ވަޒީރުންނާއި މެންބަރުން ހިމެނޭހެން އެންމެން ދަތީގައި އުޅެންޏާ ފަގީރުންގެ މިންގަނޑު ބަދަލު ކުރަންޖެހޭ: ޝަހީމް ވަޒީރުންނާއި މެންބަރުން ހިމެނޭހެން އެންމެން ދަތީގައި އުޅެންޏާ ފަގީރުންގެ މިންގަނޑު ބަދަލު ކުރަންޖެހޭ: ޝަހީމް

ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ހިމެނޭހެން ގައުމުގެ އެންމެން ދަތި ހާލުގައި އުޅެންޏާ ފަގީރުންނާއި މިސްކީނުންނަކީ ކޮބައިކަން ކަނޑައެޅުމުގެ މިންގަނޑު ބަދަލު ކުރަން ޖެހޭ ކަމަށާއި ޒަމާނީ މަފުހޫމުތަކާ އެއްގޮތަށް އެކަން ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެ އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ކުރިއަށް ގެންދާ ޒަކާތު ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ފަގީރުންނާއި މިސްކީނުންނަކީ ކޮބައިކަން ފަހުގެ މަފުހޫމުގެ ތެރެއިން ބަދަލު ކުރެވިދާނެ ކަމަށެވެ.
"ދިރިއުޅޭނެ ތަނެއް ނެތް. މީހުން މި އުޅެނީ ވަރަށް ދަތީގައި. ވަޒީރުން ވެސް އުޅެނީ ދަތީގައި. މަޖިލިސް މެންބަރުން ވެސް އުޅެނީ ދަތީގައި. މުޅި ގައުމު ދަތީގައި އުޅެންޏާ، އެބަޖެހޭ ފަގީރުންނާއި މިސްކީނުން މި ޒަމާނުގެ މަފުހޫމުގައި ކަނޑައަޅަން، ކޮބައިތޯ ހަގީގަތުގައި ފަގީރުންނާއި މިސްކީނުންނަކީ،" ޝަހީމް ވިދާޅުވި އެވެ.
ޒަކާތުގެ ނިޒާމުގެ ތެރެއިން ފަގީރުންނާއި މިސްކީނުންނަށް ދިރިއުޅުމުގައި ބޭނުންވާ ތަފާތު ޒަރޫރީ ކަންކަމަށް އެހީތެރިވުމުގެ ތަސައްވުރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. އޭގެ ތެރޭގައި ތައުލީމާއި ބޭސްފަރުވާ، އަދި ބޯހިޔާވަހިކަން ވެސް ހިމެނޭ ކަމަށް ޝަހީމް ފާހަގަ ކުރެއްވި އެވެ.
"ފަގީރުންނާއި މިސްކީނުންގެ ބައި އިތުރަށް ތަރައްގީކުރާނެ ކަންތައްތަކުގެ މައްޗަށް މިނިސްޓްރީން މި ވަނީ ކަރުދާހެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފަ، ވަޒީރުންގެ މަޖިލީހަށް ހަށަހަޅައި މަޝްވަރާކުރުމަށް," ޝަހީމް ވިދާޅުވި އެވެ.
"ފަގީރުންނާއި މިސްކީނުންނަށް ދިރިއުޅުމުގައި ބޭނުންވާ ތަފާތު ޒަރޫރީ ކަންކަތަކަށް ޒަކާތު ފަންޑުން އެހީތެރިވުމުގެ ތަސައްވުރު މިހާރު އަޅުގަނޑުމެން އެކުލަވާލަމުން މިދަނީ. އޭގެތެރޭގައި ތައުލީމާއި ބޭސްފަރުވާ އާއި ބޯހިޔާވެހިކަމާ މިހެން ގޮސް މިކަންތައްތައް."
މިގޮތަށް ޒަކާތު ފަންނު ތަރައްގީ ކުރެވިއްޖެ ނަމަ ރާއްޖޭގައި ހެޔޮ މުޖުތަމައުއެއް އުފެދިގެން ދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ކުރިން އަދަދު ނޫހަށް ލިޔުއްވާފައިވާ ކޮލަމެއްގައި ވަނީ "ފަގީރަކީ ކެއުންބުއިމާއި ފޭރާމާއި އުޅޭނެ ތަނާއި ދިރިއުޅުމަށް ބޭނުންވާ އެހެނިހެން ޒަރޫރީ ކަންކަމުގައި އޭނާ އާއި އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ ފަރާތްތައް އިތުރު ފުދުންތެރިކަމަށް ބޭނުންޖެހިފައިވާ މީހާ" ކަމަށެވެ،
"އަޅުގަނޑު ދެކެނީ މި ޒަމާނުގައި ޝަރުޢީ ގޮތުން ފަގީރުންގެ މަފްހޫމު ބަޔާންކުރުމުގައި އާދަކާދަތަކާއި ހާލަތާއި ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަށް ރިޢާޔަތްކުރެވެން ޖެހޭނެ ކަމުގަ،" އެ ކޮލަމްގައިވެ އެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ގައުމަށް އުޖާލާ މުސްތަގުބަލެއް ގެނައުމުގެ މަގު ފަހިކުރާނެ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ގާނޫނުގައި ޒަކާތުގެ އިދާރީ މެނޭޖުމެންޓާއި، ޝަރުއީ ހަމަތަކާއި، ޒަކާތުގެ ފައިސާ އިންވެސްޓުކުރާނެ ހަމަތައް ވެސް ހިމެނޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ