ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒު މުހުސިނާއި، ގާޒީ އަހްމަދު ނިހާން ގޭބަންދަށް ބަދަލުކުރުމަށް މިއަދު މާލެ ގެނެސްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ މި ހަތަރު ބޭފުޅުން މިއަދު ގޭބަންދަށް ބަދަލުކޮށްފައިވާ ކަަމަށް ބުނެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، ސިޔާސީ ބޭނުންތަކުގައި ނުހައްގުން ޖަލަށްލެވުނު ބޭފުޅުން މިނިވަންކުރުމަށް ނުވަތަ ގޭބަންދަށް ބަދަލުކުރުމަށް ރިޔާސީ އިންތިހާބުގެ ތެރޭގައި ވައުދުވެވަޑައިގެންފަ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެފަ އެވެ.
އަދި އަބްދުﷲ ސައީދުގެ މައްޗަށް ޖެމްސް ހުއްޓުވާލުމުން ދައުލަތުން ދައުވާކުރި މައްސަލަ ވެސް ސާބިތުވާ ކަމަށް ވަނީ ހުކުމް އިއްވާފަ އެވެ. ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުކޮށް މި ދެ ބޭފުޅުންގެ މައްޗަށް ވަނީ ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފާ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރީ މިއަަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ގޮވާލައި އަބްދުﷲ ސައީދާއި އަލީ ހަމީދާއި އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުއްވި ވަރުގަދަ އަމުރު ތަންފީޒު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެކޮޅު ހެދުމަށްފަހު އެވެެ.
ސުޕްރީމް ކޯޓުން މިއަމުރު ނެރުނީ އަބްދުﷲ ސައީދާއި އަލީ ހަމީދު ރިޝްވަތު ނަންގަވައިގެން ކަމަށް ތުހުމަތުކޮށް މި ދެ ބޭފުޅުން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ސިފައިން ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓަށް ވަނުމަށްފަހު އެވެ.
ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި ގާޒީ ނިހާންގެ މައްޗަށް ހަތަރު ދައުވާ އަދި މުހުތާޒުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން އުފުލާފައިވެ އެވެ. އެގޮތުން ނިހާންގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާ އާއި، ފޭކް ލިޔުމެއް އުފެއްދުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. މުހުތާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަކީ ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެެއްކުމަށްޓަކައި ލިޔުމެއް އުފެއްދުމުގެ ދައުވާއާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ގާޒީ ނިހާނާއި މުހުތާޒުގެ މައްޗަށް މިހާތަނަށް ހުކުމް ކޮށްފައިވަނީ ހަމައެކަނި ޓެރަރިޒަމުގެ ދައުވާގަ އެެވެ. އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ މި ދެ ބޭފުޅުން 17 އަހަރަށް ޖަލަށްލުމަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ގާޒީ ނިހާންގެ މައްޗަށް ޓެރަރިޒަމުގެ ކުށް ސާބިތުވެ އޭނާ 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ ހައިކޯޓުން އެމައްސަލާގައި ހުކުމެއް ކުރަންދެން ގާޒީ ނިހާން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ގާޒީ ނިހާންގެ ފަރާތްޕުޅުން މީގެކުރިން ވަނީ ހައިކޯޓުގައި އެދިފަ އެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރުގެ 10 ވަނަ ދުވަހު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައިވަނީ ކަފާލާތުގެ ދަށުން ނިހާން ދޫކޮށްލެވެން ނެތް ކަމަށް ނިންމާފަ އެވެ.
ގާޒީ ނިހާން ހައްޔަރުކުރުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އޭނާގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަނޑިޔާރު ކަމުގެ މަގާމުން ސަސްޕެންޑް ކޮށްފަ އެވެ. ގާޒީ ނިހާންގެ މައްސަލަ ކްރިމިނަލް ކޯޓު މަރުހަލާ އިން ނިންމާފައިވީ ނަމަވެސް އޭނާ މަގާމުން އަދި ވަކިކޮށްއެއް ނުވެ އެވެ.
ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ސިޔާސީ ބައެއް ލީޑަރުންގެ މައްސަލަތައް ސުޕްރީމް ކޯޓުން އަލުން މުރާޖައާ ކުރަމުންދާތީ ސިޔާސީ ބައެއް ބޭފުޅުން ވެސް މިވަގުތު ތިއްބެވީ މިނިވަންކޮށްފަ އެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައިސް އަހްމަދު ނާޒިމާއި، އަދާލަތު ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހިމެނެ އެވެ.
ދެ ފަނޑިޔާރުންނާއި މުހުތާޒާއި ގާޒީ ނިހާން ގޭބަންދަށް ބަދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ