ވަރުންއާއި ޖާންވީގެ ފިލްމު ނެޓްފްލިކްސްއަށް

ވަރުން ދަވަން އާއި ޖާންވީ ކަޕޫރުގެ އާ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" މިއަދު ނެޓްފްލިކްސްގައި ޕްރީމިއާކޮށްފިއެވެ. މި އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ސިނަމާތަކުގައި އެޅުވި މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއަށް ޝަޝާންކް ކައިތަން ލިޔެ، ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ތުރިލާއެކެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭ ސާނިއާ މަލްހޯތުރާގެ އިތުރުން އެކްޓަރު ރޯހިތު ސަރަފާއި މަނީޝް ޕޯލް އަދި އަކްޝޭ އޮބޮރޯއި ހިމެނެއެވެ. ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އަކީ ވަރުންއާއި ޖާންވީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ 2023 ވަނަ އަހަރު ޑައިރެކްޓަރު ނިތޭޝް ތިވާރީ ގެނެސްދިން ފިލްމު "ބަވާލް"އެވެ. ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"ގެ ކާސްޓުން--ފޮޓޯ/ހިންދުންސްތާންޓައިމްސް ޑައިރެކްޓަރު ޝަޝާންކްގެ އިތުރު ފިލްމެއްގައި ޖާންވީ މަސައްކަތްކޮށްފައިވާއިރު ބަތަލާ ބޮލީވުޑަށް ތައާރަފުވެފައިވަނީ ވެސް އޭނާގެ ފިލްމަކުންނެވެ. އެއީ، 2018 ވަނަ އަހަރު ދަރުމާއިން ގެނެސްދިން ފިލްމު "ދަޅަކް"އެވެ. ވަރުންއާއި ޖާންވީގެ ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އަށް ކްރިޓިކުން ދީފައިވާ ރިވިއުތައް އެވްރެޖްކޮށް ބަލާލާއިރު ރަނގަޅެވެ. މީގެ އިތުރުން، ބައެއް މީޑިއާ އައުޓްލެޓްތަކުން ވެސް ވަނީ ފިލްމަށް ތައުރީފުކޮށް ރިވިއުދީފައެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވެސް ރަނގަޅު އާމްދަނީއެއް ހޯދިފައިވާއިރު ފިލްމުގެ ކޮޕީ ރައިޓްސް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވިއްކައިގެން ލިބޭ އާމްދަނީއިން ފިލްމު އުފައްދަން ދިޔަ ޚަރަދު ފޫބެއްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ