ގާސިމް އިބްރާހިމް ފުލުސް އޮފީހުން ނުކުމެވަޑައިގެންފި

ގާސިމް އިބްރާހިމް ފުލުސް އޮފީހުން ނުކުމެވަޑައިގެންފިއެވެ.
މިއަދު ހަވީރު 4:00 ގައި ފުލުސް އޮފީހަށް ވަޑައިގަތުމަށްފަހު ގާސިމް ފުލުސް އޮފީހުން ނުކުމެވަޑައިގެންފައިވަނީ އިރުއޮއްސި 18:23 ގައެވެ.
ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވީ ފުލުހުން ތަހުގީގު ކުރަމުންއަންނަ މައްސަލައަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ އެމަނިކުފާނަށް މިއަދު ޗިޓް ފޮނުވުމުންނެވެ.
ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނު ފުލުސް އޮފީހަށް މިއަދު ހާޟިރު ކުރެވުނީ މިމަހުގެ 5 ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ. އެއީ، ފަނޑިޔާރުންނާއި، ފުލުހުންނާއި ސިފައިންނަށް ނުފޫޒު ފޯރުވައި ދެއްކެވި ކަމަށް ތުހުމަތު ކުރައްވާ ވާހަކައެއްގެ ތަހްގީގަށް ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތުންނާއި، ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރައްވަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ގާނޫނުއަސާސީން މަތިކޮށްފައިވާ ކަންކަން ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި، ބަޔަކު ހިތްހަމަ ނުޖެހުނަސް ފަހަތަކަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
މިހާރު މިހިނގާ ކަންކަމާމެދު ރައްޔިތުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން، ގާނޫނާ ޚިލާފް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލާ އަލްއުސްތާޛާ ހިސާން ހުސައިންވެސް ވިދާޅުވީ، ގާސިމް ފުލުސް އޮފީހަށް މިއަދު ހާޟިރުކުރެއްވީ ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުން ނުފޫޒު ފޯރުވުމަށް އެމަނިކުފާނު ދެއްކެވި ވާހަކަތަކެއްގެ ތުހުމަތުގެ ތަހްގީގަށް ކަމަށެވެ.
މީގެއިތުރުން، ގާނޫނީ ސަރުކާރު ބަދަލު ކުރުމަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް ހިސާން ވިދާޅުވިއެވެ. ހަމަ އެއާއެކު ފުލުހުން މިއަދު ކުރިއަށް ގެންދިޔަ ތަހްގީގުގައި ގާސިމް ވަރަށް ފުރިހަމައަށް ޖަވާބުދާރީވެވަޑައި ގެންނެވި ކަމަށްވެސް ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވިއެވެ.
ގާސިމް އިބްރާހިމްގެ އަމިއްލަފުޅު ގެކޮޅާއި އަދި އޮފީސް ފުލުހުން ކުރީ ދުވަހު ބަލައި ފާސްކުރީ ކޮޕަރްޝަންގެ ތުހުމަތާއި ގުޅިގެން ނަމަވެސް، މިއަދުގެ ތަހްގީގުގައި އެކަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރައްވާ ކަމަށްވެސް އުސްތާޛާ ހިސާން ހުސައިން ވިދާޅުވިއެވެ. "އެހެންވެ އެއީ މިހާރު ނެތްކަމެއް ކަމަށް ބަލަނީ" ހިސާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ