މެމްބަރު ސަމީރުގެ ވާހަކަތަކަށް ފުލުހުން ރައްދުދީފި

މިދިޔަ ހަފުތާ ބަންދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދިއްދު އަށް ވަޑައިގަތުމާ ދިމާކޮށް އެ ރަށުގައި ހަމަނުޖެހުން ހިންގަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު "ނިޒާމުން ގެއްލުވާލާފައިވާ" ކަމަށް ވިދާޅުވެ ދިއްެދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރު ދެއްކެވި ވާހަކަތަކަށް ފުލުހުން ރައްެދު ދީފި އެވެ.
ސަމީރު ރޭ ވިދާޅުވީ ދިއްދޫ ކައުންސިލްގެ މެންބަރު އަބްދުﷲ ވަހީދާއި އެ ރަށު އެޓޮމް ވާދީ، ފަރުހަތު އަބޫބަކުރާއި ފަސީހު އަބޫބަކުރު ނިޒާމުން ގެއްލުވާލާފައިވާ ކަމަށާއި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ތިން ދުވަސްވީ އިރު ވެސް ފުލުހުން އާއިލާ އަށް އަންގާފައިނުވާ ކަމަށެވެ. އަދި ދިއްދު އާއި އެ ސަރަހައްދުގެ އެހެން އެއްވެސް ޕޮލިސް ސްޓޭޝަނަކުން ވެސް އެ މީހުންނާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނުގައި ފުލުހުން ބުނީ ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ކޯޓަށް ހާޒިރުވުމަށް، ދިއްދޫ މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް އަމުރު ހަވާލުކުރަން ދިއުމުން މާލެ ދެވެން ނެތް ކަމަށް ބުނެ އެ މީހުން އަމުރާ ހަވާލުނުވި ކަމަށެވެ. އެހެންވެ އެ ތިން މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަން އާއިލާ އަށް ވެސް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހުންނާ ބެހޭ ގޮތުން ބައެއް ފަރާތްތަކުން މީޑިއާ މެދުވެރިކޮށް ވާހަކަ ދައްކަވާފައި ވަނީ ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވާ ފަދަ ގޮތަކަށް ދައްކަވާފައިވާ ވާހަކަތަކަކަށް ވުމުގެ އިތުރުން ދިވެހި ފުލުހުންނާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެދޭ ގޮތަށް ދައްކާފައިވާ ވާހަކައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންކަމުން އެފަދަ މައްސަލަތަކުގައި، އާއްމު މީޑިއާތައް މެދުވެރިކޮށް އެކި ފަރާތްތަކުން ކަންކަން ހާމަކުރައްވާއިރު ކަންކަމުގެ ފުރިހަމަ މައުލޫމާތު ފުލުހުންގެ ކިބައިން ސާފުކޮށް، ރައްޔިތުންނަށް ހަގީގަތް އޮޅުވާނުލައި މައުލޫމާތު ދިނުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ