ތުޅާދޫގައި ކަރަންޓު ނެތްތާ ހަތް ގަޑިއިރަށްވުރެ ގިނައިރު ވެއްޖެ

ބ.ތުޅާދޫ އިންޖީނުގޭގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ، މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ވީއެފްޕީއާ ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، ކަރަންޓުގެ މައްސަލަ ދިމާނުވާތާ ދުވަސްތަކެއް ފަހުން ރޭ ދަންވަރު 3:30 ހާއިރު މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދިވެސް ކަރަންޓު ނުލިބޭކަން ފާހަގަކޮށް ރަޝީދު ވިދާޅުވީ ކަރަންޓުގެ މައްސަލަ އެރަށަށް ދިމާވާ އެއްސަބަބަކީ އިންޖީނުގޭގައި ބޭނުން ކުރާ ތިން ޖަނަރޭޓަރަކީ ވެސް ބާވެފައިވާ ޖަނަރޭޓަރަށް ވުން ކަމަށެވެ.
"އިންޖީނު ގޭގަ ތިން ޖަނަރޭޓަރު ހުރޭ. އެއީ 250 ކިލޯވޮޓްގެ ދެ ޖަނަރޭޓަރާއި 200 ކިލޯވޮޓުގެ ޖަނަރޭޓަރެއް. ތިން ޖަނަރޭޓަރުގަ ވެސް މައްސަލަ ޖެހިފަ ހުންނަނީ. މިސާލަކަށް ޖަނަރޭޓަރެއްގަ މައްސަލަ ޖެހިގެން ރަށުގަ އެ އެއްޗެހި އެމަރާމަތު ކުރަން އެބަ ނަގާ ހަ ގަޑިއިރު ހަތް ގަޑިއިރު. އަދި އެހެން ތަނަކުން އެމަރާމާތު ކުރާނެ ސާމާނު ގެނެސްގެން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދޭން އެއަށްވުރެ ގިނައިރު ނަގާނެ،" ރަޝީދު ވިދާޅުވިއެވެ.
އާބާދީގައި 2974 މީހުން ދިރިއުޅެމުން އަންނަ ތުޅާދޫ އިންޖީނުގެއަކީ ފެނަކައިން ހިންގަމުން އަންނަ އިންޖީނުގެއެކެވެ. ފެނާއި ނަރުދަމާގެ ހިދުމަތް އެރަށުގައި އިފްތިތާހު ކުރުމަށް މިހާރު ތައްޔާރުވަމުން އަންނައިރު އެކަމަށް އިތުރު 77 ކިލޯވޮޓްގެ ކެޕޭސިޓީއެއް ބޭނުންވާނެ ކަމަށް ރަޝީދު ވިދާޅުވެއެވެ.
"އިންޖީނުގެއިން ބުނި ފެނާ ނަރުދަމާ އިފްތިތާހުކުރީމަ އިތުރުން 77 ކިލޯވޮޓްގެ ކެޕޭސިޓީއެއް ބޭނުންވާނެއޭ. އެހެންކަމަށްވާނަމަ ފެނާ ނަރުދަމާ އަޅާފަ އެއިން އެއްވެސް މަންފާއެއް ރައްޔިތުންނަކަށް ނުކުރާނެ ރަނގަޅަށް ކަރަންޓު ނުދެވޭނަމަ." ކައުންސިލުގެ ރައީސް ރަޝީދު ވިދާޅުވިއެވެ.
ތުޅާދޫ އިންޖީނުގެއިން ކަރަންޓު ކެނޑިފައިވާތާ މިހާރު ގިނައިރުތަކެއްވެފައިވާއިރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ އެއިންޖީނުގޭގެ ޕެނަލް ބޯޑަށް ފިނިކުރަން ސްޓޭންޑް ފަންކާއެއް ބަހައްޓާފައި ހުރި ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ