މައުމޫން އޮފީހަށް ވަދެގަތުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއް: ނަޝީދު

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީހަށް ފުލުހުން ވަދެގަތުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މީގެ ކުޑައިރުކޮޅެއްގެ ކުރިން އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހަށް ފުލުހުން މިއަދު ވަދެގަތުމަކީ ޑިމޮކްރަސީއަށް ދެވުނު ހަމަލާއެއްކަމަށެވެ. އަދި މިފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ރައީސް އަބުދުﷲ ޔާމީނަށް ގޮވާލައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އެޕާޓީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީހަށް ފުލުހުން ވަދެގަތުމަކީ ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާއިރު، ރައީސް މައުމޫން ޕީޕީއެމްއިން ވަކިކޮށްފައިވާކަމަށް ރައީސް ޔާމީނަށް ވަފާތެރި ސުލޫކީ ކޮމެޓީން ވަނީ ނިންމާފައެވެ.
ޕީޕީއެމްގެ ރައީސްގެ އޮފީހުުގެ ނަމުގައި ރައީސް މައުމޫން ހިންގަވާ އޮފީހަކީ ކުރިން ޕީޕީއެމްގެ ރަސްމީ އޮފީސް ހިންގެވި އިމާރާތެވެ. ނަމަވެސް ޕީޕީއެމް ދެބައި ސިވިލް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ޕީޕީއެމްގެ ހިންގުން ޕާޓީގެ މުސްތަޝާރާއި ވަނީ ހަވާލްކޮށްފައެވެ. އެއާއިއެކު އެ އޮފީހުގައި ހުރި ތަކެތި ފުލުހުންގެ އެހީއާއިއެކު ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ގެންގޮސްފައެވެ.
މައުމޫންގެ ދެތިން ފޮޓޯފުޅެއް ފިޔަވައި އެހެން ހުރިހާ އެއްޗެއް އެ އޮފީހުން ނެރެގެން ގެންދިއުމާއި ގުޅިގެން ރައީސް މައުމޫން ވަނީ ޕީޕީއެމްެގ ރައީސްގެ އޮފީހުގެ ނަމުގައި އެ އޮފީސް އަލުން ހުޅުވާފައެވެ. މިރޭ ފުލުހުން އެ އޮފީހަށް ވަދެ ނަންބޯޑާ ޕީޕީއެމްގެ ދިދަ ގެންގޮސްފައިވަނީ ސިވިލްކޯޓުން ފުލުހުންގެ މައްޗަށް އެކަން ކުރުމަށް އަމުރުކުރުމުންނެވެ.
ސިވިލް ކޯޓުން ވަނީ މައުމޫން ޕީޕީއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށްވެސް ފުލުހުންގެ މައްޗަށް އަމުރުނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ