ލެޕްޓޮޕަކާއި ޓީވީއަކަށް ރައްޔިތުން ވޯޓެއް ނުދޭނެ: ރައީސް ވަހީދު

ދިވެހި ރައްޔިތުންނަކީ މޮޔަބައެއް ނޫންކަމަށާއި ލެޕްޓޮޕަކާއި ޓީވީ އަކަށް ރައްޔިތުން މިއަދު ވޯޓް ނުދޭނެކަމަށް ގައުމައިގެން ކުރިއަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ގއ ވިލިނގިލީގައި ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ވޯޓް ވިއްކާލާ ވަރަށްވުރެ ދިވެހި ރައްޔިތުންނަކީ ވިސްނޭ ބައެއް ކަމުގައެވެ. އަދި ވޯޓް ދޯދުމަށް މަގުތަކުގަޔާއި ހޮޅިދަނޑި ތަކުގައި ދިދަޔާއ ފޮތި ދަމާ ބަޔަކަށް ވާން ނުޖެހޭކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ ވެރިކަމުގެ މަދު ދުވަސްކޮޅުގެ ތެރޭގައި މިހާތަނަށް 39 ރަށެއްގެ ބަނދަރު ހަދަން ފަށާފައިވާކަމުގައެވެ. އަދި 2000 ހައުސިންގ ޔުނިޓްގެ މަސައްކަތާއި ތާރުއަޅައިގެން ހަދާ 66 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތްވެސް ވެރިކަމަށްމިވީ ކުޑަ ދުވަސްކޮޅުތެ ތެރޭގައި ފަށާފައިވާކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި ރައްޔިތުން ވޯޓްލާއިރު ކަންކަން ކުރެވޭނެ ފަރާތްތަކަށް ވޯޓް ލާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވަހީދުވަނީ މިރޭ އެމްޑީޕީއަށާއި ރައީސް ނަޝީދަށްވެސް ފާޑު ވިދާޅުވެފައެވެ. ރައީސް ވަހީދު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު އެބޭފުޅާ ބޭނުންގޮތެއް ގައުމަށް ހަދާލެވޭނެކަމަށް ހީފުޅު ކުރެއްވި ކަމުގައެވެ. އަދި މިގައުމަކީ އެންމެންގެވެސް ގައުމެއްކަމަށާއި ވަކި ބައެއްގެ ގައުމެއް ނޫންކަމުގައިވެސް ރައީސް ވަހީދު މިރޭ ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ތަންތަނަށް ވަޑައިގެންނެވުމުން ހުތުރު އެއްޗެހި ކިޔަމުން އަންނަ ފަރާތްތަކާއިމެދު ފިޔަވަޅު ނާޅަނީ އަދި ސަރުކާރުގެ މަގާމްތަކުގައި ތިބި އެފަދަ ފަރާތްތައް ވަޒީފާއިން ވަކި ނުކުރަނީވެސް ގައުމީ މަސްލަހަތަށް ޓަކައި ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ