އަލިފުށީގައި މިއަދުވެސް ކަރަންޓް ނެތް!

ރ.އަލިފުށީގައި މިއަދު ކަރަންޓް ދިންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ކަރަންޓް ހިނގައްޖެ އެވެ.
އަލިފުށީގައި ރޭ ގައިވެސް ކަރަންޓް ނެތްއިރު އެރަށުގެ ގިނަ ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން އެރަށުގައި ކަރަންޓް ހިދުމަތްދޭ ފެނަކަ އޮފީސް ކައިރިއަށް ގިނަ ބަޔަކު ޖަމާވެ އެރަށަށް 24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދިނުމަށް ގޮވާލާފައިވެ އެވެ. ނަމަވެސް އިއްޔެގެ ގިނަ ވަގުތުގަ އާއި ރޭ އެއްކޮން ތިބެން ޖެހުނީ ކަނު އަނދިރީގަ އެވެ.
ކަރަންޓް ލިބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 11.00 ހާއިރެވެ. އަލިފުށީ މީހަކު ވީނިއުސްއަށް މިއަދު މައުލޫމާތު ދިން ގޮތުގައި ރޭގައި އެއްކޮން ކަނު އަނދިރީގައި ތިބުމަށްފަހު މިއަދު ކަރަންޓް ލިބުނީ ކުޑަ އިރުކޮޅަކަށެވެ. އަދި މެންދުރުވުމާ ކައިރިވެފައިނިކޮށް އަނެއްކާވެސް ކަރަންޓް ދިޔަ ގޮތައް އަދިވެސް ނުލިބޭ ކަމަށް އެނާ ބުންޏެވެ.
އަލިފުށި ކައުންސިލްގެ އަލިފުށީ ކައުންސިލްގެ ނައިބު ރައީސް އަބްދުއްރަހްމާން ޔޫސުފް ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު 10.30 ހާއިރު ކަރަންޓް ދިއުމަށްފަހު ކަރަންޓް ލިބުނީ ހަވީރު 4.30 ހާއިރު ކަމަށެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް ކަރަންޓް ދިޔައީ ރޭ އިޝާ ނާމާދުގެ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.
އަލިފުށީގައި ކަރަންޓް ހިދުމަތް ދިނުމަށް 600 ކިލޯވޮޓުގެ ޖަނަރޭޓަރަކާއި 400 ކިލޯވޮޓްގެ ޖަނަރޭޓަރެއް ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތެރެއިން 600 ކިލޯވޮޓުގެ ޖަނަރޭޓަރަށް މައްސަލަ ދިމާވާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެރަށުން ފަހަކަށް އައިސް އެކި ވަގުތު ތަކުގައި ކަރަންޓް ދިއުން މިހާރު އާންމުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ