އަންނަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ބްރޯޑްކާސްޓިން ކަވަރޭޖް މޮނީޓާ ކުރުމުގެ މަސައްކަތް މޯލްޑިވްސް ބުރޯޑްކާސްޓިން ކޮމިޝަނުން ފަށައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މޮނިޓާ ކުރަން ހަމަޖެހިފައިވަނީ ކެންޑިޑޭޓުންނަށް ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތަކުން "ޑިރެކްޓް އެކްސަސް"ގެ ގޮތުގައި ދޫކުރާ ވަގުތާއި ޓީވީ ސްޓޭޝަންތަކުގެ "ޕްރައިމް ޓައިމް" ކަމުގައިވާ ކޮންމެ ރެއަކު 08:00 އިން 11:00 އަށް ފޮނުވާ ކޮންޓެންޓް ކަމަށެވެ.
އެގޮތުން ޑިރެކްޓް އެކްސަސް މޮނިޓާ ކުރުމުގައި އިންތިހާބާއި ބެހޭ އާއްމު ގާނޫނުގައިވާ ގޮތުގެ މަތިން ހުރިހާ ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ހަމަހަމަކަމާ އެކު ވަގުތުދޫކޮށްފައިވޭތޯ އާއި މިގާނޫނުގައިވާ ގޮތަށް ވަކި ކެންޑިޑޭޓަކަށް ޑިރެކްޓް އެކްސެސްގެ ގޮތުގައި ދޫކުރެވިފައިވާ ވަގުތު 10 ޕަސަންޓަށްވުރެ އިތުރުވޭތޯ ބަލާނެއެވެ. ހުރިހާ ރޭޑިއޯ އަދި ޓީވީ ސްޓޭޝަންތަކަކަށް އެ ފަރާތުން ޑިރެކްޓް އެކްސެސްގެ ގޮތުގައި ދޫކުރަން ހަމަޖެހިފައިވާ މައުލޫމާތުގެ ތަފްސީލު ހުށަހެޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނަށް އަންގާފައެވެ.
ޕްރައިމްޓައިމް މޮނިޓާ ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ޕްރައިމް ޓައިމްގައި ގެންނަ ހަބަރު އަދި ޕްރޮގްރާމްގެ އިތުރުން ފިލާރސްގައި ސަރުކާރާއި، ކެންޑިޑޭޓުންނަށާއި އިލެކްޝަން ކޮމިޝަނަށް ދީފައިވާ ވަގުތާއި އަދި މި ފަރާތްތަކުގެ ކަވަރޭޖް ގެނެސްފައިވަނީ ޕޮޒިޓިވް، ނިއުޓުރަލް އަދި ނެގެޓިވް ޓޯނެއްގައިތޯ މޮނިޓަރ ކުރެވޭނެއެވެ. ޖުމްލަ 10 ޓީވީ ސްޓޭޝަންގެ ޕްރައިމް ޓައިމް މޮނިޓާ ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.
"މިއަހަރުގެ ރިޔާސީ އިންތިހާބަކީ މިކޮމިޝަން ވުޖޫދަށް އައުމުގެ ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު ކަމަށްވުމާއިއެކު ބްރޯޑްކާސްޓަރުންނާ ގުޅޭ ކަންކަމަކީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންއިން ބަލަމުން ގެންދާ ކަންކަމުގައި ވީހިނދު ކޮމިޝަނުން ވަނީ މިމަސައްކަތް އަމަލީގޮތުން ފަށައިފައެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ބްރޯޑްކާސްޓަރުން ގެނެސްދީފައިވާ ކޮންޓެންޓާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށް އާންމުކުރުމަށްވެސް ވަނީ ކޮމިޝަނުން ނިންމާފައެވެ.،" ބްރޯޑްކާސްޓިން ކޮމިޝަނުގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ކަވަރޭޖް މޮނީޓާ ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުގެ މުވައްޒަފުންގެ މެދުގައި ވަނީ ޓާސްކްފޯހެއް އެކުލަވާ ލާފައެވެ. އަދި މިމަސައްކަތާއި ގުޅިގެން ކޮމިޝަނުގެ ރަސްމީ ގަޑި ވަނީ ހެނދުނު 8:00 އިން 16:00 އަށް ހަމަޖައްސާ ކޮންމެ ހޮނިހިރު ދުވަހަކު 10:00 އިން 15:00 މަސައްކަތްކުރާ ގޮތަށް ހަމަޖައްސާފައެވެ.
ބްރޯޑްކާސްޓިންކޮމިޝަނުން ވަނީ އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ގައިޑްލައިނެއް އެމެރިކާގެ ފަންނީ މާހިރެއްގެ އެހީތެރިކަމާއި އެކު އެކުލަވާލައި، ބްރޯޑްކާސްޓަރުންނާއި ސްޓޭކްހޯލްޑަރުންނާ ހިއްސާކުރުމަށް ފަހު ކޮމިޝަނުން ފާސްކޮށްފަ އެވެ. އެގޮތުން އެ ގައިޑްލައިން މިހާރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބްސައިޓުގައި ޝާއިއުވެސް ކޮށްފައެވެ. އަދި މި ގައިޑްލައިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައެވެ.
ރިޔާސީ އިންތިހާބުގެ ކަވަރޭޖް މޮނީޓާ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ