ރަޝިޔާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ލޯގޯ ދައްކާލައިފި އެވެ.
ރަޝިޔާގެ ދިދައިގައިވާ ކުލަތައް ބޭނުންކޮށްގެން ވޯލްޑް ކަޕް ތަށި ރަމްޒުވާ ގޮތަށް ފަރުމާކޮށްފައިވާ މި ލޯގޯ ދައްކާލީ މިރޭ އެކަމަށްޓަކައި ރަޝިޔާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ. މި ރަސްމިއްޔާތުގައި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން އާއި ފީފާގެ ރައީސް ސެޕް ބްލެޓާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރަޝިޔާއިން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ހޯދީ ސްޕެއިނާ ޕޯޗުގަލްގެ ގުޅިފައިވާ ބިޑާއި ނެދަލޭންޑްސް އާއި ބެލްޖިއަމްގެ ގުޅިފައިވާ ބިޑްގެ އިތުރުން އިނގިރޭސިވިލާތާ ވާދަކޮށެވެ.
މި ރަސްމިއްޔާތުގައި ފީފާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ ސިޔާސީ ފިއްތުންތައް ކިތަންމެ ބޮޑުވި ނަމަވެސް ރަޝިޔާގެ ކިބައިން ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ނިގުޅައިނުގަނެވޭނެ ކަމަށެވެ. އަދި ފުޓްބޯޅަ އަކީ ހުރިހާ ދެކޮޅުވެރި އެއްވުންތަކާއި ފިއްތުންތަކަށްވުރެ ބާރުގަދަ ހަރަކާތެއް ކަމަށެވެ. ބްލެޓާ މިހެން ވިދާޅުވީ ރަޝިޔާ އާއި ޔުކްރޭނުގެ ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގައި ވޯލްޑް ކަޕް ނުބޭއްވުމަށް ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން ގޮވާލާފައިވާތީ އެވެ.
"ދެކުނުއެމެރިކާއިން ލިބުނު ސިޓީތަކެއް. އަހަރުމެން އެއަށް ޖަވާބުދިނިން. ރަޝިޔާ ސަރުކާރުން އަހަރުމެންނަށް ފުރިހަމަ އެއްބާރުލުން ލިބޭނެ. ފުޓްބޯޅައިން އެކުވެރިކޮށްދެނީ ރަޝިޔާ އެކަންޏެއްނޫން. މިއީ މުޅި ދުނިޔެ އެކުވެރިކޮށްދޭ ކުޅިވަރެއް. އުނދަގު ވަގުތުތަކުގައި ކަންކުރަންވީ ގޮތުގެ ތަޖުރިބާ އަހަރުމެންގެ އެބަހުރި. މިކަމުގައި ސޯޝަލް މީޑިޔާ އާއި ރަސްމީ މީޑިޔާތައް ވެސް އަހަރުމެންނަށް އެހީވާނެ،" ބްލެޓާ ވިދާޅުވި އެވެ.
އޭނާ މިހެން ވިދާޅުވިއިރު 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑްކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވި ފީފާގެ އިސް އޮފިޝަލުންތަކެއް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި މި މައްސަލަ ތަހުގީގްކޮށް ނިމިފައިވާއިރު ރިޕޯޓް ހާމަނުކުރަން ފީފާއިން ވަނީ ނިންމާފަ އެވެ. ނަމަވެސް ގިނަ ބަޔަކު ބުނަމުންދަނީ ކޮރަޕްޝަން އެކުލެވޭކަން ސާބިތުވެއްޖެނަމަ އަލުން ބިޑްކުރަން ޖެހޭނެ ކަމަށެވެ.
2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ލޯގޯ ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ