އަވަސްއަރުވާލައިގެން ވައުދެއް ފުއްދުމުގެ ބޭނުމުގައި ދިރާސީ ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން އައި ޕްރެޝަރު ކުޑަކުރުމަށްޓަކައި މަޖިލިސް މެމްބަރުންގެ ބޮލުގައި އެކަން އަޅުވައި، ދަރިވަރުންގެ އިމްތިހާނު އަވަސްކޮށް އިތުރު ޕްރެޝަރަށް ދަރިވަރުންނާއި ބެލެނިވެރިންނާއި ޓީޗަރުން ވައްޓާލުމުގެ ސަބަބުން އަގު ނުކުރެވޭނެ ފަދަ ގެއްލުންތައް ތަޢުލީމީ ނިޒާމަށްދަނީ ކުރަމުން އަންނަކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކުއްލިއަކަށް ދަރިވަރުންގެ އިމްތިހާނުތައް ބާއްވާ ތާރީޚަށް ކުރިން އެންގުމަކާނުލާ ގެނެވުނު ބަދަލުގެ ސަބަބުން ދަރިވަރުންނަށް ލިބުނު ކުއްލި ޝޮކާއި އަދި މިނިސްޓްރީގެ ރޭވުންތެރިކަމެއް ނެތުމުން ކުރަން މަޖުބޫރުވީ ކަންތައް މި ޕާޓީގެ މަޖިލިސް މެމްބަރުންގެ ބޮލުގައި އަޅުވާ މިނިސްޓްރީގެ ވެރިންގެ ނާގާބިލުކަން ފޮރުވަން ހެއްދެވި އިތުރުފުޅު ކުށްވެރިކުރާކަމަށެވެ.
މިނިސްޓްރީން، 8 ޖަނަވަރީ 2023 ގައި އާއްމު ކުރި ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދަރިވަރުންގެ އިމްތިހާނު ޝެޑިއުލްކޮށްފައިވަނީ 16 މާރިޗްއިން 27 އޭޕްރިލްއަށެވެ.
އަދި 27 އޭޕްރިލްގައި އިމްތިހާނުތައް ނިމުމުން ޕޭޕަރުތައް މާރކުކޮށް ދަރިވަރުންގެ ރިޕޯރޓު ތައްޔާރުކުރަން ޓީޗަރުންނަށް ލިބޭނީ އެންމެ 3 ދުވަހެވެ.
“މިއީ ހަމަ ގައިމުވެސް މުދައްރިސުންނަށް ވަރަށް ބުރަކަމަކަށް ވެގެންދާނެ. މިކަމާ ގުޅޭ ޝަކުވާތައް ޓީޗަރުން ދިޔައީ ކުރަމުން. އަދި އޭރު ދިރާސީ ކަލަންޑަރު ހެދިފައިވާ ގޮތުން ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި އީދު ބަންދަށް ފަހު އިމްތިހާނު ފެށުމުގެ ކުރިން ކިޔަވައިދޭން ލިބެނީ އެންމެ 2 ދުވަސް. އަދި މިގޮތަށް އިމްތިހާނުތައް ޝެޑިއުލްކުރިއިރު މި އަހަރުގެ އެސްއެސްސީ އިމްތިހާނު 25 އޭޕްރިލްގައި ފެށޭކަން ކަލަންޑަރު ހެއްދެވި ބޭފުޅާއަށް އެނގިފައިވާހެނެއް ހިޔެއް ނުވޭ. މިކަން އެނގުމުން އެސްއެސްސީ އިމްތިހާނު ފެށުމުގެ ކުރިން، 25 އޭޕްރިލްއަށް އިމްތިހާނުތައް ނިންމުމުގެ މަޤްޞަދުގައި 2 ދުވަސް ކުރިއަށް ޖައްސާނަމަ އިމްތިހާނު ފަށަން ޖެހޭނީ ބަންދަށްފަހު ހުޅުވޭ ދުވަހު. މިގޮތަށް ނުހެދޭނެތީ މިހާރު އެވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ބަންދުވުމުގެ 2 ދުވަސް ކުރިއަށް އިމްތިހާނު ފެށުމަށް ހަމަޖައްސާފަ. މި ދެއުޅިއެއްނުވާ ނިންމުން ނިންމާފައިވަނީ މަޖިލިސްގެ ކޮން ޕްރެޝަރެއް އޮވެގެންބާ?,” އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި ދިޔަ އަހަރުން ފެށިގެންވެސް އެމްޑީޕީގެ މަޖިލިސް މެމްބަރުން ދިޔައީ ރޯދަމަސް ނޫން ދުވަސްވަރެއްގައި މަޖިލިސް އިންތިހާބު ބޭއްވުމުގެ ވާހަކަ ދައްކަމުންކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ސަރުކާރުން ދިރާސީ ކަލަންޑަރަށް ބަދަލު ގެނައީވެސް އެވާހަކަ ދައްކަމުންދަނިކޮށްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
“މަޖިލިސް އިންތިހާބުގެ ތާރީހަށް ގެނެވުނު ބަދަލާ ދިރާސީ ކަލަންޑަރަށް ގެނެވުނު ބަދަލާ އެއްވެސް ގުޅުމެއްނުފެނޭ. މިހާތަނަށްވެސް ކޮންމެ 5 އަހަރަކުން އެއް ފަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުތައް ދިޔައީ ބާއްވަމުންނެވެ. މީގެ ކުރިން ދަރިވަރުންނަށް މިފަދަ ގެއްލުމެއް ދީފައެއް ނުވޭ,”
އަދި ދަރިވަރުން ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ތިބެ އުނގެނުމަށް މަގުފަހި ކުރުމަށް ސްކޫލު މެދުވެރިކޮށް ހިންގާ އިތުރު ހަރަކާތްތައް މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށޭ ބުނެ ހުއްޓާލާ، ދިރާސީ އަހަރު ކުރުގަޅުވާލާ ހަފްތާ ބަންދެއް ރޭނގަޑެއް ރަސްމީ ބަންދެއް ބެލުމެއްނެތި މުދައްރިސުން ތާ އަބަދު މަސައްކަތުގައި ތިބުމަށް މަޖުބޫރުކުރުމުގެ ސަބަބުން ޓީޗަރުން ނަފްސާނީވެ އާއިލީ ގުޅުންތައް ހީނަރުވަމުންދާ ކަމުގެ ޝަކުވާތައް ޓީޗަރުން ދަނީ ކުރަމުންކަމަށް އެމްޑީޕީން މިއަދު ބުންޏެވެ.
ޓީޗަރުންނާ ދޭތެރޭ ވިސްނާ ބައެއް ނަމަ މިފަދަ ބޮޑު ބުރައެއް ޓީޗަރުންނަށް ނުޖައްސާނެކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އަދި އިތުރު ހަރަކާތްތައް ހުއްޓާލާފައިވެސް ވަނީ ދިރާސީ އަހަރު ކުރުގަޅުވާލުމުގެ ސަބަބުން މަންހަޖުގެ ބައިތައް ނިންމުމަށް އިތުރު ވަގުތު ހޭދަކުރަން ޖެހޭތީ އެބައިތައް ސްކޫލުތަކުގައި ކުރެވެން ނެތުމުންކަން އެންމެނަށްވެސް އެނގޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
“އެއްވެސް މަޝްވަރާއެއް ރޭވުމެއް ނެތި ދަރިވަރުންނަށް ކުރާނެ އަސަރަށް ނުބަލާ މިހެން ނިންމާ ނިންމުން ތަކުގެ ސަބަބުން އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންނަށް ކުރާނެކަމީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް,”
މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ދަރިވަރުންނާ ގުޅޭ ނިންމުންތައް ނިންމުމުގައި ޒިންމާދާރުވުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
ވެރިކަން ވައްޓާލަން ޖެހިއްޖެނަމަ ވައްޓާލާނަން: ފައްޔާޒް އެމްޑީޕީން ނުކުމެ މި ތިބީ ދޮގަށް ފުރުސަތު ނުދޭން: އަބްދުالله ޝާހިދު ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ގައުމުގެ ހާލަތު އޮޅުވާލައްވާފަ: އެމްޑީޕީ ޓިކެޓު އަތުލި މައްސަލައިގައި ޖާބިރު ކޯޓަށް މ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ