910 ދަރިވަރުންނާއެކު އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

ތިން ވަނަ މައިލޯ އިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފި އެވެ.
ހޭންޑްބޯޅަ އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މުބާރާތުގައި މިއަހަރު 14 ސްކޫލަކުން ޖުމްލަ 65 ޓީމު ވާދަކުރާ އިރު، ކ. މާފުށި ސުކޫލުން ދެ ޓީމެއް ބައިވެރިވެއެވެ. އަދި މިމުބާރާތަކީ މިހާތަނަށް އެންމެ ގިނަ ދަރިވަރުން ވާދަކުރާ ފުރަތަމަ މުބާރާތް ކަމަށާއި އެގޮތުން ޖުމްލަ 910 ދަރިވަރުން މިފަހަރުގެ މުބާރާތުގައި ވާދަކުރާ ކަމަށް ހޭންޑްބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގައި މިއަހަރު އަލަށް ތިން ސުކޫލަކުން ވާދަކުރާ ކަމަށާއި އެތިން ސުކޫލަކީ ގާޒީ ސުކޫލާއި ޖަމާލުއްދީން ސުކޫލްގެ އިތުރުން ހިރިޔާ ސުކޫލެވެ. އަދި މިއަހަރުގެ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަ ޖެހިފައި ވަނީ މާފަންނުގައި ހުންނަ މޭރީ ބްރައުންގެ ފަހަތުގައި އޮން ހުސް ބިމުގައި ކަމަށާއި މެޗް ތައް އޮންނާނީ ކޮންމެ ދުވަހެއްގެ ވެސް ދުވާލާއި ރޭގަނޑު ކަމަށް ވެސް ހޭން ބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި މުބާރާތުގައި މިއަހަރުވެސް ދެ ޖިންސުގެ ކުޅުންތެރިން ވާދަކުރާ އިރު، މުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 12 އަހަރާއި 14 އަހަރު އަދި 16 އަހަރުންދަށުގެ އުމުރުފުރާތަކެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ 12 އަހަރުން ދަށުގެ ފިރިހެން ބައިގައި 10 ޓީމް ވާދަކުރާއިރު، އަންހެން ބައިގައި 11 ޓީމެއް ވާދަކުރެއަވެ. އަދި 14 އަހަރުން ދަށުގެ ފިރިހެން ބައިގައި 12 ޓީމް ވާދަކުރާއިރު، އަންހެން ބައިގައި 14 ޓީމް ވާދަކުރެއެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން ބައިގައި އަށް ޓީމް ވާދަކުރާއިރު، އަންހެންބައި ގައިވެސް އަށް ޓީމް ވާދަކުރެއެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރާ ސްކޫލްތައް:
1- ތާޖުއްދީން ސުކޫލް - ތިން ޓީމް
2- އިސްކަންދަރު ސުކޫލް - ހަޓީމް
3- ޖަމާލުއްދީން ސުކޫލް - ހަޓީމް
4- ކަލާފާން ސުކޫލް - ހަޓީމް
5- އަރަބިއްޔާ ސުކޫލް - ފަސް ޓީމް،
6- އަމީނިއްޔާ ސުކޫލް - ފަސް ޓީމް،
7- މާޖިދިއްޔާ ސުކޫލް - ފަސް ޓީމް
8- ގިޔާސުއްދީން - ހަތަރު ޓީމް،
9- ދަރުމަވަންތަ - ފަސް ޓީމް
10- ހިރިޔާ - ފަސް ޓީމް،
11- ވިލިމާލެ މުހިއްޔުއްދީން - ހަ ޓިމް
12- ގާޒި ތިން ޓީމް،
13- ރެހެންދި - ހަތަރު ޓީމް
14- މާފުށި- ދެ ޓީމް
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 36 ޓީމު ވާދަކުރި އިރު، އެ މުބާރާތުގެ 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ މަޖީދިއްޔާ ސްކޫލް އެވެ. އަދި އަންހެން ބައިގެ ޗެންޕިއަންކަން ހޯދީ މާފުށި ސްކޫލް އެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި މިމުބާރާތުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދަރުމަވަންތަ ސްކޫލް އެވެ އަދި 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން މަޖީދިއްޔާ ސުކޫލު ހޯދިއިރު 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކަލާފާނު ސުކޫލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ