ބޭނުން ވަނީ އަންހެން ވެރިން އުފައްދަން: މެމްބަރު ރޮޒެއިނާ

ސިޔާސީ ގޮތުން ޕާޓީގައި އެކްޓިވިސްޓް ލެވެލްގައި ހަރަކާތްތެރިވާ އަންހެނުން ތިބި ނަމަވެސް ބޭނުން ވަނީ އަންހެން ވެރިން އުފެއްދުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މެމްބަރު ރޮޒެއިނާގެ ކެމްޕޭނު ލޯންޗު ކުރުމަށް ށ. މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ޕާޓީގެ އަންހެން ކައުންސިލަރުންނާއި އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނަކީ ޕާޓީގެ އަންހެން ލީޑަރުން ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އެ ފަރާތްތަކާ ޕާޓީއާ މާބޮޑު ގުޅުމެއް އޮތްތަން ފެނިގެން ގޮސްފައި ނުވާ ކަމަށެވެ.
ޕާޓީގެ ތެރެއިން އެ އަންހެން ލީޑަރުންނަށް ލިބެންޖެހޭ ގަދަރާއި އިއްޒަތް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި އޭނާއަށް އެކަން ކުރެވޭނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ޕާޓީގެ އަންހެނުންގެ ރޫހު ތޮށި ފަޅާލައި ނިކުންނަންވީ ވަގުތު މިއޮތީ އައިސްފައި ކަމަށާއި އެކަން ކުރަން ބޭނުންވަނީ ފިސާރި އަންހެން ވެރިއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ވަހަކަ ދަށްކަމުން ރޮޒައިނާ ވިދާޅުވީ އެމްޑީޕީން ކުރި ޑިމޮކްރެސީގެ ދަތުރުގައި ހޭދަ ކޮށްފައިވާ 16 ވަރަކަށް އަހަރުގެ ތެރޭގައި ފެންނަނީ ކޮންމެ އަތޮޅެއްގައި ވެސް އެންމެ އިސް ސަފުގައި އަންހެނުން މަސައްކަތް ކުރަމުން ދިޔަ މަންޒަރު ކަމަށެވެ. އަދި ރާއްޖެއަށް ޑިމޮކްރަސީ ލިބިފައި މިވަނީ ޕެޕާ ސްޕްރޭ އާ އަނިޔާގެ ކުރިމަތީގައި އަންހެނުން ދެއްކި ހިތްވަރުން ކަމަށެވެ.
ވެރިކަމާއި ހަވާލުވުމަށްފަހު ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަވައި، ރަށްރަށުގައި ބަސްކިޔުމުގެ ބާރު ކައުންސިލްތަކުން ކަނބަލުންނަށް ލިބިދޭގޮތް ތަނަވަސް ކޮށްދެއްވީ ރައީސް ސާލިހުކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ތެރެއިންވެސް އަންހެނުންނަށް ގިނަ ފުރުސަތު ހޯއްދެވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް މިހާތަނަށް ފެނިފައިވަނީ އެމްޑީޕީގެ ކަނބަލުންނަށް ހައްގުވާ މިންވަރު ނުލިބިވާތަންކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވަނީ ސިޔާސީ ގޮތުން މަސައްކަތް ކުރަން އެމްޑީޕީން ނިކުންނަން ބޭނުންވާ ކޮންމެ އަންހެނަކަށް އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާގެ އިތުރުން މި މަގާމަށް ދެން ވާދަކުރައްވަނީ ސަފާތު އަހުމަދު ޒާހިރުއެވެ. މި އިންތިހާބު އޮންނާނީ އޭޕްރީލް 16 ގައެވެ.
އެންމެ ފަހުން އެމްޑީޕީގެ އަންހެނުން ރޫހުގެ ރައީސާގެ މަގާމު ފުރުއްވީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ. އޭނާ އަކީ މިހާރު އެމްޑީޕީ މާލެ ދާއިރާގެ ރައީސްއެވެ. އެމްޑީޕީގެ އަންހެނުންގެ ރޫހަކީ އެމްޑީޕީގެ ސިޔާސީ ހުރިހާ ހަރަކާތެއްގައި އަދި ކަންކަން ނިންމާ ފެންވަރުގައި އެ ޕާޓީގެ އަންހެން މެމްބަރުންގެ ބައިވެރިވުމާ ހިއްސާ އިތުރުކޮށް، އަންހެން މެމްބަރުންގެ އަޑު އުފުލުމަށް ހެދިފައިވާ ގުނަވަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ