އޮޑި ބަނދަރުކުރާނީ ރައްޔިތުންގެ ވެރިކަމެއް ގާއިމުކޮށްދީފައި - ގާސިމް

ޖުމްހޫރީ ޕާޓީގެ އޮޑި ބަނދަރު ކުރާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންނަށް ހިނިތުންވުން ގެނެސްދީ ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރުމަށްފަހު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ރާއްޖޭގައި އިސްލާހީ ހަރަކާތް ފެށުނީ އެމަނިކުފާނުގެ އިސްނެގުމާއި އެއްބާރުލުމާއިއެކު ކަމަށާއި އެ އިސްލާހީ މަސައްކަތް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުމަކީ ކޮނޑުގައި އެޅިފައިވާ ގައުމީ އަދި ދީނީ ވާޖިބެއް ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ދިވެހިން އެދޭ އުފަލާއި ހިތްހަމަޖެހުމާއި ތިޔާގިކަން ގެނެސްދީ ގައުމު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތްކުރުމަށް ކަމަރު ބަނދެގެން ޖުމްހޫރީ ޕާޓީން ދަތުރުފަށާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މާތް ﷲ ގެ ވާގިފުޅާއިއެކު ޖުމްހޫރީ ޕާޓީގެ އޮޑި ދަތުރުކުރާނީ މިފަހަރުގެ ރިޔާސީ ރޭސް ކާމިޔާބުކޮށްގެން ދިވެހިންނަށް ހިނިތުންވުން ގެނެސްދީފައި، ދިވެހިންގެ މި މުގައްދަސް ބިމުގައި ދިވެހިންގެ މުރާލި ކަމާއިއެކުގައި ދިވެހިން އެދޭ ރައްޔިތުންގެ ވެރިކަމެއް ގާއިމުކޮށްދީފައި." ގާސިމް ވިދާޅުވި އެވެ.
1980ގެ އަހަރުތަކުގެ ތެރޭގައި ސިޔާސީ އިސްލާހީ މަސައްކަތްތައް ފެށުނު އިރު ރައްޔިތުން ބޭނުންވާ ހަރުދަނާ ބަދަލުތައް ގެނައުމަށްޓަކައި އެކި ދުވަސްވަރު އެކި ބޭފުޅުން އޭނާއާ ގުޅިވަޑައިގެންނެވި ކަމަށާއި އޭގެތެރެގޭގައި އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަދި އެހެން ޕާޓީތަކުގެ ވެސް އިސް ސަފުގައި މިހާރު ތިއްބެވި ބައެއް ބޭފުޅުން އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްލާހީ ހަރަކާތުގެ އެންމެ ފޮނި މޭވާއަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން އެކުލަވާލާފައިވާ މިހާރުގެ ގާނޫނު އަސާސީ ކަމަށް ވެސް މިރޭ ގާސިމް ވިދާޅުވި އެވެ.
"އޭގެ ދެވަނަ މޭވާއަކީ ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީ. ތިން ވަނަ މޭވާއަކީ ރާއްޖޭގައި ފުރަތަމަ ބޭއްވި މަލްޓި ޕާޓީ އިންތިހާބާއި އެ އިންތިހާބުގެ ނަތީޖާ،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވި މުޙައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރަކީ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ދިވެހިންނަށް އިބްރަތްތެރި ފިލާވަޅު ތަކެއް ލިބިގެންދިޔަ ދުވަސްތަކެއް ކަމަށް ރައީސް ނަޝީދަށް ފާޑު ވިދާޅުވެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަމުގައި ދިވެހިންގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެތައް އަމަލެއް ހިންގާ ބޭރު ދުނިޔޭގައި ދިވެހިންގެ އަގު ވައްޓާލާފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަދި އެމްޑީޕީގެ ވެރިކަމުގައި ބޮޑެތި ޖަރީމާތައް ހިންގާ ގާނޫނު އަސާސީއާ ޚިލާފަށް އެތައް ކަމެއްކޮށްފައިވާ ކަމަށާއި، އެމްޑީޕީ ސަރުކާރުގައި އެމަނިކުފާނު އަދާކުރައްވަމުންގެންދެވި މަގާމުން ވަކިވެވަޑައިގަންނަވަންޖެހުނީ އެސަބަބަށްޓަކައި ކަމަށް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސްގައި ޕާޓީގެ 4 ނައިބު ލީޑަރުންގެ މަޤާމަށް ކުރިމަތިލާފައިވާ 9 ބޭފުޅުންގެ ތެރެއިން ބޭފުޅުން އިންތިހާބުކުރުން އޮންނާނެ އެވެ. އަދި ޕާޓީގެ ލީޑަރު ކަމަށް ހަމައެކަނި ގާސިމް އިބްރާހިމް ކުރިމަތިލައްވާފައިވާތީ އެމަނިކުފާނަށް ރުހުން އޮތްތޯ އަހާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ