މާލޭގެ އަލިކިލެގެފާނު މަގުގައި ސައިކަލް ދުއްވަމުން ދިޔަ އަންހެނެއްގެ ކަރުގައި އޮތް ފަށެއް ޖަހައިގަތް މައްސަލާގައި ހައްޔަރުކުރެވުނު މީހާ 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި އިއްޔެ ހައްޔަރުކުރެވުނީ ވިލިމާލޭ، ފިޔަބަރި، ހަސަން އިސާމް (30 އަހަރު) އެވެ. ފުލުހުން މިއަދު މަޢުލޫމާތު ދިންގޮތުގައި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ދައްކާގޮތުން، އަންހެނަކު ސައިކަލް ދުއްވަމުން ދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި އިން ފިރިހެނަކު އަންހެން މީހާގެ ކަރުގައި އޮތް ފަށް ޖަހައިގަނެއެވެ. މި ޢަމަލުން އަންހެން މީހާ ވަނީ ޝޮކްވެފައެވެ. އޭނާ ވަނީ ސަލާމަތްވުމަށްޓަކައި ސައިކަލް ވައްޓާލާފައި ދުވެފައި ގޮސްފައެވެ.
ހަމަލާ ދިން ފިރިހެނާ ހުރީ މޫނު ފޮރުވުމަށް ހެލްމެޓް އަޅައިގެންނެވެ. އޭނާ ވަނީ ފަށް ޖަހައިގަތުމަށްފަހު، ދެވަނަ ފަހަރަށް އަންހެން މީހާއާ ދިމާއަށް ދުއްވާފައެވެ. މި ފަހަރު އޭނާ އުޅުނީ އަންހެން މީހާގެ އަތުގައި އޮތް އަތްދަބަސް ޖަހައިގަންނާށް ކަމަށް ބެލެވެއެވެ.
އެހެންނަމަވެސް، އެ ސަރަހައްދަށް މީހުން ގިނަވާން ފެށުމާއެކު، ހަމަލާ ދިން ފިރިހެނާ ވަނީ ސައިކަލަށް އަރައި އަވަހަށް އެތަނުން ފިލާފައެވެ.
މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަންހެނެއްގެ ކަރުގައި އޮތް ފަށް ޖަހައިގަތް މީހާ ހައްޔަރުކޮށް ކޯޓުން 7 ދުވަހުގެ ބަންދަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ