ގދ. ތިނަދޫގައި ހުޅުޖެހި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަލުން ކްރިމިނަލް ކޯޓަށް މިއަދު ހުށައެޅުމުން ވެސް ދައުވާ ބަލައިނުގަނެ އަނެއްކާވެސް އަނބުރާ ފޮނުވާލައިފި އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އަލުން ކޯޓަށް މިއަދު ހުށަހަޅާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު ހުޅުޖެހި މައްސަލައިގެ ޝަރީއަތަށް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރުވެފައި ނުވުމުން އެ މައްސަލަ ކޯޓުން ބޭރުކޮށްލުމާއި ގުޅިގެންނެވެ. އަދި އެ މައްސަލަ ބަލައިނުގަތް ސަބަބު ވެސް އަންގާފައި ނުވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކައުންސިލް އިދާރާއާއި ތިނަދޫ ކޯޓުގެ އިތުރުން ޕޮލިސް ސްޓޭޝަންގެ ހުރިހާ ވެހިކަލްތަކުގައި ހުޅުޖަހާ އަންދާލީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބައްލަވަމުން ގެންދަވާ އެ މައްސަލާގައި އެންމެ ފަހުން ކުރިއަށް ގެންދިޔައީ ހެކި ބަސްނެގުމެވެ.
އެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލިއިރު އެ މައްސަލާގައި ހިމެނޭ 55 މީހަކު ހެކިންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ހެކިބަސް ނަގާ ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރެއް ނެރެފައެވެ. ނަމަވެސް އެ މައްސަލަ ބޭރުކޮށްލުމާއި ގުޅިގެން އެމީހުން ވަނީ ދޫކޮށްލާފައެވެ.
އެ މައްސަލާގައި ހިމެނޭ ހުރިހާ އެންމެންވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.
ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް ޕްރޮސެކިއުޓާ ޖެނެރަލް އެމައްސަލަ އަލުން ކޯޓަށް ހުށަހަޅުއްވާތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ތިނަދޫ މައްސަލަ ކޯޓުން ބަލައިނުގަނެ އަނެއްކާވެސް އަނބުރާ ފޮނުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ