ކެންޑިޑެސީ ބާތިލްކޮށްފިނަމަ ސުޕްރީމް ކޯޓަށް ދާނަން: ނަޝީދުގެ ކެމްޕޭން މެނޭޖަރު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކެންޑިޑޭޓެއްގެ ގޮތުގައި ނަޝީދުގެ ނަން ބަލައިނުގެންފިނަމަ ނަޝީދުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް ރައީސް ނަޝީދުގެ ކެމްޕޭން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް މިހެން ވިދާޅުވެފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ މީހަކަށް ބައިވެރިނުވެވޭނެ ކަމަށާއި އެފަދަ މީހުންގެ ކެންޑިޑެސީ ބާތިލުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އާދިއްތަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނިކޮށެވެ.
ރައީސް ނަޝީދު ގެންދަވަނީ 13 އަހަރުގެ ޖިނާއީ ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު އަސްލަމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ރައީސް ނަޝީދުގެ ވާހަކަދައްކާފައި ނުވާ ކަމަށެވެ. ކޮމިޝަންގެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަ ނުވާ ފަރާތްތަކެއްގެ ވާހަކަތަކެއް ކަމަށާއި ރައީސް ނަޝީދަކީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް ވެސް ކަންކަމުގައި އަމަލުކުރެވޭނީ ގާނޫނީ އިމުގެ ތެރެއިން ކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކުރާނަމަ ކަންކުރަންވީ ގޮތް އިންތިހާބުތަކާ ބެހޭ ގާނޫނާއި އިލެކްޝަން ކޮމިޝަންގެ ގާނޫނުގައި ކަނޑައަޅައިދީފައިވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ގާނޫނީ އިމުގެ ތެރެއިން ރައީސް ނަޝީދުގެ ކެންޑިޑެސީ ބަލައިނުގެންފިނަަމަ ނަޝީދުގެ ކެންޑިޑެސީއާ މެދު ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް ކެމްޕޭންގެ ވާދަނުކުރެވޭނެ ކަމަށް ބަޔަކު ބުނި ނަމަވެސް ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ. އަދި އެއްވެސް ހުއްޓުމެއް ނުގެނެސް ރައީސް ނަޝީދުގެ ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވެސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމަނިކުފާނުގެ ކެންޑިޑެސީ ކަށަވަރުކޮށް ރައީސް އަބްދުﷲ ޔާމީނާ ވާދަކުރައްވައިގެން އިންތިހާބުގައި ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ