އަފްރާޝީމް އަވަހާރަކޮށްލުމަކީ އިލްމުވެރިކަމަށާއި އިސްލާމް ދީނަށް ގޮންޖެހުމެއް - މައުމޫން

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ.އަފްރާޝީމް އަވަހާރަކޮށްލުމަކީ ހަމައެކަނި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކުރި ކަމެއް ކަމަށް ނުދެކޭ ކަމަށާއި އެއީ އިލްމުވެރިކަމަށާއި އިސްލާމް ދީނަށް ވެސް ގޮން ޖެހުމެއް ކަމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއަށް އެއް އަހަރު ފުރިފައިވާތީ އަފްރާޝީމްގެ ހަނދާނުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އަފްރާޝީމަކީ ވަރަށް ގިނަ ގޮތުން ދިވެހި ގައުމަށް މަތިވެރި ހިދުމަތްތަކެއް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަ ގޮތެއްގައި ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
އަދި އަފްރާޝީމް މިގައުމަށްކޮށްދެއްވި ހިދުމަތްތައް ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އިލްމީ ގޮތުން، ސިޔާސީ ގޮތުން، އަދި މުއައްލިމީ ގޮތުން، ހަމައެހެންމެ އެމަނިކުފާނަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެއް, އަދި ކިޔަވާ ކުދިންނަށް ފިލާވަޅު ދެއްވާ ވަރަށް ރީތި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން ދީނުގެ ކަންތައްތައް ވަރަށް ރީތިކޮށް އޮޅުން ފިލުވައިދެއްވި ބޭފުޅެއް." މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ މި ނުރައްކާތެރި ޖަރީމާ ރާވާ ހިންގާ އަދި އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްތައް ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް އެމީހުންނަށް ލިބެން ޖެހޭ ގާނޫނީ އަދަބު ލިބިގެންދިޔުމަކީ މިފަދަ ކަންތައްތައް ރާއްޖޭގައި ހުއްޓުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާގެ ޝަރީއަތް ހިނަމުންދާއިރު ޝަރީއަތް ހިނގުން ތަންކޮޅެއް ލަސްވަމުންދާ ކަމަށް ބަޔަކަށް އިހްސާސް ކުރެވޭތީ އެކަމުގެ ކަންބޮޑުވުންތައް ގިނަ ބަޔަކު ފާޅުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އެ ޝަރީއަތް ހިނގަމުންދާކަން، ނަމަވެސް މި ޝަރީއަތް ހިނގުން ތަންކޮޅެއް ލަސްވަމުންދާ ކަމަށް ބަޔަކަށް އިހްސާސް ކުރެވޭތީ އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ގިނަ ބަޔަކު ފާޅުކުރަމުން އެބަގެންދޭ، އަފްރާޝީމް އަލީ އަވަހާރަކޮށްލިތާ އެއް އަހަރުވީއިރު އަދި އެމަނިކުފާނާއި ދޭތެރޭގައި އަނިޔާވެރި އަމަލު ހިންގި މީހުންނަށް އެކަމުގެ ހައްގު އަދަބު އަދި ލިބިފައެއް ނެތް." އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ވަކި ބަޔަކު ކުށްވެރިކުރަން ބޭނުންފުޅުނުވާ ކަމަށާއި ނަމަވެސް ޝަރުއީ ދާއިރާގައި ވިސްނަންޖެހޭ ވިސްނުންތަކެއް އެބަހުރި ކަމަށާއި އެގޮތުން މައްސަލަތައް ހަލުވިކަމާއިއެކު ކުރިއަށްދާނެ ގޮތަކާއި މެދު ވިސްނަން ޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ އާއި ގުޅިގެން ހިނގަމުންދާ ޝަރީއަތް ދިގުދެމިގެން ނުގޮސް ކުށްވެރިވާ ފަރާތްތަކަށް ގާނޫނީ އަދަބު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު މުޖުތަމައުގެ އެހެން ދާއިރާތަކަށް ވެސް ކުރަމުންދާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ ގައުމުގެ އަމަން އަމާންކަން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ފުރާނަ އާއި ދޭތެރޭގައި އެއްވެސް ޔަގީންކަމެއް މިހާރު ނެތް ކަމަށާއި ކޮންމެ މީހަކު ވެސް ދިރިއުޅެން ޖެހެނީ ބިރުވެރިކަމާއިއެކުގައި ކަމަށެވެ.
"މިކަމަކީ ބަޔަކު ދިން ވަރަށް ނުރައްކާތެރި މެސެޖެއް، އޭގެ މާނައަކީ ބަޔަކު މީހުން ނޭދޭ ގޮތަކަށް އަޑު އުފުލާ، ވާހަކަދައްކާ މަސައްކަތްކުރާ މީހަކަށް އޮތީ މިގޮތޭ، އެހެންވީމަ އެބަޔަކު ވައްޓާލަން އެ އުޅެނީ ބިރުވެރިކަމުގެ ޖައްވުގެ ތެރެއަށް، ބިރުދައްކައިގެން ކަންތައް ކުރުމުގެ އުސޫލުން ކަންތައް ކުރަމުން އެގެންދަނީ، މިއީކީ އަޅުގަނޑުމެން ގަބޫލުކޮށްގެން ވާނެ ކަމެއް ނޫން. އަޅުގަނޑުމެން ދިވެހި ރައްޔިތުންނަކީ ބިރުވެރިކަމުގެ ތެރޭގައި އުޅެން ބޭނުންވާ ބައެއް ނޫން." ރައީސް މައުމޫން ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި ރައީސް މައުމޫން އިތުރަށް ވިދާޅުވީ ބަޔަކު މީހުން ސިޔާސީ މަގްސަދު ހާސިލްކުރުމަށްޓަކައި ބިރު ދައްކައިގެން އެކި އެކި މުއައްސަސާތައް ހިސޯރުކޮށްގެން އެމީހުން ބޭނުންވާ ގޮތަށް ކަންތައްތައް ކުރަމުންދާތަން ފެންނަމުންދާ ކަމަށާއި މިއީކީ ޑިމޮކްރަސީގެ އުސޫލެއް ވެސް ނޫން ކަމަށެވެ.
ޑިމޮކްރަސީއަކީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށާއި އޭގެތެރޭގައި އެކި އެކި މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް އެއްވެސް ބިރުވެރިކަމެއް ނެތި މިނިވަން ކަމާއިއެކު ކުރެވޭ ގޮތުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީއަށާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތައިގެން ކަންތައްތައް ކުރުމަކީ ވެސް ވަރަށް މުހިންމު އުސޫލެއް ކަމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ