި އަށް ގަބޫލުކުރަން ދަތި ވާހަކައެކެވެ. ގާސިމް އަށް ވުރެ ދިވެހި ރައްޔިތުންގެ މެދުގައި މަޤުބޫލީ ވެސް އަދި ތާއިދު ބޮޑީ ވެސް ނަޝީދު އެވެ. ޕީޕީއެމްގެ ރިޔާސީ ދައުރު ހަމަނުވަނީސް އެޕާޓީ ވެރިކަމުން ދުރުކުރުމަށް ފަހު ދެން ބާއްވާނެ ކަމަށް އެބުނާ އިންތިޙާބުގައި ވާދަ ކުރަން ތިބޭނީ ވެސް ގާސިމް އާއި ނަޝީދު އެކަނި ނޫން ހެއްޔެވެ؟
އެހާލަތުގައި ގާސިމް އަށް ނަޝީދު ވެރިކަން ހިބަ ކޮށްދޭންޖެހެންވީ ކީއްވެ ހެއްޔެވެ؟ ރައްޔިތުންގެ ތާއިދު ތިންވަނަ އަށް އެންމެ ބޮޑު ބޭފުޅަކީ ގާސިމް ކަމަށް ވީނަމަވެސް ގާސިމް އަށް ވެރިކަން ދިނުމަށް ފަހު ނަޝީދު ނުވަތަ އެމްޑީޕީ އިން ފަހަތަށް ޖެހެންޖެހޭ ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވާނަމަ އެހެން ސުވާލެއް އުފައްދަން އެބަޖެހެއެވެ.
އެއީ ނަޝީދުގެ މަޤުބޫލުކަން ރައްޔިތުންގެ މެދުގައި ނެތީކަމަށް ހުދު ނަޝީދު ގަބޫލުފުޅު ކުރައްވަނީ ހެއްޔެވެ؟ ނުވަތަ ވެރިކަން ކުރުމުގެ ޤާބިލްކަން ނަޝީދުގެ ކިބައިގައި ނެތީ ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވަނީ ހެއްޔެވެ؟ ނުވަތަ ރައީސް އާއި ނައިބު ރައީސްގެ މަގާމު ހުސްވުމުން ގައުމަށް އަންނާނެ ސިޔާސީ ހަނލަބޮލިކަން މައިތިރި ކުރުމުގެ ޤާބިލްކަން ނަޝީދުގެ ކިބައިގައި ނެތް ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވަނީ ހެއްޔެވެ؟ ނުވަތަ ޤައުމު އިޤުތިޞާދީ ގޮތުންނާއި ހާރިޖީ ގޮތުން މިއޮތް ހާލަތު ބަދަލު ކުރުމުގެ ގާބިލްކަން ނަޝީދުގެ ކިބައިގައި ނެތް ކަމަށް ނަޝީދު ގަބޫލުފުޅު ކުރައްވަނީ ހެއްޔެވެ؟
ނަޝީދުގެ އިންޓަވިއުގައި އެމަނިކުފާނު ވިދާޅުވި ހަތަރުވަނަ ވާހަކަފުޅަކީ 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޙާބުގައި އެމްޑީޕީ އިން ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި އެކެނޑިޑޭޓަށް ގާސިމް ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަފުޅެވެ.
ނަޝީދުގެ ތިއަރީ އެއްވެސް ބޭފުޅަކު ހަނދުމަފުޅު ނައްތަވާ ނުލައްވާށެވެ. ނަޝީދުގެ ތިއަރީގައި 2018 އަންނަ އިރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނީ ގާސިމް އިބްރާހިމް އެވެ. 2018ގެ ރިޔާސީ އިންތިޙާބުގައި އެމްޑީޕީ އިން ނެރޭ ކެންޑިޑޭޓަށް ތާއިދު ކުރައްވާނީ ރައީސް ގާސިމް އެވެ. ރައީސް ގާސިމް ދެވަނަ ދައުރަކު ރައީސްކަން ބޭނުންފުޅެއް ނުވާނެ އެވެ.
ގާސިމް އަށް މަގާމާއި ދަރަޖައިގެ ގޮތުން ދުނިޔެ މަތީގައި ހާސިލްނުވެ އޮތީ ރައީސްކަން އެކަންޏެވެ. 2018 އަންނައިރު ގާސިމް ހުންނާނީ އެކަން ވެސް ހާސިލްކޮށްގެން ޔޯލަ އެވެ. ވެރިކަމުގެ އާރާއި ބާރާއި ނުފޫޒު ހޯއްދަވައިގެން އަދި ރައްޔިތުންގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ހޮވި ވަޑައިގެން ހުންނެވުމަށް ފަހު ގާސިމް އެމްޑީޕީ އާއި ވެރިކަން ހަވާލު ކުރުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ފަހަތަށް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ހީފުޅު ކުރައްވާނަމަ ބުނެލަން އޮތީ ރައީސް ނަޝީދު އަށް ސިޔާސީ މައިދާނުން ތިޔަ ލިބިވަޑައިގެންނެވީ ކޮން ތަޖުރިބާ އެއްތޯ އެވެ. ސިޔާސީ ލީޑަރުންގެ ވާހަކަތަކާއި އެމީހުންގެ އަމަލުތަކުން މަނިކުފާނަށް ތިޔަ ދަސްވެ ވަޑައިގެންނެވީ ކޮންއެއްޗެއްތޯ އެވެ.
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަމުން މިދާ ސިޔާސީ ހާޖާނުގަނޑުގެ ސިއްރު އެންމެނަށް ވެސް އެނގެއެވެ. މިއުޅެނީކީ ޤާނޫނޫ އަސާސީ ހިމާޔަތްނުވެގެނެއް ނޫނެވެ. އަދި ގާސިމް އަށް ވެރިކަން ހޯއްދަވައި ނުދެއްވެވިގެނެއް ވެސް ނޫނެވެ. މިއުޅެނީ އަންނަން އުޅޭ ޙުކުމަކުން ސަލާމަތްވުމަށް ހަދާނެ ފަންޑިތައް އެނގިވަޑައިނުގަނެގެންނެވެ.
މިހެން ލިޔުނީމާ ހައެއްކަ މީހުން އަޅުގަނޑާއި ދިމާލަށް ފުންމައިގަތަސް ފަރުވާލެއް ނެތެވެ. ޙަޤީޤަތަށް ފަސްއަޅައި ފޮރުވުމަކީ ނަޝީދުގެ ސަޕޯޓަރުންނަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަޝީދު އެދައްކަވަނީ ދެއުޅިއެއް ނުވާ ވާހަކަތަކެއް ކަން ގިނަ މީހުންނަށް އެނގެއެވެ. އަދި ގާސިމް އަށް ވެރިކަން ހޯދައި ދޭނެ ކަމަށް ބުނެ ނަޝީދު ގާސިމް އަށް އެދައްކަވަނީ ޙަޤީޤަތެއް ނެތް ހުވަފެނެއް ކަން ވެސް ގިނަ މީހުންނަށް އެނގެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ