ރަށްރަށަށް 24 ގަޑިއިރު ކަރަންޓް ލިބޭނެކަން ޔަގީންކުރުމުގެ ސިޔާސަތުގެ ދަށުން ބޭއްވޭ އަތޮޅުތަކުގެ ވެރިންގެ މަހާސިންތާ ފަށައި ކަރަންޓާ ބެހޭ ގަވައިދު އިފްތިތާހުކޮށްފި އެވެ.
މިއަދު ހެނދުނު ޝީ ބިލްޑިންގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ކަރަންޓާ ބެހޭ ގަވައިދު އިފްތިތާހުކޮށްދެއްވީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓްގެ ހިދުމަތް ދިނުން ކަމަށެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް އައިއިރުވެސް އެކަށީގެންވާ ގޮތުގައި ކަރަންޓްގެ ހިދުމަތް ނުދެވޭ ރަށްތަކެއް އެބަހުރި ކަމަށެވެ.
"މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފެނަކައަށް ވަރަށް މުހިންމު ދައުރެއް އަދާ ކުރެވިދާނެ. ކޮންމެ ރަށެއްގައި ވެސް ކަރަންޓް ކެޑުމުގެ މައްސަލަ ދިމާވަނީ އިންޖީނުގެތައް އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމުގެ ގާބިލްކަން ހުރި މީހުން ނެތުމުން،" ނާޒިމް ވިދާޅުވި އެވެ.
އިންޖީނުތައް ހަލާކުވެ އެމައްސަލަ ހައްލުކުރުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ރަށްރަށުން ނުލިބުމަކީ ވެސް އިންޖީނުތަކަށް މައްސަލަ ދިމާވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރާއި ފެނަކައާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރެއްވުމުގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ނާޒިމް ވިދާޅުވީ ފެނަކަ އިން މިހާރު ފަށާފައިވާ މަޝްރޫއުގެ ދަށުން އާ އިންޖީނުތަކެއް ގެނެސް ގިނަ ރަށްރަށުގައި އެކަށީގެންވާ ކަރަންޓްގެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށެވެ.
ފެނަކައިގެ މެނޭޖަރުންގެ މެދުގައި ފެށި މަހާސިންތާގެ ސަބަބުން ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ކުރިމަތިވާ މައްސަލަތައް ހައްލު ކުރުމަށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މެނޭޖަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، ގުޅިގެން މައްސަލަތައް ހައްލު ކުރުމަށް އެހީއަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވީ އިންޖީނުތަކަށް ދިމާވާ މައްސަލަތަކުގައި މުވައްޒަފުންގެ އިހުމާލު ވެސް ބޮޑު ކަމަށެވެ. ސިޔާސީ ފިކުރުގެ ސަބަބުން ސަރުކާރާއި ގުޅިގެން މަސައްކަތް ނުކުރެވޭނަމަ ރަށަށް ތަރައްގީ ނުގެނެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރު މިވަނީ ފަސް އަހަރަށް ސަރުކާރެއް އިންތިހާބު ކުރެވިފައި. ސަރުކާރާއި ގުޅިގެން މަސައްކަތް ނުކުރެވޭނަމަ ނުވަތަ ކުލަ ގަބޫލުނުކުރެވިގެން މަސައްކަތް ކުރަން ބޭނުން ނުވާނަމަ ވަޒީފާއިން ވަކިވެ އެޒިންމާ އަދާކުރެވޭނެ އެހެން މީހަކަށް ފުރުސަތު ދިނުމަށް އަޅުގަނޑު އެދެނީ،" ނާޒިމް ވިދާޅުވި އެވެ.
ކަރަންޓުގެ މައްސަލަ ދިމާވަނީ ގާބިލް މީހުން ނެތުމުން: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ