ދިވެހިރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލާ ގުޅޭގޮތުން، ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމާ މަޝްވަރާ ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލްވުމުގައި ރާއްޖޭގައި ތިއްބެވި މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރެއިން، ޑރ މުހައްމަދު އިޔާޒް އަބްދުލްލަތީފާއި، އައްޝައިޚް ނިމާލް މުހައްމަދު އަދި އައްޝައިޚް އަލީ ޒައިދާއި، އަލްއުސްތާޒު ހުސައިން އަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލްވުމާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޑރ މުހައްމަދު އިޔާޒް ވިދާޅުވީ މި ބައްދަލްވުމުގައި މިހާރު މަޖިލީހަށް ހުށައެޅިފައިވާ ގާނޫނީ ޚިދުމަތުގެ ބިލްގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.
އިޔާޒް ވިދާޅުވީ ގާނޫނީ ޚިދުމަތުގެ ބިލްގައި ކަންބޮޑުވާންޖެހޭ ބައެއް ކަންކަން އެބަހުރިކަމަށާ ޚާއްސަކޮށް ބާ އެސޯސިއޭޝަނުން އެކްރެޑިޓްކޮށްފައިވާ ތަނެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލް ކުރާ ބޭފުޅުންނަށް ނޫނީ ވަކީލު ކަމުގެ ހުއްދަ ނުލިބޭނެކަމަށް ބިލްގައި ބުނެފައިވާތީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. މި ބިލްފައި ބެޗްލާ އޮފް ޝަރިއާއިން ލޯ އިން ޑިގްރީ ހާސިލުރާ ބޭފުޅުންނަށްވެސް ފުރުސަތު އޮންނަންވާނެކަމަށް އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ އެގޮތަށް ކަންކަން ނުކޮށްފިނަމަ މުޖްތަމައުއަށްވެސް އޭގެން ވަރަށް ބޮޑެތި ގެއްލުންތައް ވާނެކަމަށާ ވަކީލުންނަކީ އިސްލާމީ ޝަރީއާ ނޭންގޭ ބަޔަކަށް ވެއްޖެނަމަ މުޖްތަމައުއަށް އެކަމުން ހީވެސްނުކުރާފަދަ ނޭދެވޭ ކަންތައްތަކެއް މެދުވެރިވެގެން ހިނގައިދާނެކަމަށެވެ.
މި ބައްދަލްވުމުގައި އިލްމުވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ގާސިމް ވަނީ ދެއްވާފައެވެ. އަދި އެމަނިކުފާނުގެ ރިޔާސަތުގައި، އަދި މަޖިލީހުގެ މެންބަރަކަށް ހުންނެވިހާ ދުވަހަކު އިސްލާމްދީނާއި ޚިލާފު އެއްވެސް ގާނޫނެއް ފާސްކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ގާނޫނީ ޚިދުމަތުގެ ބިލާ ގުޅޭގޮތުން މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް އެ ބިލްގައި ހުރި ރަނގަޅު ވަރަށް ގިނަ ކަންކަންވެސް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.
މިބިލް މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.
ގާނޫނީ ޚިދުމަތުގެ ބިލްގެ ކަންބޮޑުވުންތަކާއެކު އިލްމުވެރިން ގާސިމް އަރިހަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ