މިއަދު ބިންހިއްކާ މަޝްރޫއުތައް ބާރު ސްޕީޑުގައި ހިނގާއިރު، ދުނިޔޭގެ އެންމެ ތިރި ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެއަށް ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ބިރުވެރިކަން އެއްދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން އެބަދެއެވެ. ކަނޑުގެ ލޮނުގަނޑު 2100 ވަނަ އަހަރާ ހަމައަށް 90 ސެންޓިމީޓަރަށް (3 ފޫޓު) އުފުލިދާނެކަމަށް މޫސުމާބެހޭ ސައިންޓިސްޓުން ބުނެ އެވެ. މި ފަދަ ބަދަލެއްގެ ނަތީޖާ އަކަށްވާނީ ބައެއް ބިންތިރި ޖަޒީރާ ގައުމުތައް އަޑިއަށް ދިއުމެވެ. އެހެންނަމަވެސް، އ.ދގެ އިންޓަނޭޝަނަލް ލޯ ކޮމިޝަނުގެ އެންމެ ފަހުގެ ރިޕޯޓުން ރާއްޖެއަށްވެސް ހިތްވަރެއް ލިބިއްޖެ އެވެ. އެންމެ ނުރައްކާތެރި ހާލަތުގައިވެސް، ރާއްޖެ ފަދަ ކުދި ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކާއި ގައުމުގެ ދައުލަތްތެރިކަން ދެމިއޮންނާނެކަން ގާނޫނީގޮތުން ކަށަވަރުކުރެވިއްޖެ އެވެ.
ގައުމުތަކުގެ ދެމިއޮތުން ކަށަވަރުކުރުން
ބިންގަނޑު ފެނުގެ އަޑިއަށް ދިޔަ ނަމަވެސް ދައުލަތްތައް ސިޔާސީގޮތުން ދެމިއޮންނަންޖެހޭ ކަމަށް ގާނޫނީ މާހިރުން ބުނެފިއެވެ.
މިފަދަ ނިންމުންތައް ވަނީ އިންޓަނޭޝަނަލް ލޯ ކޮމިޝަނުން (އައި.އެލް.ސީ) އިންތިޒާރުކުރެވެމުންދިޔަ ރިޕޯޓެއްގައި ފާހަގަކޮށްފަ އެވެ. މި ރިޕޯޓަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދައުލަތްތަކުގެ ދެމިއޮތުމާއި މުހިންމު ވަސީލަތްތަކަށް ވާސިލުވުމަށް މިހާރު އޮތް ގާނޫނުތަކުން އެކަންކުރާނީ ކިހިނެއްކަން ބަޔާންކުރާ ރިޕޯޓެކެވެ.
އައި.އެލް.ސީގެ މަސައްކަތް
2018 ވަނަ އަހަރު ކޮމިޝަނުގެ 70 ވަނަ ޖަލްސާގައި "ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބައިނަލްއަގްވާމީ ޤާނޫނު" މި މައުލޫއު ކޮމިޝަނުގެ ދިގު މުއްދަތުގެ މަސައްކަތުގެ ޕްރޮގްރާމްގައި ހިމަނާފައިވެ އެވެ. އދ.ގެ ޖެނެރަލް އެސެމްބްލީން 22 ޑިސެންބަރު 2018 ގެ ރިޒޮލިއުޝަން 73/265 ގައި ކޮމިޝަނުގެ މަސައްކަތުގެ ތެރެއަށް މި މައުލޫއު ހިމެނުމަށް އެއްބަސްވި އެވެ.
2019 ވަނަ އަހަރު، 71 ވަނަ ޖަލްސާގައި، އައި.އެލް.ސީން ނިންމީ "ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބައިނަލްއަގްވާމީ ގާނޫނު" މި މައުލޫއު މަސައްކަތުގެ ޕްރޮގްރާމުގައި ހިމަނައި، މި މައުލޫއަށް ޚާއްސަ ސްޓަޑީ ގްރޫޕެއް އުފައްދުމަށެވެ.
ދިރާސާތަކުގެ ސަބްޓޮޕިކްތައް
2021 ވަނަ އަހަރު 72 ވަނަ ޖަލްސާގައި، ސްޓަޑީ ގްރޫޕުގެ މަސައްކަތް އަލުން އެކުލަވާލާފައިވަނީ ކަނޑުގެ ގާނޫނާ ގުޅުންހުރި މައްސަލަތަކަށް އަމާޒުކޮށެވެ. 2022 ވަނަ އަހަރު 73 ވަނަ ޖަލްސާގައި ދައުލަތްތެރިކަމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އަސަރުކުރާ މީހުންގެ ހިމާޔަތަށް އަމާޒުކޮށް މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
2023 ވަނަ އަހަރު 74 ވަނަ ޖަލްސާގައި، ތައްޔާރުކޮށްފައިވާ އިތުރު ކަރުދާހުގައި "ގާނޫނީ ސްޓެބިލިޓީ" ގެ މާނަ، ކަނޑުގެ ސަރަހައްދުތަކުގެ ބޭސްލައިންތަކާއި، އިންތަކުގެ ބަދަލުނުވާ ޒާތް، އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވެދާނެ އިކޮނޮމިކް ޒޯންތަކުގެ އޮވަލެޕްވުން ހުއްޓުމުގެ މައްސަލަތައް ހިމަނާފައިވެ އެވެ.
2024-2025 ރިޕޯޓުގެ ނިންމުން
2024 ވަނަ އަހަރުގެ 75 ވަނަ ޖަލްސާގައި ދެވަނަ ކަރުދާހަށް އިތުރު ކަރުދާހެއް ތައްޔާރުކޮށްފައިވެ އެވެ. މީގައި ދައުލަތްތެރިކަމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އަސަރުކުރާ މީހުންގެ ހިމާޔަތާގުޅޭ ދެ ސަބްޓޮޕިކް ހިމަނާފައިވެ އެވެ. މި ކަރުދާހުގައި ދައުލަތެއް ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ބައެއްގެ ގޮތުގައި ބެލުމާއި ދައުލަތް ދެމިއޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ހާލަތުގައި ދައުލަތްތެރިކަމާގުޅޭ ސިނާރިއޯތަކާއި ދައުލަތް ދެމެހެއްޓުމުގެ ހައްގު، އަދި ދައުލަތްތެރިކަމާ ގުޅޭގޮތުން މި ހާލަތުގައި ޢަމަލުކުރެވިދާނެ ގޮތްތަކަށް ބަލާފައިވެ އެވެ.
2025 ވަނަ އަހަރުގެ 76 ވަނަ ޖަލްސާގައި ކޮމިޝަނުން ސްޓަޑީ ގްރޫޕު އަލުން އެކުލަވާލާފައިވެ އެވެ. ސްޓަޑީ ގްރޫޕުގެ ރިޕޯޓު ކަނޑުގެ ގާނޫނު، ދައުލަތްތެރިކަން، އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އަސަރުކުރާ މީހުންގެ ހިމާޔަތް މި ތިން ސަބްޓޮޕިކްއަށް އަމާޒުކޮށްފައިވެ އެވެ. އަދި ކޮމިޝަނުން ސްޓަޑީ ގްރޫޕުގެ ފައިނަލް ރިޕޯޓު ފާސްކޮށް، މި މައުލޫއާ ގުޅޭ މަސައްކަތް ނިންމާލާފައިވެ އެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ
އެވްރެޖްކޮށް ކަނޑުގެ ލޮނުގަނޑު 2100 ވަނަ އަހަރާ ހަމައަށް 90 ސެންޓިމީޓަރަށް (3 ފޫޓު) އުފުލިދާނެކަމަށް މޫސުމާބެހޭ ސައިންޓިސްޓުންގެ އެންމެ ނުރައްކާތެރި ސިނާރިއޯތަކުން ދައްކަ އެވެ. އަދި ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި މި މިންވަރަށްވުރެ އިތުރަށްވެސް އުފުލިދާނެ އެވެ. މިކަމަކީ ޚާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ މި ގައުމުތައް ދެމިއޮތުމަށް ނުރައްކާވެދާނެތީ އެވެ. ބިން ސީދާ ގެއްލުމުގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ފެންބޮޑުވުން އިތުރުވެ، ބޯފެނުގެ ވަސީލަތްތަކަށް ނުރައްކާވެ، ދަނޑުވެރިކަން ކުރާ ބިންތަކުގައި ލޮނުގަދަވެ އެއްވެސް އެއްޗެއް ހައްދަން އުނދަގޫ ހާލަތަކަށް ބަދަލުވެދާނެ އެވެ.
ގާނޫނީ މާހިރުންގެ ނިންމުންތައް
ބައިނަލްއަގްވާމީ ގާނޫނުތައް ދިރާސާކޮށް، އެކި ގައުމުތަކުގެ ޚިޔާލުތަކާއި އާދަކާދަތައް ދިރާސާކުރުމަށްފަހު، ޤާނޫނީ މާހިރުން ނިންމާފައިވަނީ ބިމުގެ ސިފަ ބަދަލުވިކަމުގައިވިޔަސް ނުވަތަ ބިން ގެއްލުނު ކަމުގައިވިޔަސް، ގައުމުތަކަށް އެމީހުންގެ ކަނޑުގެ ސަރަޙައްދުތަކުގެ އިންތައް ހިފަހައްޓަން ހުރަހެއް ނެތްކަމަށެވެ. މި އިންތަކުން ގައުމުތަކަށް ދަތުރުފަތުރުގެ ހައްގުތަކާއި، މަސްވެރިކަމާއި މައުދަން ފަދަ ވަސީލަތްތަކަށް ވާސިލުވުމާއި، ސިޔާސީ ބާރު ކޮންމެވެސް ވަރަކަށް ލިބިދެ އެވެ.
އަދި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އަސަރުކުރާ ގައުމުތަކުން ގައުމުވަންތަކަން ނުގެއްލޭނެ ގޮތަކަށް އެ ގައުމުތަކުގެ ދައުލަތްތެރިކަން (ސްޓޭޓްހުޑް) ހިފަހައްޓަންޖެހޭނެކަމަށް އާންމު އެއްބަސްވުމެއް އެބައޮތެވެ. ޤާނޫނީ މާހިރުން ބުނާގޮތުގައި މި ނިންމުންތަކަކީ ބައިނަލްއަގްވާމީ ސުލްހައާއި އަމާންކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަންކަމެވެ.
ނީސް ގައި ބޭއްވުނު ސަމިޓް
ފްރާންސްގެ ނީސް ގައި ބޭއްވުނު އދ.ގެ ކަނޑުތަކާބެހޭ ސަމިޓުގައި ވާހަކަދައްކަމުން، ބައިނަލްއަގްވާމީ ގާނޫނީ ވަކީލު އަދި އައި.އެލް.ސީ ގެ މެންބަރެއްކަމުގައިވާ ޕެނެލޮޕީ ރައިޑިންގްސް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް ކުރިއަށް ގެންދިޔައީ "ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ އެންމެ ނާޒުކު ގާއުމުތަކަށް ކަމަށްވެފައި، މި ގައުމުތަކަކީ މި މައްސަލައަށް އެންމެ ކުޑަމިނުން ހިއްސާކުރި ގައުމުތައް ކަމަށްވާތީ، މިއީ އަސާސީ އިންސާފުގެ މައްސަލައެއް" ކަމަށް ބެލެވޭތީކަމަށެވެ. ދިރާސާތަކުން ދައްކާގޮތުގައި މިހާރު ފެންނަމުންދާ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރަނީ އެންމެ ބޮޑެތި ފޮސިލް ފިއުލް އުފައްދާ 122 ކުންފުނިތަކުގެ ސަބަބުން ބޭރުވާ ވިހަ ގޭސްތަކުގެ ސަބަބުންނެވެ.
ޓުވާލޫގެ ކަންބޮޑުވުންތައް
ޕެސިފިކްގެ ގައުމު ޓުވާލޫއިން މިކަމާގުޅޭގޮތުން ވަރަށް ބޮޑަށް އަޑުއުފުލަމުންދެ އެވެ. ޓުވާލޫގެ ނުވަ ރަށާއި އަތޮޅުތަކުގައި ކަނޑުގެ ލޮނުގަނޑު މިހާރުވެސް 4.8 މިލިމީޓަރަށް އުފުލިފައިވެ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މާ ބޮޑަށް އުފުލިގެންދާނެކަމަށް ބެލެވެ އެވެ.
އޮސްޓްރޭލިޔާއަކީ ކަނޑުގެ ލޮނުގަނޑު އުފުލުނަސް ޓުވާލޫގެ އިންތައް ދެމިއޮންނާނެކަން ގަބޫލުކުރި ފުރަތަމަ ގައުމެވެ. 2023 ވަނަ އަހަރު، އޮސްޓްރޭލިޔާއިން ޓުވާލޫއާއެކު ގާނޫނީގޮތުން ބަނދެވޭ މުއާހަދާއެއްގައި ސޮއިކޮށް، ބޮޑެތި ކާރިސާތަކަށް އިޖާބަދިނުމުގައި ޓުވާލޫއަށް އެހީވުމާއި، ގައުމު ދޫކޮށް ދާން ބޭނުންވާ ނުވަތަ މަޖުބޫރުވާ ޓުވާލޫގެ ރައްޔިތުންނަށް ޚާއްސަ ވީޒާ ދިނުމަށް އެއްބަސްވި އެވެ. ގާތްގަނޑަކަށް ޓުވާލޫގެ ރައްޔިތުންގެ ތިންބައިކުޅަ އެއްބައި މީހުން މިފަދަ ވީޒާއަކަށް އެދި ކުރިމަތިލާފައިވެ އެވެ.
ކަނޑުތަކާބެހޭ ސަމިޓުގައި، ޓުވާލޫގެ ބޮޑުވަޒީރު، ފެލެޓީ ޓެއޯ، ވިދާޅުވީ އޭނާގެ ރައްޔިތުން ވީހާވެސް ގިނަ ދުވަހަކު އެމީހުންގެ ބިމުގައި ދިރިއުޅެން ބޭނުންވާކަމަށެވެ. ސަރުކާރުން ދާދިފަހުން ނިންމާފައިވަނީ ފުރަތަމަ ފިޔަވަހީގައި ގޮނޑުދޮށް ރައްކާތެރިކުރުމުގެ މަޝްރޫއެއް ކަމަށާއި، އެއީ ފެންބޮޑުވުން ކުޑަކުރުމަށް ކޮންކްރީޓު ފާރުތައް ބިނާކުރުމާއި، އިތުރު ބިން އުފެއްދުމަށް ވެލި ނެގުން ހިމެނޭ މަޝްރޫއެއް ކަމަށެވެ.
ޓެއޯ ފާހަގަކުރެއްވީ 40 މިލިއަން ޑޮލަރުގެ މި މަޝްރޫއަކީ "ވަރަށް އަގުބޮޑު" މަޝްރޫއެއްކަމަށާއި، ގްރީން ކްލައިމެޓް ފަންޑުން ފައިސާ ހޯދުމަށް އަހަރުތަކެއް ނަގާފައިވާކަމަށެވެ. ޓުވާލޫގެ ތަރައްގެ ބައިވެރިންނަށް "ތިމާވެށީގެ ބަދަލުތަކާ އެކަށީގެންވާ ގޮތަށް ހޭދަކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގައި އިތުރަށް އެހީތެރިވެދިނުމަށް" އާދޭސްކުރެއްވި އެވެ.
ކުދި ޖަޒީރާ ގާއުމުތަކުގެ އަޑު
ނިއު ޔޯކް ޔުނިވަރސިޓީގެ ބައިނަލްއަގްވާމީ ތިމާވެށީގެ ގާނޫނާބެހޭ ޕްރޮފެސަރު އަދި ކުދި ޖަޒީރާ ގައުމުތަކުގެ އިއްތިހާދު (އޭސިއޮސް) ގެ ޤާނޫނީ ލަފާދޭ ފަރާތް، ބްރައިސް ރުޑިކް ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައި.އެލް.ސީ އިން ކުދި ގައުމުތަކުގެ ހާލަތަށް ވަރަށް ބޮޑަށް އިޖާބަދީފައިވާކަމަށެވެ. މި ގައުމުތަކަކީ އާންމުކޮށް ބައިނަލްއަގްވާމީ ގާނޫނީ މައްސަލަތަކުގައި އަޑު އިވިފައިނުވާ ގައުމުތަކެއް ނަމަވެސް، ތިމާވެށީގެ ބަދަލުތަކާއި ގުޅޭ ޤާނޫނީ ކުރިއެރުންތަކުގައި އިސް ސަފުގައި ބައިވެރިވަމުންދާ ގައުމުތަކެއްކަމަށެވެ.
ފާއިތުވި އަހަރުތަކުގައި، އޭސިއޮސް އަދި ޕެސިފިކް އައިލަންޑްސް ފޯރަމް އިން ވަނީ އެމީހުންގެ ދައުލަތްތެރިކަމާއި އަދި މިނިވަންކަމާއި، އދ. ފަދަ ބައިނަލްއަގްވާމީ ޖަމިއްޔާތަކުގައި އެމީހުންގެ މެމްބާޝިޕް، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ބަދަލުނުވާނެކަމަށް އިއުލާނުކޮށްފައެވެ.
އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގައި ތިމާވެށީގެ ބަދަލުތަކާ ގުޅޭގޮތުން ވަރަށް އިންތިޒާރުކުރެވޭ ލަފާދޭ ޚިޔާލެއް ނެރޭނެ އެވެ. މިކަމަށް އޭސިއޮސް އިން ވަނީ އެދިފައެވެ.
ޓައިމްލައިން: ބައިނަލްއަގްވާމީ ގާނޫނާއި ކަނޑުގެ ލޮނުގަނޑު އުފުލުން
2018
އައި.އެލް.ސީގެ 70 ވަނަ ޖަލްސާ: އިންޓަނޭޝަނަލް ލޯ ކޮމިޝަނުން (އައި.އެލް.ސީ) "ކަނޑުގެ ލޮނުގަނޑު އުފުލުމާއި ބައިނަލްއަގްވާމީ ގާނޫނު" މި މައުލޫއު ދިގު މުއްދަތުގެ މަސައްކަތުގެ ޕްރޮގްރާމަށް އިތުރުކުރި އެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަން 73/265: އައި.އެލް.ސީގެ އެޖެންޑާގައި މި މައުލޫއު ހިމެނުން ފާހަގަކޮށް އިތުރަށް ދިރާސާކުރުމަށް ބާރުއަޅައެވެ.
2019
އައި.އެލް.ސީގެ 71 ވަނަ ޖަލްސާ: މި މައުލޫއު ރަސްމީކޮށް އައި.އެލް.ސީގެ މަސައްކަތުގެ ޕްރޮގްރާމުގައި ހިމެނުނެވެ.
ސްޓަޑީ ގްރޫޕް އުފެއްދުން: ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅުންހުރި ގާނޫނީ ސުވާލުތަކަށް އަމާޒުކޮށް އޯޕަން-އެންޑެޑް ސްޓަޑީ ގްރޫޕެއް އުފެއްދުނެވެ.
2021
އައި.އެލް.ސީގެ 72 ވަނަ ޖަލްސާ: ކަނޑުގެ ގާނޫނަށް އަމާޒުކޮށްފައިވާ ފުރަތަމަ އިޝޫސް ޕޭޕަރ ހުށަހެޅުނެވެ. ޖަލްސާގައި މި މައުލޫއު ގުޅޭ ޕްރިލިމިނަރީ ބިބްލިއޮގްރަފީއެއްވެސް ހުށަހެޅުނެވެ.
2022
އައި.އެލް.ސީގެ 73 ވަނަ ޖަލްސާ: ދެވަނަ އިޝޫސް ޕޭޕަރ ހުށަހެޅުނެވެ. މި ޕޭޕަރުގައި މިހާރު ދައުލަތްތެރިކަމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުން އަސަރުކުރާ މީހުންގެ ހިމާޔަތަށް އަމާޒުކުރެވުނެވެ.
އދ.ގެ ސެކްރެޓޭރިއެޓް މެންޑޭޓް: ކުރިން ކޮށްފައިވާ ގާނޫނީ މަސައްކަތްތަކުގެ ޚުލާސާއެއް ތައްޔާރުކުރުމަށް އެދުނެވެ.
2023
އައި.އެލް.ސީގެ 74 ވަނަ ޖަލްސާ: ފުރަތަމަ އިޝޫސް ޕޭޕަރަށް އިތުރު ކަރުދާހެއް ހުށަހެޅުނެވެ. މި ކަރުދާހުގައި ކަނޑުގެ ސަރަހައްދުތައް، އިންތައް، އަދި ގާނޫނީ ސްޓެބިލިޓީއަށް އަމާޒުކުރެވުނެވެ. އަދި މަޝްވަރާތައް ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ދައުލަތުގެ ސިޔާދަތާއި ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ދަޢުވާތައް ހިމެނޭގޮތަށް ފުޅާކުރެވުނެވެ.
2024
އައި.އެލް.ސީގެ 75 ވަނަ ޖަލްސާ: ދެވަނަ އިޝޫސް ޕޭޕަރަށް އިތުރު ކަރުދާހެއް ހުށަހެޅުނެވެ. މި ކަރުދާހުގައި ދައުލަތްތެރިކަމުގެ ޤާނޫނީ މާނަ އަދި ބަދަލުވެފައިވާ މީހުންގެ ހިމާޔަތާ ގުޅޭގޮތުން އިތުރަށް ތަފްސީލުކުރެވުނެވެ.
ފުޅާ މަޝްވަރާތައް: ސްޓަޑީ ގްރޫޕުން ދައުލަތެއްގެ ގާނޫނީ ހައިސިއްޔަތު ހިފެހެއްޓުމުގެ ހައްގާއި ދައުލަތްތެރިކަން ދެމެހެއްޓުމަށް އޮތް ގާނޫނީ މަގުތައް ބަހުސްކުރެވުނެވެ.
2025
އައި.އެލް.ސީގެ 76 ވަނަ ޖަލްސާ:
ފައިނަލް ރިޕޯޓު ހުށަހެޅުން: އެއްކުރެވިފައިވާ ރިޕޯޓުގައި ކަނޑުގެ ގާނޫނު، ދައުލަތްތެރިކަން، އަދި މީހުންގެ ހިމާޔަތް ހިމެނުނެވެ.ރިޕޯޓު ފާސްކުރުން: އައި.އެލް.ސީން ރަސްމީކޮށް ސްޓަޑީ ގްރޫޕުގެ ނިންމުންތައް ފާސްކޮށް، އަންނަނިވި ކަންކަން ކަށަވަރުކުރިއެވެ:
ފިޒިކަލް ބިން ގެއްލުނު ނަމަވެސް ދައުލަތްތަކުން ސިޔާދަތާއި ބައިނަލްއަގްވާމީ ގާނޫނީ ހައިސިއްޔަތު ދެމެހެއްޓޭނެ އެވެ.ކަނޑުގެ ސަރަޙައްދުތަކުގެ އިންތައް ހަރުކަށިކޮށް އަދި ގާނޫނީގޮތުން ސައްހަކޮށް ދެމިއޮންނާނެ އެވެ.ރައްޔިތުން އެހެން ތަނަކަށް ބަދަލުވާން ޖެހުނު ނަމަވެސް އެމީހުންގެ ގައުމިއްޔަތު ދެމެހެއްޓޭނެ އެވެ.
ޖޫން 2025
ފްރާންސްގެ ނީސް ގައި ބޭއްވުނު އދ.ގެ ކަނޑުތަކާބެހޭ ސަމިޓް:
އައި.އެލް.ސީގެ ހޯދުންތައް އާންމުކޮށް ހުށަހެޅުނެވެ.ޓުވާލޫގެ ބޮޑުވަޒީރު ފެލެޓީ ޓެއޯ ބަދަލުވުން ލަސްކުރުމަށް ތިމާވެށީގެ ބަދަލުތަކަށް އެކަށީގެންވާ މާލީ އެހީ އިތުރުކުރުމަށް ގޮވާލިއެވެ. ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިވުމުގެ ގާނޫނީ އަދި އަހްލާގީ ޒިންމާގެ މައްޗަށް ބާރުއެޅުއްވި އެވެ.
ކަނޑުގެ ލޮނުގަނޑު އުފުލިގެން ބިންގަނޑު ގެއްލުނު ނަމަވެސް ދައުލަތްތައް ސިޔާސީގޮތުން ދެމިއޮންނަންޖެހޭކަމަށް އިންޓަނޭޝަނަލް ލޯ ކޮމިޝަނުން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ