ސީދާ ފޯނުތަކަށް ސްޓާލިންކްގެ ހިދުމަތް ލިބޭ ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ޔޫކްރެއިން
ސީދާ މޯބައިލް ފޯނުތަކަށް ސްޓާލިންކްގެ ޚިދުމަތް ލިބޭ ޔޫރަޕްގެ ފުރަތަމަ ގައުމަކަށް ޔޫކްރެއިން ވެގެން ދާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޫކްރެއިންގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ކީވްސްޓާއިން، ސްޕޭސްއެކްސްގެ ސްޓާލިންކް ސެޓެލައިޓްތައް ބޭނުންކޮށްގެން މޮބައިލް ފޯނަށް ސީދާ ސެޓެލައިޓް ޚިދުމަތް ދޭން ފަށާނެކަން ވަނީ ހާމަކޮށްފައެވެ. މިއަހަރުގެ ތެރޭގައި މި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، މިއީ މިފަދަ ޚިދުމަތެއް ޔޫރަޕްގެ ގައުމެއްގައި ފަށާ ފުރަތަމަ ފަހަރެވެ. މި ޓެކްނޮލޮޖީގެ ދަށުން، ސްޓާލިންކްގެ ސެޓެލައިޓްތަކަކީ "ޖައްވުގައިވާ މޮބައިލް ޓަވަރުތަކެއް" ފަދައިން މަސައްކަތްކޮށް، ޔޫކްރެއިންގެ ތެރޭގައި ޓެކްސްޓް މެސެޖު ފޮނުވުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. މީގެ އެންމެ ބޮޑު ފައިދާއަކީ، ރަޝިޔާއިން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އާއްމު މޮބައިލް ޓަވަރުތަކަށް ގެއްލުންވެ ނުވަތަ ޚިދުމަތް މެދުކެނޑުނު ނަމަވެސް، ރައްޔިތުންނަށް މުވާސަލާތު ކުރުމުގެ ފުރުސަތު ލިބިގެންދިއުމެވެ. ދެހާސް ބާވީސްވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތީއްސުރެ، ކީވްސްޓާއިން ވަނީ އެ ކުންފުނީގެ 25 މިލިއަނަށް ގާތްކުރާ ކަސްޓަމަރުންނަށް މުވާސަލާތީ ޚިދުމަތް ދެމެހެއްޓުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި، ނެޓްވޯކްގެ ތެރޭގައި ކުރާ ކޯލުތައް ހިލޭކުރުމާއި، ބިލު ދެއްކުމުގެ މުއްދަތު އިތުރުކުރުމާއި، އަދި ބޮންޝެލްޓާތަކުގައި ހިލޭ ވައިފައިގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ. މި އާ ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގައި، ޓެކްސްޓް މެސެޖިންގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާއިރު، ކީވްސްޓާގެ ސީއީއޯ، އެލެކްސާންޑާ ކޮމަރޯވް ވިދާޅުވި ގޮތުގައި، "އެންމެ ފުރަތަމަ ފިޔަވަހީގައި ދޭނީ އޯޓީޓީ މެސެޖިން ޚިދުމަތެވެ. މާނައަކީ ވަޓްސްއެޕް، ސިގްނަލް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް މެސެޖު ފޮނުވުން ފަދަ ޚިދުމަތްތަކެވެ. އޭނާ ވިދާޅުވީ އެކަން މިއަހަރު ނިމުމުގެ ކުރިން ހަމަޖެހިގެންދާނެކަމަށެވެ. ކޮމަރޯވް އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި، މޮބައިލް ސެޓެލައިޓް ބްރޯޑްބޭންޑް ޑޭޓާ އާއި ވޮއިސްގެ ޚިދުމަތް ވެސް ފޯރުކޮށްދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިފަދަ ސެޓެލައިޓް ޚިދުމަތްތައް އެހެން ގައުމުތަކުގައި ވެސް ވަނީ އިއުލާންކޮށްފައެވެ. އެމެރިކާގެ ޓީ-މޮބައިލްއިން ވެސް މި އަހަރުގެ އޮކްޓޯބަރު މަހު ސްޓާލިންކް ބޭނުންކޮށްގެން އެސްއެމްއެސް އަދި އެމްއެމްއެސް ފޮނުވޭނެ ޚިދުމަތެއް ފަށާނެއެވެ. ނަމަވެސް ޔޫކްރެއިނަށް މި ޚިދުމަތުގެ ބޭނުންތެރިކަން މާ ބޮޑެވެ. އެ ގައުމުގެ އިންފްރާސްޓްރަކްޗާއަށް ރަޝިޔާއިން ދޭ ހަމަލާތަކުގެ ސަބަބުން ކަރަންޓު ކެނޑި، މުވާސަލާތީ ޚިދުމަތްތައް ގިނަ ފަހަރަށް މެދުކެނޑެއެވެ. މިއީ ޔޫކްރެއިނާއި ސްޕޭސްއެކްސްއާ ދެމެދު އުފެދިފައިވާ އާ ގުޅުމެއް ނޫނެވެ. 2022ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމާއެކު، ސްޕޭސްއެކްސް އިން ވަނީ ޔޫކްރެއިނަށް ސްޓާލިންކްގެ ޚިދުމަތް އެކްޓިވޭޓްކޮށް، އެތައް ހާސް ޓާމިނަލް ފޯރުކޮށްދީފައެވެ. މި ފިޔަވަޅަކީ، ހަނގުރާމައިގެ ދަތި ހާލުގައި ވެސް ޔޫކްރެއިންގެ ރައްޔިތުންނަށް މުވާސަލާތީ ގުޅުން ކަށަވަރުކޮށްދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ