ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ރައީސަކީ އެމަނިކުފާނުކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ނިންމާ، އެކަން ހާމަކުރުމާއި ގުޅިގެންނެވެ.
މަރުގެ ހުކުމް ތަންފީޒުކޮށް، ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމްކުރުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ އެކަންކަމަށް ވަކާލާތު ކުރައްވަމުން ގެންދަވާ އުމަރު ނަސީރު މިއަދު ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުނުކުރުމަށް މި ސަރުކާރުން ނިންމެވި ނިންމެވުމާއިމެދު ހިތާމަކުރައްވާކަމަށެވެ.
ގިސާސް ހިފުމަކީ މީހުން މެރުމާއި، ވަޅި ހެރުމަށް އޮތް ހައްލުކަމަށް އުމަރު ވިދާޅުވިއެވެ. އަދި އަމާންކަން ގާއިމްކުރެވޭނީ ގަސްތުގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދެވިގެންކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ގޮވާލަމުންދިޔަ ގޮވާލުންތަކުގައި ދެމި ހުންނަވާނެކަމަށާ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ރައީސަކީ އިރާދަކުރެއްވިއްޔާ އެމަނިކުފާނުކަމަށެވެ.
ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު އެންމެ ފަހުން ތަންފީޒުކޮށްފައިވަނީ .މީގެ 65 އަހަރުކުރިންނެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމަށް އެންމެ ބޮޑަށް ބާރުއަޅާ އެކަމަށް މިފަހުން މަސައްކަތްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ޔާމީންގެ ސަރުކާރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ނިންމާ އެކަން އިއުލާންކުރީ ހޯމް މިނިސްޓަރުކަމުގައި އުމަރު ނަސީރު ހުންނަވައިގެން 27 އޭޕްރީލް 2014 ގައެވެ. އެއަށްފަހު މަރުގެ އަދަބު ތަންފީޒުކުރުމަށް ޚާއްސަ ވަސީލަތްތައްވެސް ޖަލުގައި ވަނީ ގާއިމްކޮށްފައެވެ. އަދި ދުނިޔޭގައި މަރުގެ އަދަބު ދީ އުޅޭގޮތް ވަރަށް ބޮޑަށް ދިރާސާކޮށް އެކަމާއި ގުޅޭ ގިނަ ކަންތައްތަކެއްވަނީ ނިންމާފައެވެ.
ނަމަވެސް ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަން ނިމިގެންދިޔައިރުވެސް، މަރުގެ ހުކުމެއް ރާއްޖޭގައި ތަންފީޒުކޮށްފައެއްނުވެއެވެ. ނަމަވެސް ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅާއިހަމައަށްވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރައްވާނެކަމަށް ރައީސް ޔާމީންވެސް ގެންދެވީ ހަރުއަޑު ވިދާޅުވަމުންނެވެ.
މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރަމުން ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވީ މަރުގެ އަދަބު ނުދެވޭނެކަމަށް ސަރުކާރަށް ނުބުނެވޭނެކަމަށެވެ. އެއީ ސަރުކާރަށް އޮތް ހައިސިއްޔަތެއް ނޫންކަމަށާ މާތްﷲ ވަނީ ކީރިތި ގުރުއާނުގައި ގިސާސްގެ ހުކުމް ބާއްވާލައްވާފައިކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ. އެއަށް އިންކާރު ނުކުރެވޭނެކަމަށާ ނަމަވެސް ސަރުކާރަށް ޝަރުއީ ދާއިރާ އިސްލާހު ކުރެވިދާނެކަމަށް ޒައިދު ވިދާޅުވިއެވެ. އަދި އެކަންކުރުމަށްފަހު ގުރުއާނަށް އަމަލުކުރަންޖެހޭނެކަމަށް ޝައިޚް ޒައިދު ވިދާޅުވިއެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނީ އަޅުގަނޑު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ