ސްކޫލް ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!

އަންނަ ރިޔާސީ އިންތިހާބާއި ދިމާކޮށް މާލޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންގެ އައިޑީ ކާޑް ގަންނަން މަސައްކަތް ކުރާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ސަރުކާރުން ހިންގާ ސްކޫލެއްގައި ގްރޭޑް 12 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ރިޔާސީ އިންތިހާބާއި ދިމާކޮށް އައިޑީ ކާޑް ގަތުމަށް ސުކޫލް ތެރެއިން އެހެން ބައެއް ދަރިވަރުން ހުށަހަޅަމުންދާ ކަމަށެވެ. އެ ދަރިވަރުން ދަނީ އައިޑީ ކާޑް ގަތުމަށް ހަ ހާސް ރުފިޔާއިން ފެށިގެން 10 ހާސް ރުފިޔާއާ ހަމަޔަށް ހުށަހަޅަމުންކަން ރާއްޖެއެމްވީއަށް ލިބިފައިވާ ސްކްރީންޝޮޓްތަކުން ހާމަވެއެވެ. 
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާ ވާހަކަ ދެއްކި އެހެން ދަރިވަރަކު ބުނީ ސްކޫލް ތެރޭގައި އައިޑީ ކާޑް ގަންނަން މަސައްކަތް ކުރަމުން ދަނީ ވަކި ސިޔާސީ ޕާޓީއަކަށް ތާއިދުކުރާ ދަރިވަރުންތަކެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ދަރިވަރުންނަކީ ސިޔާސީ ޕާޓީއެއްގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކާއި ގާތް ގުޅުމެއް އޮންނަ ދަރިވަރުންތަކެއް ކަމަށާއި ސްކޫލް މާހައުލުގައި ވަރަށް ބޮޑަށް ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން އެ ދަރިވަރުން ވާހަކަ ދައްކާ ކަމަށް ވެސް ރާއްޖެއެމްވީއަށް މައުލޫމާތުދިން ދަރިވަރު ވަނީ ބުނެފައެވެ. 
އަލަށް ވޯޓުލާ ކުދިންނަށް އަމާޒުކޮށްގެން ސްކޫލް ތެރޭގައި ވޯޓު ގަންނަން މަސައްކަތް ކުރަމުންދާތީ ބައެއް ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު ވެސް ސްކޫލްތަކުގެ މެނޭޖްމަންޓުން މިކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަަޅާފައިނުވާކަން ވަނީ އެނގިފައެވެ. 
ހަމައެހެންމެ އައިޑީ ކާޑް ގަންނަން މަސައްކަތް ކުރާ ދަރިވަރުންނަކީ ވަކި ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގެ އިސް ސަފުގައި ހަރަކާތްތެރިވާ ދަރިވަރުންތަކެއް ކަން ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.
ސްކޫލް އިމާރާތްތަކުގެ ތެރޭގައި އެއްވެސް ސިޔާސީ ހަރަކާތެއް ހިންގުމަކީ މަނާކަމެއް ކަމަށްވާއިރު މިފަދަ ކަންކަން ސްކޫލް މާހައުލުގައި ހިނގަމުންދާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް އަމާޒުވެފައެވެ. ރާއްޖެއެމްވީއަށް މިކަން އެނގިފައި މިވަނީ ވޯޓު ގަނެ ވިއްކުމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ