ރ.އަލިފުށިން މުޝައްރަފް ހަސަން
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމްއިން ކާމިޔާބުކުރާނެކަން ކަށަވަރުވެފައިވާ ކަމަށް ޕީޕީއެމްގެ ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު ރ.އަލިފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ކުރިން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ.ޖަމީލް ވިދާޅުވީ އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރުވެފައިވާ ކަމަށް ވިދާޅުވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލިބިވަޑައިގަންނަވަމުން ގެންދަވާ ތާއީދުން ކަމަށެވެ.
ޑރ.ޖަމީލް ވިދާޅުވީ ހާއްސަ ގޮތެއްގައި ރާއްޖޭގެ ދެކުނާޢި މާލެއިން މިހާރު ފެންނަމުން ދަނީ އަސުރުމާ ކުލަ ކަމަށެވެ.
"ވަރަށް އުފާވެރި ހަބަރެއް އަޅުގަނޑުމެން ތިބޭފުޅުންނަށް ދޭން ބޭނުންވޭ، އެ ހަބަރަކީ ﷲ ގެ ރަހުމަތާއިއެކީގައި އަޅުގަނޑުމެންނަށް މިހާރު ކަށަވަރުވެއްޖެ އޭ މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އޮނަރަބަލް އަބްދުﷲ ޔާމީން ޕީޕީއެމްގެ ފަރާތުން ކަން." ޑރ.ޖަމީލް ވިދާޅުވި އެވެ.
ޑރ.ޖަމީލް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން ވެގެން ދާނީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މިޒަމާނުގެ ތާރީހުގައި ދިވެހި ރައްޔިތުންގެ ތެރެއަށް ހަގީގީ މާނައިގައި ތަރައްގީ ގެނެސްދޭނެ ސަރުކާރަކަށް ވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެހެން އެއްވެސް ސަރުކާރަކަށް އެއްވެސް ހުއްޖަތެއް ނެތް މިއަދު ދިވެހި ރާއްޖޭގައި އިތުރަށް ރައްޔިތުންގެ ފުދުންތެރިކަން ގެނެސްދޭނެ ކަމުގެ ވާހަކަ ދައްކާކަށެއް، މި ނޫން އެއްވެސް ބަޔަކަށް އެ ވާހަކަ ދެއްކުމުގެ ގާނޫނީ ހުއްޖަތެއް ނެތް، އަޅުގަނޑުމެން އޮތީ 30 އަހަރުގެ ސަރުކާރުގައި ދައްކާފައި، ބޮޑެތި ސްކޫލުތަކުން ހޮސްޕިޓާތަކުން ރަށް ރަށުގައި އަޅާފައި ހުރި މަގުތަކުން ރަށް ރަށުގެ އާބާދީތަކުން، ރަށް ރަށުގެ ބަނދަރުތަކުން، އަޅުގަނޑުމެންނަކީ ތަޖުރިބާ ހުރި ގާބިލިއްޔަތު ހުރި އެކަމުގެ ފަންނުވެރިކަން ހުރި އެކަމުގެ ޓީމެއް އަޅުގަނޑުމެންގެ އެބައޮތް." ޖަމީލް ވިދާޅުވި އެވެ.
ޑރ.ޖަމީލް ވިދާޅުވީ ރާއްޖެއަށް އެހެން އެއްވެސް ބަޔަކަށް ނުގެނެވި ހުރި ތަރައްގީ ގެނެސްދީ ފުރަތަމަ ފަހަރަށް އަންހެން ކަނބަލުން އެ ކަނބަލުންގެ ދިރިއުޅުމުގެ ހައްގުތައް ފުރިހަމަ ގޮތެއްގައި ގެނެސްދޭނެ ފުރިހަމަ ސަރުކާރަށް ޕީޕީއެމް ސަރުކާރު ވެގެންދާނެ ކަމަށާއި އަދި ޕީޕީއެމްގެ ސަރުކާރު ފުރަތަމަ ވެސް ފަށައި ގަންނާނީ ޒުވާޏުންޓަކައި ހާއްސަކޮށް 26،000 ވަޒީފާ އާއި އެކީގައި ކަމަށެވެ.
އަދި ޕީޕީއެމް ނޫން އެއްވެސް ބަޔަކަށް ދިވެހިރާއްޖޭގެ ގައުމިއްޔަތާއި އިސްލާމް ދީން ހިމާޔަތްކުރުމުގެ ވާހަކަ ދެއްކުމުގެ ހުއްޖަތެއް ނޯންނާނެ ކަމަށް ވެސް ޑރ.ޖަމީލް ވިދާޅުވި އެވެ.
އެމްޑީޕީން އެއްބުރުން އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ބުނަމުންދާތީ އެކަމަށް ފާޑު ވިދާޅުވަމުން ޑރ.ޖަމީލް ވިދާޅުވީ އެމްޑީޕީއަށް އެއްބުރުން ޖެހޭނީ ހުޅު ކަމަށެވެ.
"އަޅުގަނޑުމެން މި ވާހަކަ މިދައްކަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަޅުގަނޑުމެން ކުރި ޒިޔާރަތުގައި ހާއްސަ ގޮތެއްގައި ދެކުނާއި މާލެއިން މިހާރު ފެންނަމުންދާ މަންޒަރަކީ މުޅި މަސްރަހު އަޅުގަނޑުމެންގެ އަސުރުމާ ކުލައަށޭ، ރައީސް މައުމޫންގެ ސިޔާސަދަތަށޭ، ރާއްޖޭގެ އިޖުތިމާއީ ހަމަޖެހުމަށޭ، ދިވެހި ރާއްޖޭގައި އިސްލާމް ދީން ދެމިއޮތުމަށޭ، ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށޭ، އެކަން ކުރެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމްއޭ، އަދި އެކަން ކުރެވޭނެ ހަމައެކަނި ލީޑަރަކީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް." ޖަމީލް ވިދާޅުވި އެވެ.
ޕީޕީއެމްގެ ވަފްދު މިރަށަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާ އެއް ދަންނަވާފައިވެ އެވެ.
ޕީޕީއެމްގެ ވަފްދުން މިރަށަށް ވަޑައިގެންނެވީ ށ.އަތޮޅަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު މެދު ކަނޑާލުމަށްފަހު ރ.ދުވާފަރުގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ކުރައްވާ ދަތުރުގެ ތެރެއިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މިރޭ އެރަށުގައި ބާއްވާ ބޮޑު ޖަލްސާގައި ގިނަ ބަޔަކު ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މާދަމާ އަނެއްކާވެސް ށ.އަތޮޅަށް ޕީޕީއެމްގެ ކެމްޕެއިން ޓީމް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ޕީޕީއެމްއިން ރިޔާސީ އިންތިހާބު ކާމިޔާބުކުރާނެކަން ކަށަވަރުވެއްޖެ - ޖަމީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ