އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށްދެއްވައިފިނަމަ 8 މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ) ދިނުމަށް އެޕާޓީން ހުށަހެޅި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމުގައިވާ މ.ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް އެމްޑީޕީގެ ނަން ވިދާޅުނުވެ އެޕާޓީއަށް އިޝާރާތްކުރައްވާ ވިދާޅުވީ އެމްޑީޕީން 8 މިލިއަން ޑޮލަރު ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ސީދާ "ކޭޝް" ގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ފައިސާ ދޭނެ ކަމަށް ވިދާޅުވީ އެމްޑީޕީ ކޮން ބޭފުޅެއް ކަމެއް ގާސިމް ނޫސްވެރިންގެ ބައްދަލުވުމުގައި ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް ވަގުތު ޖެހުމުން އެބޭފުޅާގެ ނަން ވެސް ހާމަކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީން ރިޝްވަތު ދިނުމުގެ ގޮތުގައި ފައިސާގެ ހުށަހެޅުންތައް ހުށަހެޅުމުގެ އިތުރުން ބްލެކްމެއިލް ކުރުމަށާއި އަދި ބިރު ދެއްކުމުގެ ގޮތުންވެސް ތަފާތު ކަންކަން ކުރިކަމަށް ގާސިމް ތުހުމަތުކުރެއްވި އެވެ. ނަމަވެސް ޕީޕީއެމުން ފައިސާގެ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގޭނީ އަޅުގަނޑަށް އިއްޔެ އޮފާ ކުރިވަރު، އިއްޔެ އައި ބޭފުޅަކު ވިދާޅުވަނީ 8 މިލިއަން ޑޮލަރު އަޅުގަނޑަށް ދޭނަމޭ، ވަގުތުން ކޭޝް،" އެމްޑީޕީ އަށް ޚަރަދުކުރަނީ ބޭރުގެ ފަރާތްތަކުން ކަމަށް ތުހުމަތުކުރައްވާ ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީން ފައިސާ ހުށަހެޅި ކަމުގައިވިޔަސް ފައިސާއަށް ނުވިކުނީ ގައުމާއި ޖުޑިޝަރީ އާއި ސިފައިންނާއި ފުލުހުންގެ ހައްގުގައި ކަމަށެވެ. އަދި މިއަދު އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި އެޕާޓީގެ މަދު މެންބަރުންކޮޅު ގުޅިވަޑައިގެންނެވީ މަދު ފައިސާ ކޮޅަކަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ ދޫކޮށް ވަޑައިގެންނެވީ ކުރީގެ ފިޝަރީޒް މިނިސްޓަރު އިބްރާހީމް ދީދީ (ޑީޑީ) އާއި، ޖޭޕީގެ ކައުންސިލް މެންބަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ޑރ. މުހައްމަދު ޝަމްހީދާއި ޖޭޕީގެ ތަރުޖަމާން އަދި ކައުންސިލް މެންބަރު މޫސާ ރަމީޒު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ހަމީދު (ފްލައި) އެވެ.
ގާސިމް ވަނީ ޑީޑީއަކީ އެމްޑީޕީއިން ޖާސޫސުކުރަން ޖުމްހޫރީ ޕާޓީއަށް ފޮނުވާފައި ހުރި ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާ ޑީޑީއަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ޑީޑީގެ އިތުރުން އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި އެހެން ބޭފުޅުންނަށް ވެސް ގާސިމް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުންނަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވީ އެބޭފުޅުންނަކީ ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީން އެބޭފުޅުން ވަކިވެވަޑައިގަތުމުން ދެރަނުވާ ކަމަށެވެ. އަދި ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނާމަ އޭނާ އާއި ދޭތެރޭގައި އެފަދަ ބަސްތަކެއް ވިދާޅުނުވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޔާމީނަށް ތާއީދުކުރައްވަން ނިންމެވީ މަޖުބޫރު ވެގެން ކަމަށް، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ ރަނގަޅަށް ކަމަށާއި އޭނާ އަށް ކުރިމަތިވެވަޑައިގެންނެވި މަޖުބޫރީ ހާލަތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީނާއި އިގްތިސޯދާއި ހަރު މުދާ ފަދަ ހުރިހާ ކަމަކަށް ނުރައްކާވުން ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ ދެން މިރާއްޖޭގެ ވެރިކަމަށް މުހައްމަދު ނަޝީދެއް ނާންނާނެ ކަމަށާއި އްޔިތުން ނަޝީދަކަށް ވޯޓެއް ނުދޭނެ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ވެރިކަން ނުދެއްވުމަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވޯޓުދެއްވުމަށް އޭނާ މިއަދު ވަނީ އާދޭހާއިއެކު އެދިވަޑައިގަންނަވާފައެވެ.
"މި ދިވެހިރާއްޖޭގެ ރައްޔިތުން ދެން ކެނެރީގޭ މުހައްމަދު ނަޝީދަކަށް ވޯޓެއް ނުދޭނެ. އަޅުގަނޑުގެ އާދޭހަކީ، އަޅުގަނޑު ދުވަހަކު ވެސް މީހަކަށް އެހީއެއް ވެދީފައި ވާނަމަ، ﷲ އާއި ރަސޫލާ ގަންދީ މި ދަންނަވަނީ، އާދޭހާ އެކު ޔާމީނަށް ވޯޓު ދެއްވާށޭ." ގާސިމް ވިދާޅުވި އެވެ.
ޕީޕީއެމަށް ތާއީދުކުރަން ފެނޭތޯ ބެލުމަށް ޖޭޕީގެ ކައުންސިލްގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގެން އިންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ވިދާޅުވީ ގާސިމަކީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅެއް ނެތްކަން ރޭ އެނގިގެން ގޮސްފައިވާ ކަމަށާއި ކައުންސިލްގެ ރިޔާސަތުގައި އިންނެވި އިރު ވަކި ގޮތަކަށް ވޯޓު ދެއްވަން ގާސިމް އަންގަވާފައިނުވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުހައްމަދު ސައުދު ވިދާޅުވީ އޭނާގެ ސްޓޭންޑަކީ ޖުމްހޫރީ ޕާޓީގެ ސްޓޭންޑާއިއެކު ކުރިއަށް ދިއުން ކަމަށާއި ޑިމޮކްރަސީ އާއި އިސްލާހާއި އެކު ކުރިއަށް ދެވެން އޮތީ ޑިމޮކްރަސީ އާއި އިސްލާހީ ބައްޕައިންނާއި ކުރިއަށް ގޮސްގެން ކަމަށެވެ.
ގާސިމް ވިދާޅުވީ ނަޝީދަށް ވެރިކަން ލިބިވަޑައިގެންފިނަމަ ދެންވެސް މިގައުމުގެ ހަރުމުދާތައް ވިއްކާލާނެ ކަމަށް ނަޝީދު ވިދާޅުވާ ކަމަށާއި، ނަމަވެސް ޔާމީންއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މިގައުމުގެ ހަރުމުދާތައް ނުވިއްކާނެ ކަމުގެ ޔަގީންކަން ޔާމީން ލިޔުމުން ދެއްވާފައިވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޔާމީނަކީ އެންމެ ފުރިހަމަ މީހާ ނޫން ކަމަށާއި އެކަމަކު މިހާރު ތިއްބެވީ ދެ ކެންޑިޑޭޓުން ކަމުން އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ޔާމީނާއި ނަޝީދާއި ދެމެދު ސުމަކާއި ހާހުގެ ތަފާތު ހުރި ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ތާއީދަށް އެދި އެމްޑީޕީ އާއި ޕީޕީއެމުން ހުށައެޅި ޕްރޮޕޯޒަލްތަކާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އެމްޑީޕީން ޖޭޕީ އަށް ހުށަހެޅި ޕްރޮޕޯޒަލްގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކުން 35 ޕަސެންޓް ދިނުމަށް ހުށައަޅާފައިވާ ކަމަށާއި ޕީޕީއެމުން ހުށަހެޅީ ސަރުކާރުގެ 33 ޕަސެންޓް ހިއްސާކުރުމަށް ކަމަށެވެ.
އެމްޑީޕީއާ ޕީޕީއެމުން ހުށަހެޅި ޕްރޮޕޯޒަލްތައް ނޫސްވެރިންގެ މިއަދު ބައްދަލުވުމުގައި ގާސިމް އިބްރާހީމް ވަނީ ނޫސްވެރިންނަށް ދައްކާލައްވާފައެވެ. މި ދެ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެމްޑީޕީ ޕްރޮޕޯޒަލްގައި އެންމެ ގަނޑެއް އޮތްއިރު ޕީޕީއެމް ޕްރޮޕޯޒަލްގައި ދެތިން ގަނޑެއް އޮތެވެ.
ގާސިމް އިބްރާހީމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހީމް ސިޔާދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައްކަމުންދިޔަ ވާހަކަތައް ދޮގުކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ ސިޔާދު އެމްޑީޕީ އާއި ގުޅިވަޑައިނުގަންނަވާނެ ކަމަށާއި ސިޔާދު ގޮތެއް ނިންމެވުމުގެ ކުރިން އޭނާ އާއި މަޝްވަރާކުރައްވާނެ ކަމަށެވެ.
އެމްޑީޕީން އަޅުގަނޑަށް 8 މިލިއަން ޑޮލަރު ހުށަހެޅި - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ