މި އަހަރު ރާއްޖޭގައި ބާއްވާ ހަތް ވަނަ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ސްކޮޑުން އާދަމް އަދީލް އާއި އައިމިނަތު ވިދާދު ޖާގަ ހޯދައިފި އެވެ.
އަންނަ ޑިސެމްބަރު މަހު ރާއްޖޭގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގައި ވާދަކުރާ ގައުމީ ސްކޮޑު ނެގުމުގެ ސިލެކްޝަން މިހާރު ކުރިއަށް އެބަދެ އެވެ.
އެ ގޮތުން، ފިރިހެން ފަސް ކުޅުންތެރިންނާއި އަންހެން ފަސް ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާއިރު، ކޮންމެ ޖިންސަކުން ހަތަރު ކުޅުންތެރިއަކު ވަނީ ޖާގަ ހޯދައިފަ އެވެ.
އަދީލް އާއި ވިދާދުގެ ކުރިން ގައުމީ ސްކޮޑުން ޖާގަ ހޯދީ، ހަސަން ނާޒިމް، ފާތިމަތު ރަޔާނާ، އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، އައިޝަތު ފައިނާޒް އަދި އައިޝަތު ނަހުފާ އެވެ.
ގައުމީ އަންހެން ސްކޮޑުން އެންމެ ފުރަތަމަ މި ފަހަރު ޖާގަ ހޯދި ތިން ކުޅުންތެރިން އަތުން ބަލިވި ވިދާދު، އެންމެ ފަހުން ސްކޮޑަށް އެރީ، އައިމިނަތު ވިޝާމާ އަތުން 2-1 އިން މޮޅުވެގެންނެވެ. މެޗުގެ ސެޓުތައް ދިޔައީ، 24-11، 23-24 އަދި 25-10 އިންނެވެ. އަދީލް ޖާގަ ހޯދީ، ހާތިމް ހަލީލް އަތުން ތިން ސެޓު ކުޅެގެން މޮޅުވެގެންނެވެ. ސެޓުތައް ދިޔައީ، 19-21، 14-12 އަދި 25-19 އިންނެވެ.
ރާއްޖޭގައި 2014 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓްގައި ކެރަމް ވޯލްޑް ކަޕް ހޯސްޓްކުރިތާ 11 އަހަރު ފަހުން މި ފަހަރުގެ ވޯލްޑް ކަޕް ބާއްވަން ފުރުސަތު ލިބި، ކުރު މުއްދަތެއްގެ ތެރޭގައި އެކަން މި ވަނީ ހަމަޖެހިގެން ގޮސްފަ އެވެ. ކެރަމް އެސޯސިއޭޝަންގެ މި ފަހަރުގެ ޓާގެޓަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތުން ކުރިއަށް ވުރެން ރަނގަޅު ކާމިޔާބެއް ހޯދުމެވެ.
މިދިޔަ އަހަރު، އެެމެރިކާގެ ކެލަފޯނިއާގައި ކުރިއަށްދިޔަ، ހަ ވަނަ ކެރަމް ވޯލްޑް ކަޕުން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ފިރިހެން ގައުމީ ޓީމުން ޓީމް އިވެންޓްގައި ފުރަތަމަ ފަހަރަށް ކެރަމް ވޯލްޑް ކަޕެއްގައި މެޑަލެއް ހޯދިއިރު، އެ ޓީމުން ތިން ވަނަ ހޮވި މެޗުގައި ބައްދަލުކުރީ ސިންގަޕޫރާ އެވެ. އަންހެން ގައުމީ ޓީމުން ތިން ވަނަ ހޯދީ އެމެރިކާ ބަލިކޮށްފަ އެވެ.
ވިދާދު އާއި އަދީލް ކެރަމް ގައުމީ ޓީމަށް ވިދާދު އާއި އަދީލް ކެރަމް ގައުމީ ޓީމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ