ދަރަނި އަނބުރާ ދެއްކުމަށް 5 ބިލިއަން ރުފިޔާ ހޭދަކޮށްފި

އެކި ފަރާތްތަކުގެ އަތުން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ ބައިތުލްމާލުން ކުރި ހޭދަ 5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު، ރާއްޖޭގެ ތާރީހުގައި އަހަރެއްގެ ތެރޭގައި އެންމެ ބޮޑު އަދަދަކަށް ދަރަނި ދެއްކުމަށް ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ މިހިނގާ އަހަރެވެ. ދަރަނި ދެއްކުމަށް އަހަރުގެ މިހާތަނަށް 5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 118.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދަރަނި ދެއްކުމަށް ކުރި ހޭދަ އުޅެނީ 2.3 ބިލިއަން ރުފިޔާގައެވެ.
މާލީ ވުޒާރާއިން ބުނީ ރާއްޖޭގެ މާލީ ބާޒާރުގައި އިޝޫކޮށްފައި ހުރި ދަރަނި އަނބުރާ ދެއްކުމަށް ކުރި ހޭދަ 422.1 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށެވެ.
ކުރިއަށްއޮތް އަހަރު ވެގެންދާނީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ބޮޑު އަދަދަކުން ދަރަނިތައް ދައްކަންޖެހޭނެ އަހަރަށްކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭަނޭކަމަށް މާލީ ވުޒާރާއިން ފާހަގަކުރެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 15 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.
އެގޮތުން ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރުގެ އޭޕްރިލްމަހު އެކަނިވެސް ރައްޖެއިން 600 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އަންނަ އަހަަރުގެ ބަޖެޓް ހުށަހަޅުއްވަމުން ވިދާޅުވެފައެވެ.
ކުރިއަށްއޮތް 2026 އަހަރު ދައްކަންޖެހޭ 1 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރު ވިއްކާފައިވާ ސަވަރިން ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ