މާލެއިން ކަރަންޓު ކެނޑޭ މައްސަލަ ދެނެގަތުމަށް ދިރާސާއެއް ހަދަނީ

މާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ދެނެގަތުމަށްޓަކާ މިހާރު އޮތް ކަރަންޓް ސިސްޓަމާ ގުޅޭ ދިރާސާއެއް ހެދުމަށް ބަޔަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ދޮޅު ގަޑިއެއްހާއިރަށް ރޭ މާލެއިން ކަރަންޓުދިޔަ ހާދިސާއާ ގުޅޭ ގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ، މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރަން މިހާރު މާލޭގައި އޮތް ކަރަންޓް ސިސްޓަމްގެ ދިރާސާއެއް ހަދަން ރާއްޖޭން ބޭރުގެ ކުންފުންޏަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މާލޭގައި މިހާރު ބޭނުން ކުރަމުންދާ ސިސްޓަމަކީ ގިނަ ދުވަސްވެފައިވާ ސިސްޓަމެއްކަން ފާހަގަކޮށް ނާޝިދު ވިދާޅުވީ، މިހާރު މާލެއިން ކަރަންޓް ކެނޑުނު ނަމަވެސް އެކަން ހައްލުކުރަން ޖެހެނީ އިންޖިނިއަރުން އެތަންތަނަށް ގޮސްގެން ކަމަށެވެ. އަދި އެކަމަށް ވަގުތު ނަގާއިރު ސިސްޓަމްތައް އޮޓޮމޭޓް ކުރަން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ، ސްޓެލްކޯއަކީ ހަރަދު ދެކޮޅު ޖެއްސޭ ކުންފުންޏެއް ނޫން ނަމަވެސް ސްޓެލްކޯއަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުރަތަމަ މި ކުރަނީ ކަރަންޓް އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.
މިހާރުގެ ސިސްޓަމްގައި ހުރި މައްސަލަތައް ދެނެގަތުމަށް ހަދާ ދިރާސާތަކަށް ބަލައި އެސިސްޓަމް ރީ ޑަޒައިން ކުރުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.
މިސަރުކާރުން ފަށާފައިވާ މާލެ-ހުޅުމާލެ އިންޓަ ކަނެކްޓް ޕްރޮޖެކްޓު އަދި ހުޅުމާލޭގައި ބަހައްޓާ 50 މެގަވޮޓްގެ ޕަވާ ޕްލާންޓުގެ ސަބަބުން މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ