ސަރުކާރު ދެމެހެއްޓުމުގައި ރައްޔިތުންގެ މަޖިލީހުންނާއި އޭގެ ބޭރުން ވެސް ވެދެވެން އޮތް ހުރިހާ ގޮތަކުން އެއްބާރުލުންދީ، އަންނަ ރިޔާސީ އިންތިހާބުގައި އެކުގައި ހުންނަވާނެ ކަމުގެ ޔަގީންކަމާ އެކު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރޭ ވަރަށް ބޮޑަށް ތައުރީފުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ތެރެެއިން ވަކިވެފައިވާ 'ފިކުރެއްގެ ދިރުން' އަދި މިހާރު 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީއެެއް އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހަލީމް ރޭ ވަނީ، ފ. މަގޫދޫގައި ފެނަކައިން އިމާރާތްކުރި އާ އޮފީސް ހުޅުވައި އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިޔާތުގައި، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ވާހަަކަދައްކަވާފަ އެވެ.
ތަފްސީލް - ހަލީމް ރޭ ވިދާޅުވީ، އޭނާ ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިލެއްވީ ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން، "ދޮންބިލެތް މަޖިލީހުގައި އިންނަވަން ޖެހޭނެ" ކަމަށް އެ މަނިކުފާނު ވިދާޅުވުމުން ކަމަށެވެ.
އޭނާ މަޖިލީހުގައި އިންނަވަން ޖެހޭނެ ކަމަށް ރައީސް ސޯލިހު އޭރު ވިދާޅުވި ސަބަބު އެނގިވަޑައިގެންނެވީ މިއަދުކަން ފާހަގަކުރައްވައި ހަލީމް ވިދާޅުވީ، އެ ސަބަބަކީ ސަރުކާރު ދެމެހެއްޓުމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ނުކޮށް ސަރުކާރު ނުހިފެހެއްޓޭނެ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް އައީ އެއީ އަޅުގަނޑު އިންނަން ޖެހޭ ތަނެއް ކަމަށް ރައީސް ސޯލިހަށް ފެނިވަޑައިގަތީމަ. އެހެން ނޫން ނަމަ، އެހާ ބުރަ މަސައްކަތްކޮށްގެން އަޅުގަނޑު އަންނާކަށް ނުޖެހޭނެ،" ސަރުކާރު ދެމެހެއްޓުމުގައި އެއްބާރުލުން ދެއްވާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ހަލީމް ވިދާޅުވީ:
ވޭތުވެދިޔަ ހަތަރު އަހަރު މި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަރާބަރަށް ވޯޓު ދީފައި ވާނެ؛ ކުރިއަށް އޮތް ތާނގައި ވެސް ވޯޓު ދޭނަން
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ބިލެތްދޫ ދާއިރާއިން ބޮޑު އަގުލަބިއްޔަތެއް ރައީސް ސޯލިހަށް ލިބޭނެ ކަމުގެ %100 ޔަގީންކަން އެބައޮތް
ކުރިއަށް އޮތް ތާނގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ސޯލިހަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން
ރައީސް ސޯލިހާ އެކު ހުންނެވިކަން ފާހަގަކުރައްވައި ހަލީމް އިތުރަށް ވިދާޅުވީ، ވަކި މީހެއްގެ ނުފޫޒަށް ބިރުން، އޭނާ ވަކި ފަރާތަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑަކީ ދޮންބިލެތް. މާސްކު ނެގީމަ ވެސް ފެންނާނީ ހަމަ ދޮންބިލެތް،" އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - އެމްޑީޕީގެ ފަރާތުުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ހޮވިވަޑައިގެން ހުންނެވި އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅިއިރު، އެ މައްސަލައިގައި ސޮއިނުކުރައްވާ އެ ޕާޓީގެ ފަސް މެމްބަރުންގެ ތެރޭގައި ހަލީމް ހިމެނިވަޑައިގަންނަވަ އެވެ.
އެއާ އެކު، އޭނާ ހުންނެވީ ނަޝީދުގެ ފަޅީގައި ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ.
މެމްބަރު ހަލީމް ދެއްވީ ރައީސްއާ އެކު ހުންނަވާނެ ކަމުގެ ޔަގީކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ