ބަނޑޮހުގައި ޤާއިމްކޮށްފައިވާ ޗެމްބަރއިން ޑީކޯވާ މީހުންނަށް އަލުން ފަރުވާ ދޭން ފަށައިފި

ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ޑިކޮމްޕްރެޝަން ޗެމްބަރގެ ޚިދުމަތް އަލުން ފަށައިފިއެވެ. ޑިކޮމްޕްރެޝަން ޗެމްބަރއަކީ ވައިފުޅި އަޅައިގެން ފީނުމުގެ ތެރޭގައި ޑައިވިން ޑިކޮމްޕްރެޝަން ސިކްނެސް، (ޑީކޯ)ވާ މީހުންނަށް ފަރުވާދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޑިކޮމްޕްރެޝަން ޗެމްބަރގެ ޚިދުމަތްދޭން ފަށާފައިވަނީ ބަނޑޮސް މޯލްޑިވްސްގައެވެ. އެގޮތުން 1993ވަނަ އަހަރު އެ ރިސޯޓުގައި މިޚިދުމަތްދޭން ފަށާފައިވާއިރު، މިހާތަނަށް ހާހަކަށްވުރެ ގިނަ ޑައިވަރުންނަށް މިތަނުން ފަރުވާދީފައިވެއެވެ. ބަނޑޮހުގައި ޑިކޮމްޕެރެޝަން ޗެމްބާގެ ޚިދުމަތް އަލުން ފަށާފައިމިވަނީ މަރާމާތަށް އެ ޚިދުމަތް ދުވަސްކޮޅަކަށް މެދުކެނޑިފައި އޮތުމަށްފަހުއެވެ. ޗެމްބަރ މަރާމާތުކޮށްފައިވަނީ ތަޖުރިބާކާރުންގެ ޚާއްސަ ޓީމަކުން ކަމަށް ބަނޑޮހުން މައުލޫމާތުދެއެވެ.
ޑީކޯވުމަށް މެދުވެރިވަނީ ފީނަން ގޮސް އުޅުމުގެތެރޭ، މާ އަވަހަށް މައްޗަށް އެރުމުންނެވެ. މީގެ ސަބަބުން އޮކްސިޖަން ދައުރު ވުމުގައި މައްސަލަތައް ދިމާވެ ހަށިގަނޑުގައި ގޭސް ބޮކިތަކެއް އުފެދެއެވެ. މި ގޭސް ބޮކިތަކުގެ ސަބަބުން ސްޓްރޯކު ޖެހުމާއި ގޭސް އެމްބޮލިޒަމް ފަދަ ކަންކަން ދިމާވެއެވެ. ޑީކޯވާ ބަލިމީހާގެ ނޭވާލުން ރަނގަޅުކޮށް އޭނާގެ ނޭވާ ހޮޅީގައި އުފެދޭ ގޭސް ބޮކިތައް ނައްތާލުމަށް ޑީކޮމްޕްރެޝަން ޗެމްބަރުން އެހީދެވެއެވެ.
މާލެ އާއި ކައިރި ހިސާބަކުން ޑީކޯވާ މީހުންނަށް ފަރުވާ ލިބެން ހުރުމަކީ މުޙިއްމު ކަމެކެވެ. ސަބަބަކީ ބޭނުންވާ އިތުރު ފަރުވާތައްވެސް މާލެއިން ހޯދުމުގެ ފުރުސަތު އޮންނާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ