އަބްދުއްލަތީފްގެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފި

ކާރުގެ ޑިކީ ތެރެއިން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިގެން ދައުވާކުރި ޏ. ފުވައްމުލަކު ޑެއިލީބްލޫ އަބްދުއްލަތީފާއި އިތުރު މީހެއްގެ މައްޗަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
އެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ އަނެއް މީހަކީ މާލޭ މުނިސިޕަލްޓީ ދަފްތަރު 3303 ހަސަން އަލީގެ މައްޗަށެވެ.
ދައުލަތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމުންނެވެ.
ހައި ކޯޓުގައި މިއަދު އޮތް ޝަރީއަތުގައި ދައުލަތުގެ ވަކީލާ އައިޝަތު ފަޒްނާ ވިދާޅުވީ ދައުލަތުން އިސްތިއުނާފް ކުރި މައްސަލައާ ގުޅިގެން ދައުވާ ލިބޭ ދެ މީހުންގެ ވަކީލުން ވެސް ދައްކާފައި ވަނީ ހުސް އެއް ވާހަކަތަކެއް ކަމަށެވެ. އެގޮތުން މުހައްމަދު މުސްތަފާ ކިޔާ މީހެއްގެ މައްޗަށް ދައުވާ ނުކުރާ ކަމަށް ބުނާ ކަމަށާއި އެ ދެ މީހުންގެ މައްޗަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ދައުވާ ނުކުރާ ކަމަށް ދިފާއީ ވަކީލުން ބުނެފައިވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
މުސްތަފާއަކީ އަބްދުއްލަތީފްގެ ކާރުން ފެނުނު މަސްތުވާތަކެތި އަޅާފައި ހުރި ފޮށިގަނޑުތައް ރާއްޖެ އެތެރެކޮށްދިން ކަމަށް ބުނާ މީހާ އެވެ.
ފަޒްނާ ވިދާޅުވީ މުސްތަފާގެ މައްޗަށް ދައުވާ ނުކުރީ ލިބިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބަލާފައި ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރާނެ ފަރާތްތަކާއި ނުކުރާނެ ފަރާތްތައް ނިންމުމަކީ ހަމައެކަނި ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އަށް ލިބިގެންވާ ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެ ދެ މީހުން އެކަމުން ބަރީއަވެގެން ނުވާނެ ކަމަށް ފަޒްނާ ވިދާޅުވި އެވެ. މީގެ އިތުރަށް އޭނާ ވިދާޅުވީ މީހެއްގެ އަތުން މަސްތުވާތަކެތި ފެނިއްޖެ ނަމަ އެކަމުގެ ފުރިހަމަ މަސްއޫލިއްޔަތު އެ މީހަކު އުފުލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ވެސް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ދެ މީހުންގެ މައްޗަށް އެ ކުށް ސާބިތުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފަޒްނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ ދެ މީހުންނަކީ ކުރިން މުސްތަފާ ކިޔާ މީހާއާ ގުޅުން ހުރި ބައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ފޮށިގަނޑުތައް ރާއްޖެ އެތެރެވި ހިސާބުން ފެށިގެން އެ ދެ މީހުން މުސްތަފާ ކިޔާ މީހާ އަށް ގިނަ އަދަދަކަށް ގުޅާފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތި އެތެރެ ކުރި ކަމަށް މުސްތަފާގެ މައްޗަށް ދައުވާ ނުކުރީ އެކަށީގެންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ވަކި މީހަކު ވަކިގޮތަކަށް މަސްތުވާތަކެތި އެތެރެ ކުރުމަކީ އެ ގެންގުޅުމާއި ބޭނުންކުރުން އެހެން ބަޔަކަށް ހުއްދަ ވާނެ ކަމެއް ނޫން ކަމަށާއި އެ މަސްތުވާތަކެތި އެތެރެކުރީ އެހެން މީހަކު ކަމަށް ވިޔަސް އެ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުން އެކަމުގެ ޒިންމާ އެ ދެ މީހުން ވެސް ނަގަންޖެހޭ ކަމަށެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޖިނާއީ ކޯޓުގެ ޝަރީއަތުގައި މައްސަލައާ ގުޅުން ނެތް ސުވާލުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ހުކުމެއްގެ ވާހަކަ ދައުލަތުން ބުނުމުން އެ ހުކުމުގައިވާ ''ހިޔާޒަތު''ގެ މާނަ އެނގޭތޯ ދައުލަތާ ސުވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ އާންމު އުސޫލުން އަމަލުކުރާގޮތް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އަބްދުއްލަތީފަށް ފުރުސަތު ދެއްވުމުން އޭނާގެ ވަކީލު އަލީ ޝާހު ވިދާޅުވީ ދައުލަތުން ދައްކާފައިވާ ވާހަކަތަކަކީ އެ މައްސަލައާ ގުޅުން ހުރި ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ދައުލަތުން އެސްއެމްއެސްއެއްގެ ވާހަކަ ބުނާއިރު އެއީ ވެސް އެ މައްސަލައާ ގުޅުންހުރި އެއްޗެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޖިނާއީ ކޯޓުގެ ފަނޑިޔާރު މައްސަލައާ ގުޅުން ނެތް ސުވާލުތަކެއް ކުރެއްވި ކަމަށް ބުނުމަކީ އެ މައްސަލައިގެ ނަތީޖާ އަށް ބަދަލު އަންނާނެ ކަމެއް ނޫން ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި ނަމަވެސް ވަކި ބައެއްގެ މައްޗަށް ދައުވާކޮށް އެހެން ބައެއްގެ މައްޗަށް ދައުވާނުކުރުމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހަމަހަމަކަން ނަގާލުން ކަމަށެވެ. އަދި އެއީ ޕީޖީއަށް ލިބިފައިވާ ބާރެއް ނޫން ކަމަށާއި އެ މައްސަލައިގައި ވަކިބަޔަކު ސަލާމަތްކުރުމަށް ދައުލަތާއި ފުލުހުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އަބްދުއްލަތީފްގެ ކާރުން ފެނުނު މަސްތުވާތަކެތި ހޯދުމަށް ހިންގި ޑެލިވަރީ އޮޕަރޭޝަން ފުލުހުން ގެންގޮސްފައިވަނީ ކުރިން އެކަން ކުރާ އާންމު އުސޫލާއި ހިލާފަށް ކަމަށެވެ.
އެ މައްސަލައިގައި ދައުވާ ލިބޭ ހަސަން އަލީގެ ވަކީލް އަހުމަދު ޒަނީން ވިދާޅުވީ ފުލުހުން އެ ރޭ އެ އޮޕަރޭޝަން ހިންގާފައިވަނީ ވަކި ބައެއްގެ ބޮލުގައި އެކަން އެޅުވުމަށް ކަމަށެވެ. އަދި އެސްއެމްއެސްގެ ވާހަކަ ދައުލަތުން ބުނާއިރު މިޒަމާނުގެ ޓެކްނޮލޮޖީ އަށް ބަލާއިރު އެސްއެމްއެސްއަކީ އެފަދަ ބޮޑު ކުށެއް ސާބިތުކުރެވޭނެ ވަރުގެ ކާފިއީ ހެއްކެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ހިންގުމަށް ވަކި އުސޫލެއް އޮވޭތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެ ހާދިސާ ހިނގިއިރު އެފަދަ އުސޫލެއް ނޯންނަ ކަމަށާއި އެހެން ނަމަވެސް މިހާރު އޮންނަ ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލެއްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރުކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު އައްބާސް ޝަރީފާއި ފަނޑިޔާރު އަބްދުއްރައޫފެވެ.
އަބްދުއްލަތީފް އަތުލައިގެންފައިވަނީ 14 ޑިސެމްބަރު 2010 ވަނަ ދުވަހުގެ ރޭ ދަންވަރު ޓީ ޖެޓީ ކައިރިން އަބްދުއްލަތީފް ކާރުގެ ޑިކީ ތެރެއަށް މަސްތުވާތަކެތި އަޅާފައިހުރި ތަރުކާރީ ފޮށިގަނޑުތައް ލައިގެން ދާން އުޅެނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ