ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމު ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް މަހްލޫފް މިއަދު ކޯޓުގައި އެދިވަޑައިގެންފި އެވެ.
ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އާދަމް އާރިފަށް މަހްލޫފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ މައްސަލަ ބެލުމުގައި ގާޒީ އަލީ އާދަމް "މުއްތަހަމު" ވެފައިވާތީ ޓެރަރިޒަމުގެ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ އެހެން ގާޒީއަކާއެކު ކަމަށެވެ.
ގާޒީ އަލީ އާދަމްއާ ގުޅޭގޮތުން ޝަކުވާތައް ހިއްސާކުރައްވަމުން މަހްލޫފް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ދިފާއީ ހެކި ހުށަހެޅި އެކަމަށް ދީފައިވާ މުއްދަތުގެ ފަހުން ކަމަށް ވިދާޅުވެ ގާޒީ އަލީ އާދަމް ހެކި ބަލައިގެންފައި ނުވާ ކަމަށެވެ. ދީފައިވާ މުއްދަތުގައި ހެކި ހުށަހެޅޭ ގޮތް ނުވީ އޭނާގެ ދިފާއީ ވަކީލް ނާޒިމް އަބްދުއްސައްތާރު މައްސަލައިން ސަސްޕެންޑް ކުރުމުން ކަމަށްވެސް ވިދާޅުވެފައިވެ އެވެ. ނާޒިމް ސަސްޕެންޑް ކުރީ ކުރެއްވި ޓްވީޓަކާއި ގުޅިގެން ކަމަށް ބުނެ ނާޒިމާ އެއްވެސް ސުވާލެއް ކުރުމަކާ ނުލައި ކަންވެސް ފާހަގަކުރައްވާފައިވެ އެވެ.
މަހްލޫފްގެ ސިޓީގައި ވިދާޅުވެފައިވަނީ 2016 ވަނަ އަހަރު ވެސް އޭނާ ހަމަސް ދުވަހަށް ޖަލަށްލީ ގާޒީ އަލީ އާދަމް ކަމަށާއި އެފަހަރު ވެސް އޭނާ ޖަލަށްލީ ދިފާއީ ހެކި ބަލައިނުގަތުމަށް ނިންމުމަށްފަހު ވަކީލް ނާޒިމް ސަސްޕެންޑްކޮށް ވަކީލްގެ ޣައިރު ހާޒިރުގައި ކަމަށެވެ. އެފަހަރު އޭނާ ޖަލަށް ބަންދުކުރީ ގާނޫނާ ހިލާފު ކަަމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ވެސް ނިންމާފައިވާތީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާ އަކަށް ދިނުމުގެ ކުށުގެ ދައުވާއާ ގުޅޭ މައްސަލަ ބައްލަވަނީ ވެސް ގާޒީ އަލީ އާދަމެވެ.
މީގެ ކުރިންވެސް މަހުލޫފްގެ މައްޗަށް ދެ ދައުވާއެެއް އުފުލާ އެ ދައުވާތައް ސާބިތުވާކަމަށް ނިންމުމުން މަހުލޫފް ވަނީ 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފަ އެވެ.
މަހްލޫފަށް ކުރާ ދައުވާތަކާ ގުޅިގެން އޭނާ މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.
މަހްލޫފްގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ