ޖުޑީޝަލް ސާވިސް އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު އިއްޔެ ސަސްޕެންޑުކޮށްފި އެވެ.
ގާޒީ ފާއިޒް ސަސްޕެންޑު ކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ. އަދި އެ މައްސަލައިގައި ޖޭއެސްސީގެ ބަހެއް ވެސް މިހާތަނަކަށް ނުލިބެ އެވެ.
ފާއިޒް ސަސްޕެންޑު ކުރިއިރު، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ، ކޯޒީކޯނާ، އަލީ އަންވަރު މުހައްމަދު، 41، ބަންދުން ދޫކޮށްލަން އަމުރު ކުރީ ފާއިޒް އެވެ.
އަންވަރު މިނިވަން ވުމުން ސްރީ ލަންކާއަށް ފުރުމަށް ވަނީ މަސައްކަތްކޮށްފަ އެވެ. އެކަމަކު، އެ ގައުމަށް އޭނާ ނުވައްދައި ޑީޕޯޓުކޮށްލުމުން އަނބުރާ ރާއްޖެ އަންނަންޖެހުނެވެ. އޭގެ ފަހުން އިތުރު ކޯޓު އަމުރެއްގެ ދަށުން އަންވަރު ވަނީ އަލުން ހައްޔަރުކޮށްފަ އެވެ.
އޭގެ އިތުރުން، އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްސަލަ ވެސް ކޯޓުގައި ބަލަމުންދަނީ ގާޒީ ފާއިޒް އެވެ.
މީގެ ކުރިން، ނޮވެމްބަރު، 2021، ގައި ވެސް ޖޭއެސްސީ އިން ވަނީ ފާއިޒް ސަސްޕެންޑުކޮށްފަ އެވެ. އެފަހަރު އޭނާ ސަސްޕެންޑު ކުރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މައްސަލަ ބެއްލެވި ގާޒީން "ރަހީނު" ކޮށްގެން ކަމަށް އޭނާ ވިދާޅުވާ އޯޑިއޯއެއް ލީކުވުމުންނެވެ.
ޔާމީންއަށް ހުކުމް ކުރެއްވި ތިން ފަނޑިޔާރުންގެ ބެންޗުގައި ވެސް ފާއިޒް ހިމެނިވަޑައިގަންނަވަ އެވެ. އެއިރު ޖޭއެސްސީ އިން އޭނާ ސަސްޕެންޑު ކުރީ 60 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން ޖޭއެސްސީ އިން ވަނީ ފާއިޒްގެ ސަސްޕެންޝަން އުވާލައިފަ އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑުކޮށްފި ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ