ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ބޮޑެތި އިމްތިޔާޒުތަކެއް ލިބިދޭ ގޮތަށް ފާސްކުރި، ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލްގެ ބައެއް މާއްދާތައް މާނަކުރަން ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ރައްޔިތުން މަޖިލީހުން ވަނީ އިމްތިޔާޒުގެ ބިލް ފާސްކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން އެ ބިލް ދެ ވަނަ ފަހަރަށް ފާސްކޮށްފަ އެވެ. އެ ބިލްގައި ހުރި ބައެއް މާއްދާތަކާ މެދު ކަންބޮޑުވާކަން ފުލުހުންނާއި ނޫސްވެރިންގެ ޖަމްއިއްޔާ، އެމްޖޭއޭއިން ވަނީ ހާމަކޮށްފަ އެވެ.
އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު "ހަވީރަ"ށް ވިދާޅުވީ އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާ އާއި 18 ވަނަ މައްދާގައި ހުރި ބައެއް ބާރުތަކަކީ މުތުލަގު )ހިފެހެއްޓުމެއް ނެތި ދީފައިވާ ބާރުތަކެއް( ކަމަށް ދައުލަތުނެ ދެކޭ ކަމަށެވެ. އެހެންކަމުން އެ ބާރުތައް ބޭނުންކުރަން ވާނީ ގާނޫނު އަސާސީގެ ތެރެއިން ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މައްސަލަ އިއްޔެގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ އަދި ބަލައިގަތް ކަން ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.
އިމްތިޔާޒު ބިލްގެ 17 ވަނަ މާއްދާއަކީ މަޖިލީހަށް މީހުން ހާޒިރުކުރުމުގައި މަޖިލީހަށް ދީފައިވާ ބާރުތައް ބަޔާން ކުރާ މާއްދާ އެވެ. އަދި 18 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށް އެނގި ހުރި މިންވަރަކުން ކޮންމެ މީހަކު ވެސް ތެދުބަހުން ޖަވާބުދާރީ ވާންޖެހެ އެވެ. އަދި ޖަވާބު ނުދީފިނަމަ އެ މީހަކު 1،000ރ. އާއި 3،000ރ ގެ އަދަދަކުން ޖޫރިމަނާކޮށް އަދި ތިން މަހާއި ހަމަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.
އެ ބިލް ރައީސް މިއަދު ތަސްދީގު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
އިމްތިޔާޒުގެ ބިލްގެ ސަބަބުން ފުލުހުންގެ ދައުރު ހަމަހަމަ ކަމާ އެކު އަދާކުރުމަށް ހުރަސް އެޅޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ބިލްގައި ބުނާ ގޮތުން މަޖިލީހުގެ މަސައްކަތަކަށް ހުރަސް އެޅޭ ގޮތަށް މެންބަރަކު ހައްޔަރު ކުރުން މަނާކުރެ އެވެ. އެގޮތުން މެންބަރަކު މަޖިލީހަށް ވަޑައިގަންނަވަނިކޮށް އަދި މަޖިލީހުގެ މަސައްކަތުން އެނބުރި ދަނިކޮށް މެންބަރަކު ހައްޔަރެއް ނުކުރެވޭނެ އެވެ. އަދި މަޖިލީހުގައި ހުންނަވަނިކޮށް މެންބަރަކު ހައްޔަރުކޮށް ހެދުމަށް ވެސް އެ ބިލުގައި ވަނީ މަނާކޮށްފަ އެވެ.
އޭޖީގެ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ކަންބޮޑުވުންތަކެއް ބިލާ މެދު ހުރުމުން އެކަންތައްތައް ވެސް މިހާރު ދިރާސާކުރަމުން އަންނަ ކަމަށެވެ.
ގިނަ އިމްތިޔާޒުތަކެއް ލިބިދޭ އެ ބިލް ފާސްކުރުމަށް ވޯޓް ދެއްވީ އެމްޑީޕީ އާއި ޑީއާރުޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
އިމްތިޔާޒު ބިލްގެ ބައެއް މާއްދާތައް މާނަކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ